ސީލައިފް ޒެޑް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އެފްސީ މާސިންގާއަށް

މިނިވަން ދުވަހުގެ އުފަލުގައި ވ. ފެލިދޫ ޒެޑް ޖަމިއްޔާއިން އިންތިޒާމްކޮށްގެން، " ސީލައިފް ޒެޑް ފުޓްސަލް ޗެލެންޖު 2017"ގެ ނަމުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަން އެފްސީ މާސިންގާ -- ފޮޓޯ: ޒެޑް

މިނިވަންދުވަހުގެ އުފަލުގައި ވ. ފެލިދޫ ޒެޑް ޖަމިއްޔާއިން އިންތިޒާމްކޮށްގެން، " ސީލައިފް ޒެޑް ފުޓްސަލް ޗެލެންޖު 2017"ގެ ނަމުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ މާސިންގާއިން ހޯދައިފިއެވެ.

ވ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ މާސިންގާއިން ހޯދީ، ފައިނަލްގައި ކެޕްޓަން ތިނަދޫއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށްގެންނެވެ.

ހުކުރު ދުވަހު ފެލިދޫ ދަނޑުގައި، ކެޕްޓަން ތިނަދުއާއި އެފްސީ މާސިންގާ ވާދަކުރި ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހުނަރުވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ.

އެފްސީ މާސިންގާއިން މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް، ބޭއްވި ޕެނަލްޓީ ޝޫޓްއައުޓްގައި ކެޕްޓަން އެފްސީގެ މައްޗަށް 4-2 ލަނޑުން ކުރި ހޯދައިގެންނެވެ.

މިނިވަން ދުވަހުގެ އުފަލުގައި ވ. ފެލިދޫ ޒެޑް ޖަމިއްޔާއިން އިންތިޒާމްކޮށްގެން، " ސީލައިފް ޒެޑް ފުޓްސަލް ޗެލެންޖު 2017"ގެ ނަމުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ރަނަރަޕް ކެޕްޓަން އެފްސީ -- ފޮޓޯ: ޒެޑް

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެފްސީ މާސިންގާގެ މޫސާ އިސްމާޢީލް އެވެ.

މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ތަށްޓާއި މެޑަލް ދެވިފައި ވާއިރު ޗެމްޕިއަން ޓީމަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.

މި މުބާރާތަކީ މިހާތަނަށް ވ. އަތޮޅުގައި ބޭއްވުނު އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތެވެ.

comment ކޮމެންޓް