ހުޅުމާލޭގައި އޯޓިޒަމް ސެންޓަރެއް ހުޅުވައިފި

އޯޓިޒަމް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އޯޓިޒަމް ހުންނަ ކުދިންނަށް ޚިދުމަތްތައް ދިނުމަށްޓަކައި ހުޅުމާލޭގައި "އޯޓިޒަމް ސެންޓަރ"ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި، އޯޓިޒަމް ސެންޓަރު ހުޅުވައިދެއްވީ ރާއްޖެއަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދުރު އަލް ކަހައިލެވެ.

ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު އަޅާފައިވަނީ، އެކަން ކުރުމަށް ދިވެހި ސަރުކާރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ހިލޭ ދިން ބިމެއްގައެވެ. އެ ބިމުގައި އޯޓިޒަމް ސެންޓަރު ހިންގުމަށް ފަސް ބުރީގެ އިމާރާތެއް އެޅީ ސައުދީ ސަރުކާރުގެ ހިލޭ އެހީގައެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ސައުދީ އެމްބަސީގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާޕާސަން އިލްހާމް ހުސައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫންވެސް އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ދުންޔާ "ސަން"އަށް ވިދާޅުވި ގޮތުގައި، މި ސެންޓަރު ހުޅުވުމަކީ އޯޓިޒަމް އެސޯސިއޭޝަނުގެ ޚިދުމަތްތައް ދިނުން ފުޅާކުރުމަށް ކުރިޔަށް އެޅިގެންދިޔަ ވަރަށް ބޮޑު ފިޔަވަޅެކެވެ. އަދި އެކަމަށްޓަކައި ދުންޔާ ވަނީ، އޯޓިޒަމް އެސޯސިއޭޝަނުގެ ޗެއާޕާސަން އިލްހާމް ހުސައިނަށާއި، މެނޭޖިންގް ޑިރެކްޓަރު އިފްހާމް ހުސައިނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ހުޅުމާލޭގައި އެޅިގެން ދިޔަ އޯޓިޒަމް ސެންޓަރަކީ 300 ދަރިވަރުންގެ ކެޕޭސިޓީއަކާ އެކު ހުޅުވި ތަނެކެވެ. ގިނަ ޚިދުމަތްތަކާއި ފެސިލިޓީތަކަކާ އެކު، ފުލީ ފެލްޖްޑްކޮށް ހުޅުވި މި ތަނުން އޯޓިޒަމް ކުދިންނަށް ތައުލީމާއި އުނގަންނައިދިނުމުގެ ޚިދުމަތުގެ އިތުރުން ޓްރީޓްމެންޓާއި ތެރަޕީގެ ކަންކަންވެސް ކުރިޔަށް ދާނެއެވެ. މި ޚިދުމަތްތައް މީގެ ކުރިން ދެމުން ދިޔައީ މާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަނުންނެވެ. އެހެން ނަމަވެސް ދެން އެކަންކަން ކުރިޔަށް ދާނީ ހުޅުމާލޭ އޯޓިޒަމް ސެންޓަރުންނެވެ.

comment ކޮމެންޓް