މެންބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި

މަޖިލީހުން މެންބަރުން ނެރުމުގައި ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/ ޓްވިޓާ

ރައްޔިތުންގެ މަޖިލީހަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އިމްތިޔާޒު ކޮމެޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހުށަހެޅުއްވި އެ މައްސަލާގައި ފާހަގަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ މަޖިލިސް މެންބަރުންނަށް ކޮންމެ ވަގުތަކު ވެސް ވަދެ ނިކުމުވޭނެ ތަނެއް ކަމަށް ބުނެފައިވީ ނަމަވެސް މިދިޔަ ހޯމަ ދުވަހު ސިފައިން އެ އެތަން ތަޅުލައި ފުލުހުން މެދުވެރިކޮށް މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި މަޖިލީހަށް މެންބަރުން ވަނުމުން ވެސް ސިފައިންނާއި ފުލުހުން އެ ތަނުން މެންބަރުން ގަދަކަމުން ނެރެފައިވާ ކަމަށް މަހްލޫފް ހުށަހެޅުއްވި މައްސަލާގައި ހިމަނާފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަދެގަނެ މެންބަރުންގެ ގަޔަށް ގަދަކަމުން އަތްލައި އަނިޔާވެރިވެފައިވުމާއި، އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕް ލީޑަރުގެ އޮފީސް ކޮޓެރިކޮޅުގެ ދޮރު ގަދަކަމުން ހުޅުވައި އެތަނަށް އެސްއޯ ފުލުހުންނާއި ސިފައިން ވަދެގަނެފައިވުމާއި އަދި މެންބަރުންގެ ގަޔަށް ގަދަކަމުން އަތްލައި ދަމާ ކޫތާފައި މަޖިލީހުން ބޭރުކޮށްލާފައިވުން،" މަހްލޫފް ހުށަހެޅި ކުއްލި މައްސަލާގައި ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް މަޖިލީހުން ނެރެވޭނީ މަޖިލީހުގެ ރައީސް ސާޖެންޓް އެޓް އާމްސް އަށް ލިއުމުން އެންގުމުން ކަމަށް ގަވާއިދުގައި ބުނެފައިވާ ކަން ހާމަކޮށް މަހްލޫފް ވިދާޅުވީ ޖަލްސާއެއްގެ ތެރެއިން ނޫން ގޮތަކަށް މެންބަރައްގެ ގަޔަށް މަޖިލީހުގެ ތެރެއިން ސިފައިންނަށް އަތް ނުލެވޭނެ ކަމަށެވެ.

މަޖިލީހާއި އެތަނުގެ ދަށުން ހިނގާ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާނޫނީ ބާރު ސިފައިންނަށް ލިބިގެންވީ ނަމަވެސް ފުލުހުން މަޖިލިސް ތެރެއަށް ވަނުމުން މަހްލޫފް ވަނީ ސިފައިންނަށް އެތަން ބެލެހެއްޓިދާނެ ކަމާ މެދު ސުވާލު ވެސް އުފައްދަވައިފަ އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަދި ކޮމެޓީ ބައްދަލުވުމެއް ވެސް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އަންގާފައިވާ ކަމަށާއި މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ ސިފައިން ކަމަށްވާތީ، އެ ދުވަހު އެ ފިޔަވަޅު އެޅީ މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

comment ކޮމެންޓް