ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި

ކޮޅުބުގައި ދެ ދުވަހަށް ކުރިއަށް ގެންދިޔަ ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން މިއަދު ފަށައިފި އެވެ.

މިއަދު ކޮޅުބުގައި ފެއްޓި ބައްދަލުވުމުގައި ސާކްގެ ގިނަ ގައުމަކުން ބައިވެރިވެ، ސިއްޙަތާ ބެހޭ މުހިއްމު ކަންކަން މަޝްވަރާކޮށް، ސަރަހައްދީ ފެންވަރުގައި ސިއްޙަތު ކުރިއެރުވުމަށް މުހިއްމު ނިންމުންތަކެއް ނިންމި ކަމަށް ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ މި އަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބުރާހީމް ކަމަށާއި މިނިސްޓަރުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައްދަލުވުމުގައި ބައިވެރިވި ކަމަށެވެ.

އެ ބައްދަލުވުމުގައި ފަސް ވަނަ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ނިންމި ކަންތައްތައް ހާސިލު ކުރެވުނު މިންވަރަށް ރިއާޔަށްކޮށް، މިވަގުތަށް މި ސަރަހައްދުގެ ގައުމުތަކުން، އެންމެ މުހިއްމުކަން ދީގެން ހައްލުކުރަން ބޭނުންވާ ސިއްޙީ މައްސަލަތައް ހިމަނޭ ގޮތަށް އެކުލަވާލެވިފައިވާ "ކޮލޮމްބޯ ޑެކްލެރޭޝަން: ކޯލިންގް ފޯ އެކްސެލެރޭޓެޑް ޕްރޮގްރެސް އޮން ކީ ރީޖަނަލް ހެލްތު އިޝޫޒް" ތަންފީޒް ކުރުމަށް ގައުމުތަކުން އެއްބަސްވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ސަރަހައްދީ ގޮތުން ސިއްޙީ ކުރިއެރުން ގެނައުމަށް އަމާޒުކޮށްގެން ތައްޔާރުކުރި ޑެކްލެރޭޝަންގައި ހިމެނޭ މުހިއްމު ކަންތައްތަކަކީ، ކުދިން ހެދިބޮޑުވުމަށް ކުރާ ނޭދެވޭ އަސަރު ނައްތާލުމަށް މައިންނަށާއި ކުދިންނަށް ރަނގަޅުކާނާ ދިނުމުގެ ކަންކަން ކުރިއެރުވުމާއި ސާފުތާހިރުކަން ކުރިއެރުވުމާއި ގައިންގައަށް އަރާ ބަލިތަކާއި ގައިން ގައަށް ނާރާ ބަލިތަކާއި މަދިރިން ޖެހޭ ބަލިތަކާއި މޫސުމަށް އަންނަ ބަދަލާ ގުޅިގެން އިންސާނުންގެ ޞިއްޙަތަށް ކުރިމަތިވެދާނެ ސިއްޙީ ނުރައްކާތަކާ ގުޅޭ ގޮތުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމާއި އެންމެހާ ބޭސްވެރިކަމެއް ހިމެނޭ ގޮތަށް ގައުމުތަކުގެ ޞިއްޙީ ނިޒާމުތައް ހަރުދަނާ ކުރުމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ރިސާޗް ހެދުމަށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ޙާއްސަކޮށް މަދިރީގެ ޒަރީއާއިން ފެތުރޭބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިއްމު ރިސާޗުތައް ހެދުމެވެ.

comment ކޮމެންޓް