އިދިކޮޅު ފަރާތްތަކުން އުއްތަމަ ފަނޑިޔާރާއި ޕީޖީއާ ބައްދަލުކުރެއްވުމަށް އެދިއްޖެ

ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން(މ) އާ އެކު އިބޫ(ކ) އަދި ގާސިމް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އުއްތަމަ ފަޑިޔާރާއި ޕްރޮސިކިއުޓާ ޖެނަރަލްއާ ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓަކަށް އެދިއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު ސޮއި ކުރައްވައި އުއްތަމަ ފަޑިޔާރު އަބްދުﷲ ސަޢީދު އާއި ޕީޖީ އާއިޝަތު ބިޝާމަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރެއްވުމަށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ބޭނުންފުޅުވާ ކަމަށާއި އެކަމަށް ޓަކައި ބައްދަލުކުރެއްވުމަށް މިއަދުގެ ވަގުތެއްގައި އެޕޮއިންޓްމަންޓެއް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

އެ ބައްދަލުވުމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު ފޮނުވާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ނަން ފޮނުވާފައި ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ނަމެވެ. އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރުގެ ނަން ހިމަނާފައިވާ އިރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން އެ ބައްދަލުމުގައި ބައިވެރިވުމަށް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އެވެ.

"...ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމްގެ ތެރެއިން މިވަގުތުން މިވަގުތަށް ވެސް ހައްލު ހޯދިދާނެ ކަންކަން ހުރުމާ އެކު އެކަންކަމާ މެދު މަޝްވަރާކޮށް ގައުމު ހަމަޖެހުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން އަދި އާއްމު މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ކުރެވިދާނެ މުހިންމު ކަންކަމާ މެދު މަޝްވަރާކުރުމަށް ޓަކައި،" ޕީޖީއާއި އުއްތަމަ ފަޑިޔާރާ ބައްދަލުކުރެއްވުމަށް އެދި ފޮނުވި ސިޓީގައި ހިމަނާފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ޕީޖީއާއި އުއްތަމަ ފަޑިޔާރާ ބައްދަކުރެއްވުމަށް އެޕޮއިންޓްމަންޓަކަށް އެދިފައިވާ އިރު ފުލުހުން އަންނަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންގެ މައްސަލަތަކެއް ތަހްގީގު ކުރަމުންނެވެ. އަދި ބައެއް މެންބަރުންގެ މައްސަލަތައް ތަހްގީގު ނިންމައި ކޯޓުން ބަލަމުން އަންނަ އިރު މަޖިލީހުގެ އިދިކޮޅު ހަތަރު މެންބަރުން މިވަގުތު ވެސް ހުންނަވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގަ އެވެ.

comment ކޮމެންޓް