ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ބުނެ ދެ ފުލުހެއްގެ މައްސަލަ އެންއައިސީއަށް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުން: ފޮޓޯ/ ރައީސް އޮފީސް

ވޭތުވެދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އެމްޑީޕީ އޮފީސް ކައިރީގައި ކުރިއަށް ދިޔަ ހަރަކާތްތައް ކަވަރުކުރަމުންދިޔަ ބައެއް ނޫސްވެރިންނަށް އަނިޔާކޮށް، އެއްވުން ކަވަރު ކުރަން ހުރަސް އަޅައި އެ ނޫސްވެރިން ގެންގުޅުނު ސާމާނުތަކަށް ގެއްލުން ދިން ކަމަށް ބުނެ އެމްޑީޕީން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ދެ މައްސަލައެއް ހުށައަޅައިފިއެވެ.

"ސަން" އާ ވާހަކަދައްކަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވީ، ނޫސްވެރިންނަށް އަނިޔާކުރި މައްސަލައިގައި ދެ ފުލުހެއްގެ މައްސަ އެންއައިސީއަށް ހުށަހަޅާފައިވާކަމަށެވެ.

އަނަސް ވިދާޅުވީ އެންއައިސީއަށް ހުށަހަޅާފައިވަނީ ސްޓާފް ސާޖަންޓް އަލީ އަހުމަދާއި ލާންސް ކޯޕްރަލް އަހްމަދު އިމްތިޔާޒްގެ މައްސަލަ ކަމަށެވެ.

އަނަސް ވިދާޅުވީ އިއްޔެ ހުށަހެޅި ދެ މައްސަލައިގެ ތެރޭގައި ރާއްޖެޓިވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމަށް އަނިޔާކުރި މައްސަލަ ހިމެނޭ ކަަމަށެވެ. އަދި ދެ މައްސަލައާ ގުޅިގެން އެ ދެ ފުލުހުން ނޫސްވެރިންނަށް ހުރަސްއަޅާ މަންޒަރު ދައްކުވައިދޭ ވީޑީއޯ ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެއްވުން ކަވަރުކުރަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ ސަންގު ޓީވީގެ ހަތަރު ނޫސްވެރިންނާއި، ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކު ހައްޔަރުކޮށްފައިވާއިރު އަނަސް ވިދާޅުވީ މިހާތަނަށް އެންއައިސީއަށް މި ދެ މައްސަލަ ހުށަހެޅި ނަމަވެސް ކުރިއަށް ްއޮތް ތަނުގައި ހެކި ލިބޭ ވަރަކުން އިތުރު މައްސަލަތައްވެސް ހުށަހަޅަމުންދާނެ ކަމަށެވެ.

comment ކޮމެންޓް