ކްލޫނީގެ ދެދަރިންގެ ފޮޓޯ ޕަބްލިޝްކުރި މަޖައްލާއަކާ ދެކޮޅަށް ދައުވާކުރަނީ

ޖޯޖް ކްލޫނީ އަދި އޭނާގެ އަންހެނުން އާމާލް ކްލޫނީ

ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯޖް ކްލޫނީގެ ނިބޫ ދެ ކުދިންގެ ފޮޓޯ ހުއްދަނެތި ނަގައި ޝާއިކުރި ފަރަންސޭސި ވިލާތުގެ މަޖައްލާއަކާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމައިފިއެވެ.

"ވޮއިސީ މެގަޒިން ގެ ފޮޓޯގްރާފަަކު އަހަރުމެން ގޭގެ ގަހަކަށް އަރައި އަހަރެންގެ ދެދަރިން ފޮޓޯ ވަނީ ނަގައިފައި" ކްލޫނީ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ވޮއިސީ އިން ވަނީ ޖޯޖް ކްލޫނީގެ ދެދަރިން ކަމަށް ބުނެ ފޮޓޯ ތަކެއް ޝާއިއު ކޮށްފައެވެ.

މަޝްހޫރު ވަކީލް އަދި ކްލޫނީގެ އަންހެނުން އާމާލް ކްލޫނީ ނިބޫ ދެ ކުދިން ވިހައިފައި ވަނީ މިދިޔަ ޖޫން މަހުގައެވެ. އަދި މިހާތަނަށް ވެސް އެ ދެ ކުދިންގެ ފޮޓޯ ކްލޫނީ އާންމުކޮށްފައެއް ނުވެއެވެ.

އެ ފޮޓޯތައް ނަގައިފައި ވަނީ އިޓާލީގައި ހުންނަ ކްލޫނީގެ ގޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށެވެ.

"ހިތަށްވެސް ނާރުވާތި އެފޮޓޯގްރަފާ އަދި އެމެގަޒިން އާ ދެކޮޅަށް ދައުވާ ނުކުރާނެޔޭ. އަަހަރެންގެ ދަރިންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އެކަން ކޮންމެހެން ވެސް ކުރަންޖެހޭ،" ކްލޫނީ ބުންޏެވެ.

އެ މައްސަލާގައި އެ މަޖައްލާއިން ވަނީ އެކަން ކުރީ ގިނަ ބަޔަކު އެ ދެކުދިންގެ ފޮޓޯ ޖަހައި ދިނުމަށް އެދެމުން ދާތީ ކަމަށް ބުންޏެވެ. އަދި އެ ފޮޓޯތައް ޝާއިއު ކުރުމުން އެ ދެ ކުދިންގެ ސަލާމަތަށް ނުރައްކާވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމަޖައްލާއިން ބުންޏެވެ.

comment ކޮމެންޓް