ގޭންގުތައް "ސައިޒު"ކުރަން ޓެގް!

މީހެއްގެ ފައިގައި ޓެގް އަޅުވާފައި-- އެނިޒާމުގެ ސަބަބުން ކުށްވެރިން ކޮންޓުރޯލް ކުރެވޭ-- ފޮޓޯ: ފުލުހުން

ރެއެއް ދުވާލެއްނެތި މީހުން ކަތިލައި މެރުން އާންމުވެއްޖެ އެވެ. އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގަނެ މީހުންގެ މުދަލަށް ގެއްލުންދެމުން އެދަނީ ތިމާމެންގެ ބާރުވެރިކަން ދައްކަމުންނެވެ. ކުރެވޭނެ ކަމެއް، ނުވަތަ އެޅޭނެ ފިޔަވަޅެއް ނެތޭ ބުނާކަހަލަ އެވެ. އެފަދަ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު ވެސް ތަކުރާރުކޮށް އެކަން އެބަ ހިނގަ އެވެ. ކޮންމެ އަކަސް މިހާތަނަށް އެޅިފައިވާ ގިނަ ފިޔަވަޅުތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ނުނިކުމެ އެވެ.

ނަމަވެސް 2016 ވަނަ އަހަރު މާޗް މަހު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެޅުއްވި ފިޔަވަޅަކާ އެކު މުޖުރިމުންތަކެއް ކޮންޓުރޯލް ކުރެވުނެވެ. އެއީ މޮނިކޮން އަމުރު ތަންފީޒު ކުރަން ފެށުމެވެ.

މީހެއްގެ ފައިގަ ޓެގް އަޅުވާފަ-- އެނިޒާމުގެ ސަބަބުން ކުށްވެރިން ކޮންޓުރޯލް ކުރެވޭ-- ފޮޓޯ: ފުލުހުން

"އަސްލު އޭރުން ސައިޒްވޭ، ހިސާބުގަނޑު އެންމެނަށް އުނދަގޫކޮށް އުޅޭ މީހުން ވަކި 8:30 ގައި ގެއަށް ވަދޭ، ދެން ގޭތެރޭ އެންމެން އެއްކޮށްގެން ތިބެނީ، އެޓެގް ނައްޓަދޭށޭ ކިޔައި ފުލުހުން ކައިރި ރޮއެވެސް ހެދި،" ގޭންގް ހަރަކާތްތައް މޮނީޓާކުރާ އިތުބާރު ހުރި މަސްދަރަކުން ބުންޏެވެ.

މޮނިކޮން އަމުރަކީ ކޮބާ؟

މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެކެވެ. އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

ހައިކޯޓުން ނެރޭ އެއަމުރު ތަންފީޒު ކުރަން ޖެހޭ ބަޔަކީ ފުލުހުންނެވެ. މިދިޔަ އަހަރު އެ އަމުރު ތަންފީޒު ކުރަން ފެށި ނަމަވެސް މިހާރު އެކަން އޮތީ ހުއްޓިފަ އެވެ.

ރާއްޖޭގައި އެ އަމުރު ތަންފީޒު ކުރުމަށް ކުށްކުރާނެ ކަމަށް ތުހުމަތު ކުރެވޭ މީހުން މޮނީޓާ ކުރަމުން ދިޔައީ އެމީހުންގެ ފައިގައި ޓެގެއް އަޅުވައިގެންނެވެ. އެ ޓެގްގެ ސަބަބުން ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމަކަށް އެމީހުން އުޅޭނޫޅޭ ގޮތް ބެލެ އެވެ.

"އެ އަމުރު ނެރުމުން ޓެގް އަޅުވާ މީހަކަށް އުޅެވޭނީ ކޮން ހިސާބެއްގައި ކަމާއި އޭނާ ބޭރުގައި އުޅެވޭނީ ކޮން ގަޑިތަކެއްގަކަން ފުލުހުން ކަނޑައެޅީމާ ޓެގް އެގޮތަށް ސެޓް ކުރެވޭނެ. ފުލުހުން އަންގާ ހިސާބުން ބޭރަށް ހިނގައްޖެއްޔާ ފުލުހުންގެ އިދާރާގައި އިންނަ ސިސްޓަމުން އެލާމް އަޅާނެ، އެހެންވީމާ އެމީހުން އުޅޭނޫޅޭ ބެލޭނެ،" ޓެގްގެ އެކްސްޕާޓެއް ވިދާޅުވި އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގަ އަޅުވާ ޓެގާއި އޭނާ މޮނީޓާ ކުރަން ބޭނުންކުރާ ޖީޕީއެސް ސިސްޓަމް--

އެއަމުރާ އެކު ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމާއި، މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަރ ޕްރިންޓް ފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވެ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މޮނިކޮން އަމުރުގެ ދަށުން ފިޔަވަޅު އަޅާފައިވާ މީހަކު އެ އަމުރުގެ އެއްވެސް ފިޔަވަޅަކާ ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ. އެ ކުށެއްގެ އަދަބެއްގެ ގޮތުން ގިނަވެގެން 18 މަސްދުވަހަށް ގޭބަންދުކުރުން ނުވަތަ ޖަލަށް ލެވިދާނެ އެވެ.

އެ އަމުރާ ޚިލާފު މީހެއްގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތުން ގޮތެއް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ފެނިގެން އެކަމަށް ލިޔުމަކުން ކޯޓުގައި އެދިއްޖެ ނަމަ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރޭނެ އެވެ.

ނަތީޖާ ވަރަށް ރަނގަޅު: ފުލުހުން

އިސްވެ ފާހަގަ ކުރި ގާނޫނާ އެކު މުޖުރިމުން ކޮންޓުރޯލް ކުރުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންވެ އެވެ. އޭގެ ނަތީޖާ ވެސް ވަރަށް ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

ޓެގްއަޅުވާފައިވާ ކުށްވެރިން މޮނީޓާ ކުރަން ދިވެހި ފުލުހުން ގެންގުޅޭ ސިސްޓަމް-- ފޮޓޯ: ފުލުހުން

"ހަގީގަތުގައި އެއީ ވަރަށް ފަސޭހަ ނިޒާމެއް، އަދި އެޑްވާންޓޭޖްސް ހުރީ، ޓެގް އެޅުވުމުން އެމީހުންނަކަށް ނުކެރޭ ކުރިން އުޅޭހެން އުޅޭކަށް. ބުނާގޮތް ނުހަދައިފި ނަމަ ޖަލަށް ލެވޭ، އެހެންވީމާ އެމީހުން އުޅޭ ބުނާގޮތް ހަދައިގެން،" ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެގް އެޅުވި ދުވަސްވަރު ކުށްވެރިން މޮނީޓާ ކުރުމުގެ އިތުރުން ބޮޑެތި ކުށްތައް ކުރުން ކޮންޓުރޯލް ކުރެވުނު ކަމަށެވެ.

"މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ގާއިމް ކޮށްފައި. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެ،" ފުލުހުން ބުންޏެވެ.

ދުނިޔޭގައި ތަޖުރިބާކުރާ ކާމިޔާބު ނިޒާމެއް

އެގޮތަށް ޓެގް އަޅުވައިގެން ކުށްވެރިން މޮނީޓާ ކުރުމަކީ އެމެރިކާ، އޮސްޓުރޭލިއާ ސުކޮޑްލެންޑް އަދި އިންގުލެންޑް ފަދަ ގައުމުތަކުގައި ވެސް ބޭނުންކުރާ ނިޒާމެކެވެ. އެގައުމުތަކުގައި ޓެގް ބޭނުން ކުރަނީ ޖަލުން ދޫކުރާ މީހުން ބަލަހައްޓައި އެމީހުންނަށް ފާރަވެރިވުމުގެ ގޮތުންނެވެ.

އެމެރިކާގެ ސިޓީއެއް ކަމަށްވާ ފުލޮރިޑާގެ ފުލުހުން 1998 އިން 2008 އަކަށް ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން އެގޮތަށް ޓެގް އަޅުވައި މޮނީޓާ ކުރުމުގެ ސަބަބުން ކުށްކުރާ މީހުން އިތުރު ކުށްތައް ކުރުމުގެ ނިސްބަތް 94 ޕަސެންޓް ދަށްވާ ކަމަށް ބުނެފައިވެ އެވެ.

ރިހިބިލިޓޭޓް ކުރަން ޖެހޭ

ކުށްވެރިންތަކެއް ޖަލަށް ލުމަކީ އަދި އޭނާ އިސްހާލުވާނެ ސަބަބެއް ކަމަށް ބަލައިގެން ނުވާނެ އެވެ. އެހެން އެކަން ނުވާކަން ތަކުރާރުކޮށް ކުށް ކުރާ މީހުންގެ ނިސްބަތް އިތުރުވާތީ ވެސް އެބަހާމަވެ އެވެ. ޓެގް އެޅުވުން ވެސް ހަމަ އެފަދަ އެވެ. ކުށްވެރިން ގޭގައި ތިބި ނަމަވެސް އެމީހުން ތިބެނީ ހަމަ ކުށްކުރުމުގެ ވިސްނުމުގެ ތެރޭގަ އެވެ. އެހެންކަމުން އެމީހުންނަށް ހެޔޮމަގު ދައްކައިދީ އަނބުރާ މުޖުތަމައުއަށް ނެރެން މަސައްކަތްތަކެއް ކުރަންޖެހެ އެވެ.

"މަސްތުވާތަކެތީގެ ވަބާގައި ޖެހިފަ ތިބި މީހުން ވެސް މިއުޅެނީ ރިހިބިލިޓޭޓް ނުކުރެވި، އެހެންވީމަ އަދި އެހެން ބަޔަކު ރިހިބިލިޓޭޓް ކުރަން ގޮންޖެހުންތަކެއް އެބަހުރި، ނަމަވެސް ހައްލަކަށް އަންނާނީ ރިހިބިލިޓޭޓްކޮށްގެން،" ސަލާމަތީ ބާރެއްގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ އަކަސް މީހުން މެރުމާއި ބޮޑެތި ޖަރީމާތައް ހިންގުން އާންމުވެފައިވާ އިރު އެމީހުން ހުއްޓުވުމަށް މިވަނީ ފިޔަވަޅުތަކެއް އަޅަންޖެހިފަ އެވެ. އޭގެ ތެރެއިން ވެސް ހާއްސަގޮތެއްގައި އެމީހުން ކޮންޓުރޯލް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެ އެވެ. އެގޮތުން ޓެގް އަޅުވައި މޮނީޓާ ކުރުމަކީ ނަތީޖާ ނުކުންނާނެ ކަމެއްކަމަށްބެލެވެ އެވެ. ދެން އެއާ އެކު އިސްކަންދޭންވީ ރިހިބިލިޓޭޓް ކުރުމަށެވެ.

comment ކޮމެންޓް