ބާސާ ދޫކޮށް ނޭމާ ގޮސްފިނަމަ އެއީ ވަރަށް ބޮޑު ދެރައެއް: ސުއަރޭޒް

ބާސެލޯނާގެ ތަރި ލުއިސް ސުއަރޭޒް (ވ) ބޭނުންވަނީ ނޭމާ އެ ކްލަބުގައި މަޑުކުރާން -- ފޮޓޯ: ގެޓީ

ބާސެލޯނާގެ ފޯވާޑްލައިނުގެ އެއް ތަނބު ކަމަށްވާ ބްރެޒިލް ތަރި ނޭމާ އެޓީމު ދޫކޮށް ފްރާންސްގެ މުއްސަނދި ކްލަބު ޕީއެސްޖީއަށް ބަދަލުވާން އުޅޭ ވާހަކަ މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ.

ދުނިޔޭގެ ރެކޯޑް ބްރޭކިން ޓްރާންސްފަރއަކަށް ޕީއެސްޖީން ކުރިމަތިލާފައި ވާއިރު، މިފަހަރު ބާސާއަށް އެ ކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނުހިފެހެއްޓޭނޭކަން މިހާރު ޔަގީނާ ގާތްވެފައިވާކަން ހާމަވަނީ، ނޭމާއާ އެންމެ އެކުގައި އުޅޭ ގިނަ ކުޅުންތެރީންގެ ރާގު ބަދަލުވުމުންނެވެ.

ނޭމާގެ ޓްރާންސްފަރއާ ގުޅޭގޮތުން ބާސާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފައި ވަނީ، ނޭމާ ބާސާއާ ވަކިވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ދެރައަކަށް ވާނޭ ކަމަށެވެ.

"ބާސާ ދޫކޮށް ނޭމާ ގޮސްފި ނަމަ އެއީ ވަރަށް ބޮޑު ދެރައެއް،" ރެއާލް މެޑްރިޑް އަތުން 3-2 ލަނޑުން ރޭ ބާސާ މޮޅުވި މެޗުގެ ކުރީން އޮތް ޕްރެސް ކޮންފަރެންސްގައި ސުއަރޭޒް ބުނެފައިވެއެވެ.

"އޭނާ ދިޔަ ނަމަވެސް އަހަރެމެންނާ އޭނައާ ދެމެދު އޮތް ގުޅުމެއް ނުކެނޑޭނެ. އަހަރެމްނެ އެންމެންވެސް އެދެނީ އޭނާ މަޑުކުރަން. އެއީ ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރީންގެ ތެރޭން އެކަކު، އަހަރެމެން ބޭނުން އޭނާ އުފަލުގައި ބަހައްޓަން."

ސުއަރޭޒްގެ އިތުރުން ބާސާގެ އަންދްރޭ އިނިއެސްޓާ ވެސް ވަނީ، ނޭމާގެ ނިންމުން ހާމަކުރާން ވެއްޖެކަމަށް ބުނެފައެވެ. އިނިއެސްޓާ ބުނީ، ނޭމާގެ މުސްތަގުބަލާ މެދު ގޮތެއް ނުނިމި އޮތުމަކީ މިހާރު ބާސާގެ ހުރިހާ ކުޅުންތެރީންނަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުތަނަވަސް ކަމެއް ކަމަށެވެ.

ނޭމާގެ މައްސަލައިގައި ބާސާއިން ޕީއެސްޖީއާ ދެކޮޅަށް ޔުއެފާ ފައިނޭންޝަލް ފެއަރ ޕްލޭގެ ދަށުން ރިޕޯޓުކުރާނޭކަމުގެ އިންޒާރު ދީފައިވީ ނަމަވެސް، އެ ޓްރާންސްފަރ ކާމިޔާބުވާނޭކަން މިހާރު ޕީއެސްޖީން ވަނީ ޔަގީނާ ގާތްކޮށްފައެވެ.

comment ކޮމެންޓް