މޮޅެތި ފަންނާނުންނާއެކު މަސައްކަތް ކުރަން ލިބުމަކީ ޝަރަފެއް: ސްޓެޕް އައްޔަ

ނޯޓީ40ގައި ހަރަކާތްތެރިވާ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ) -- ފޮޓޯ: ނޯޓީ40

ދިވެހި ފިލްމީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ، ހުނަރުގެ ގޮތުން ވަރަށް ތަފާތު 18 ފަންނާނުން އެއް ފިލްމަކުން ފެނިގެންދާ، ދިވެހިފިލްމު "ނޯޓީ 40" ރިލީޒް ކުރާ ތާރީހު މިވަނީ ވަރަށް ކައިރިވެފައެވެ. މިފިލްމުގައި މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު ނުވަތަ އާންމު ނަމުންނަމަ ސްޓެޕް އައްޔަ ވެސް ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

މިއީ "ނޯޓީ 40" އާ ބެހޭގޮތުން އައްޔަ އަށް ކުރެވުނު ތަޖުރިބާތަކުގެ ވާހަކަ ސަންއާ ހިއްސާކޮށްލާ ފަހަރެވެ.

މިވަރުގެ ބޮޑު ފިލްމަކުން ފުރުޞަތު ލިބުމުން އައްޔައަށް ކުރެވުނު އިހުސާސްތަކާ ގުޅޭގޮތުން އޭނާ ބުނީ، މިދާއިރާގައި މަޝްހޫރު އެތަށް ބައިވަރު ފަރާތްތަކަކާއެކު މަސައްކަތް ކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި އަދި ޝަރަފެއްކަމަށާއި، މިހާބޮޑު ފިލްމަކުން ފުރުޞަތު ދިނުމުން ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ޕްރޮޑަކްޝަން މެނޭޖަރު އަދި ފިލްމުގެ ލީޑުން ފެނިގެންދާ އެއް އެކްޓަރު ކަމުގައިވާ އަހްމަދު ސައީދަށް ޝުކުރު އަދާކުރާކަމަށެވެ.

"ނޯޓީ 40" ގައި އައްޔަގެ ކެރެކްޓާއަކީ ފިލްމުގެ ލީޑުން ފެނިގެންދާ ތިން ތަރިންނާ ބައްދަލުވާ ކޮމިކަލް ކެރެކްޓާއެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

"ފުދޭ ވަރަކަށް ކުޑަ ރޯލެއް އިންނާނީ. އެކަމަކު އަޅުގަނޑު އަދާ ކޮށްދީފައި ވާނީ ހެއްވާ މަޖާ ބައެއް. އަޅުގަނޑު ފެނިގެންދާ ސީންތަކުން ބެލުންތެރިން ހީހީ ހަލާކުވާ ވަރުވާނެ،" އައްޔަ ބުންނެވެ.

ނޯޓީ40ގެ މަންޒަރެއްގައި ރިއްޕެ، އައްޔަ، ޖިމީ -- ފޮޓޯ: ނޯޓީ40

ފިލްމީ ދާއިރާގައި އެކިއެކި ޕްރޮޖެކްޓްތަކުގައި ނެށުންތަށް ކޮރެއޮގްރާފް ކޮށްދިނުމުގައި 1997 ން ފެށިގެން މެދު ކެނޑުމެއްނެތި މަސައްކަތް ކޮށްފައިވާ އައްޔައަށް މިފިލްމުން ފުރުޞަތު ލިބުނީ މިދާއިރާއާ ކުޑަކޮށް ދުރަށް ޖެހިލައި އެމްއެފްއޭގެ ފުޓްބޯޅަ މުބާރާތެއް އޭނާ އަމިއްލަ ރަށުގައި ކުރިޔަށް ދަނިކޮށް އެކަމުގައި މަޝްއޫލު ވެގެން އުޅެނިކޮށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސްކުރާ ނޯޓީ40އާ ބެހޭގޮތުން އައްޔަ ބުނީ މިއީ މުޖުތަމައަށް މުހިންމު އަދި އިބުރަތުން ފުރިގެންވާ ތަފާތު އެތަށްގިނަ މެސެޖުތަކެއް ދޭނެ ފިލްމެއް ކަމަށެވެ. އަދި މިހާބޮޑު ފިލްމެއްގައި އެކި އުމުރު ފުރައިގެ އަދި އެކި ކަހަލަ ހިޔާލާއި ވިސްނުމުގެ ފަންނާނުން އެއްކޮށް ގޮވައިގެން މަސައްކަތް ކޮށް އެހާ ފުރިހަމަކޮށް ފިލްމު ނިންމާލީތީ ފިލްމުގެ ޑައިރެކްޓަރު ޔޫއްޕެއަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ޔޫއްޕެ، މުހައްމަދު މަނިކު، އަހްމަދު ސައީދުު މުހިންމު ރޯލުތަކުން ފެނިގެންދާ "ނޯޓީ 40"ގައި މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު، އަލީ ސީޒަން، މަރިޔަމް އައްޒަ ގެ އިތުރުން އިބްރާހިމް ޖިހާދުވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ، ނޯޓީ40 އޮލިމްޕަހުގެ ސްކްރީނުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.

އޯގަސްޓު ދެވަނަ ދުވަހުން ފެށިގެން ޖުމުލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކާފައިވާއިރު އެ ޝޯގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފައެވެ. ބާކީ ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ބުކިން ހަދަން ބޭނުންވާ ފަރާތްތަކަށް 7530055 ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް