އަހަރު ދެބައިވި އިރު އުރީދޫ ގްރޫޕަށް 300 މިލިޔަން ޑޮލަރުގެ ފައިދާއެއް

އުރީދޫ --

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމިފައިވާ އިރު، ގަތަރުގެ ޓެލެކޮމް ކުންފުނި އުރީދޫ ގްރޫޕަށް ފައިދާގެ ގޮތުގައި 300.7 މިލިޔަން ޑޮލަރު ލިބިއްޖެ އެވެ.

ގަތަރާއި ދިވެހިރާއްޖެ ވެސް ހިމެނޭގޮތަށް ދުނިޔޭގެ 12 ގައުމެއްގައި އުރީދޫ ގްރޫޕުގެ ދަށުން ހިންގާ ޓެލެކޮމް ނެޓްވޯކުތައް އޮވެ އެވެ.

އުރީދޫ ގްރޫޕުން ނެރުނު އެކުންފުނީގެ 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓާ ރިޕޯޓް ދައްކާ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނީ 140.6 މިލިޔަން ޑޮލަރުގެ ފައިދާއެކެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާއާ އަޅާ ބަލާއިރު 12 ޕަސަންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ ގްރޫޕަށް 159.8 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.

އުރީދޫ ގްރޫޕުން ބުނީ، ދެވަނަ ކުއާޓަރުގައި އެ ގްރޫޕަށް އެންމެ ބޮޑަށް އާމްދަނީ ލިބިފައި ވަނީ އުރީދޫ ގަތަރު، އުރީދޫ އޮމާން، އުރީދޫ ކުވައިތު، އުރީދޫ ޓޫނީސިއާ، އިރާގުގައި ޚިދުމަތްދޭ "އޭޝިއާސެލް"، އިންޑޯސެޓް އުރީދޫ، އަދި އުރީދޫ މޯލްޑިވްސްއިން ކަމަށެވެ.

މިއަހަރުގެ ދެ ކުއާޓަރުގެ ހިސާބުތައް އެއްކޮށްލައިގެން ބަލާއިރު، މިހާތަނަށް އުރީދޫ ގްރޫޕަށް ވަނީ 4.5 ބިލިޔަން ޑޮލަރުގެ އާމްދަނީއަކާ އެކު، 300.7 މިލިޔަން ޑޮލަރުގެ ފައިދާއެއް ޖެހިފައެވެ.

އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ ވިދާޅުވީ، މިއީ އަހަރުގެ ފުރަތަމަ ބަޔަށް ބަލާއިރު ވަރަށް ރަނގަޅު ނަތީޖާތަކެއް ކަމަށެވެ. އަދި ފައިދާއާއި އާމްދަނީ ވެސް ވަރުގަދަވެ، ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް