ބީއެމްއެލް: 10 މުއާމަލާތުން ނުވަ މުއާމަލާތެއް ހިންގަނީ އޮންލައިންކޮށް!

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ --- ސަން ފައިލް ފޮޓޯ

ބޭންކް އޮފް މޯލްޑިވްސްގެ ކޮންމެ 10 މުއާމަލާތެއްގެ ތެރެއިން ނުވަ މުއާމަލާތް ހިނގަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިންގް މެދުވެރިކޮށް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ގާކޮށީގައި ހަދާފައިވާ "މާލެ ސްކޮއަރ" ފްލެޓު އިމާރާތުގެ ތިރީގައި ބީއެމްއެލްގެ ކަސްޓަމަރ ސާވިސް ސެންޓަރ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްގެ ކަސްޓަމަރުން ހަތަރު މިލިޔަށް ވުރެ ގިނަ މުއާމަލާތް ހިންގާފައިވަނީ އެ ބޭންކުގެ ބްރާންޗުތަކުން ބޭރުން ކަމަށެވެ.

"މިދިޔަ އަހަރުގެ ތެރޭގައި ހަތަރު މިލިޔަން މުއާމަލާތް ހިނގާފައިވަނީ ސެލްފް ސާވިސް އޭޓީއެމްތަކާއި، މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް،"

އެންޑްރޫ ވިދާޅުވީ، އެ ބޭންކުގެ ކޮންމެ 10 މުއާމަލާތުގެ ތެރެއިން ނުވަ މުއާމަލާތް ހިނގަނީ މޯބައިލް ބޭންކިންގް ނުވަތަ އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ، އޮންލައިން ޗެނަލްތައް މެދުވެރިކޮށް ބޭންކަށް މާ ޒަމާނީ، ރަނގަޅު ކޮލިޓީގެ، އަދި ރައްޔިތުންގެ ދިރިއުޅުމަށް މާ ބޮޑެތިތައް ފަސޭހަކޮށްދެވޭނެ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ބީއެމްއެލް މޯބައިލް ބޭންކިންގް އެޕްލިކޭޝަނެއް ތައާރަފުކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި ފޯނު ބޭނުންކޮށްގެން ތަންތަނަށް ފައިސާ ދެއްކޭ "މޯބައިލް ޕޭ" ޚިދުމަތް ބީއެމްއެލްއިން 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތައާރަފުކުރި އިރު، މިއަހަރުގެ ތެރޭގައި އެ ބޭންކުގެ އިންޓަނެޓް ބޭންކިންގް ޕްލެޓްފޯމްވެސް ވަނީ ޒަމާނީކޮށް، ބަދަލުތަކަކާ އެކު އަލުން ތައާރަފުކޮށްފައެވެ.

ބީއެމްއެލްއިން މިހާރު ދަނީ މުޅި ރާއްޖެއަށް އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، 300 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމެއް ކުރިޔަށް ގެންދަމުންނެވެ. އޭގެ ތެރޭގައި އާ ޓެކްނޮލޮޖީތައްވެސް ބޭންކުން ދަނީ ތައާރަފު ކުރަމުންނެވެ.

ރޭ ހުޅުވި ކަަސްޓަމަރ ސާވިސް ސެންޓަރުގައިވެސް ޒަމާނީ އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކުރެވިފައި ވާނެއެވެ.

comment ކޮމެންޓް