ފަޒާގައި ސެޓެލައިޓް ބެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ޖައްވީ އުޅަނދެއް އީރާނުން ތަޖްރިބާކޮށްފި

ޖައްވީ ރޮކެޓްގައި ހަރުކުރާ ޖައްވީ އުޅަނދު އީރާނުން ތަޖްރިާކުރި

ތެހެރާން (ޖުލައި 29): ފަޒާއަށް މީހުން ފޮނުވުމަށާއި ފަޒާގެ އޯބިޓް ތަކުގައި ސެޓަލައިޓް ބެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ޖައްވީ އުޅަނދެއް (ޑިރިޖިބްލް އެއް) އީރާނުން ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފިއެވެ.

އީރާނުން މިއުޅަނދު ކާމިޔާބުކުރީ އެގައުމުން ބުރާސްފަތު ދުވަހު އިފްތިތާޙް ކުރި ފަޒާގެ ދިރާސާތަކާބެހޭ މަރުކަޒު އިފްތިތާޙް ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސް ހަސަން ރޫހާނީ އާއި އީރާނުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އީރާނުގެ ރައީސް އިފްތިތާޙް ކޮށްދެއްވި ފަޒާގެ ދިރާސާތަކާބެހޭ މަރުކަޒުގެ ނަމަކީ "އިމާމް ޚުމައިނީ ނެޝަނަލް ސްޕޭސް ސެންޓަރ" އެވެ.

މިއީ ސެޓަލައިޓާއި ފަޒާގެ ދިރާސާތައްކުރާ އުޅަނދުތައް އުފެއްދުމަށާއި އެތަކެތި ފަޒާއަށް ފޮނުވުމަށާއި ދުރުން އެތަކެތި ކޮންޓްރޯލްކޮށް އޭގެ ހާލަތުބަލައި އެއިން ފޮނުވާ މައުލޫމާތާއި ފޮޓޯ ފަދަ ތަކެތި ހޯދައި އެތަކެތި ތަހްލީލް ކުރުމަށްޓަކައި ކަމާބެހޭ ވަސީލަތްތަކާއެކު އުފެއްދި ފަޒާއާބެހޭ މަރުކަޒެކެވެ.

ޖައްވީ އުޅަނދު ފޮނުވާލުމަށް ބޭނުންކުރާ ރޮކެޓް ގެ ބައިތައް

މި މަރުކަޒު އިފްތިތާޙް ކުރުމުގެ ގޮތުން ފަޒާއަށް އުދުއްސާލި ޖައްވީ އުޅަނދުގެ ނަމަކީ ފާރިސީ ބަހުން "ސިމްރަގް" އެވެ. "ސިމްރަގް" އަކީ 250 ކިލޯގްރާމްގެ ބަރުދަންހުންނަ ސެޓަލައިޓްތަކާއި ޖައްވީ ދިރާސީ އުޅަނދުތައް ހިފައިގެން ބިމުން ފެށިގެން 500 ކިލޯމީޓަރުގެ މަތީގައިވާ އޯބިޓްތަކަށް ދަތުރުކޮށް އެ އޯބިޓްތަކުގައި އެތަކެތި ބެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ޖައްވީ އުޅަނދެކެވެ. އެ އުޅަނދާއެކު 250 ކިލޯގްރާމްގެ ބަރުދަންހުންނަ ޑަމީ ސެޓަލައިޓެއްވެސް އީރާނުންވަނީ ޖައްވުގެ އޯބިޓަކަށް ފޮނުވާލާފައެވެ.

އީރާނުން އެންމެ ފުރަތަމަ ތަޖްރިބާ ސެޓަލައިޓެއް ޖައްވަށް ފޮނުވާލާފައިވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އެއަށްފަހު 2013 ވަނަ އަހަރު އީރާނުންވަނީ މޫސުމާބެހޭ ސެޓަލައިޓަކާއި ޖާސޫސީ މައުލޫމާތު އެއްކުރާ ސެޓަލައިޓެއް ޖައްވަށް ފޮނުވާލާފައެވެ. އެއަށްފަހު އީރާނުންވަނީ ރާމާ މަކުނަކާއި ބައެއް ދިރޭ ތަކެތިވެސް އަޖުމަ ބެލުމަށް ފަޒާއަށް ފޮނުވާފައެވެ.

މިއީ ފަޒާގެ އިލްމުގައި ކުރިއަރާފައިވާ ގައުމުތައްވެސް ފުރަތަމަ ތަޖްރިބާ ކުރި ކަންކަމެވެ. ނަމަވެސް މިއީ ފަޒާގެ އޯބިޓް ތަކުގައި ސެޓަލައިޓާއި ދިރާސާ އުޅަނދުތައް ބެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ޖައްވީ އުޅަނދެއް އީރާނުން އުފައްދައި ތަޖްރިބާކުރި ފުރަތަމަ ފަހަރެވެ.

މި އުޅަނދު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ސެޓަލައިޓް މުސްތަގްބަލްގައި ޖައްވަށް ފޮނުވާނެކަމަށް އެގައުމުގައި ބުރާސްފަތު ދުވަހު އިފްތިތާޙް ކުރި "އިމާމް ޚުމައިނީ ނެޝަނަލް ސްޕޭސް ސެންޓަރ" އިން ނެރުނު ބަޔާނެއް ބުނެއެވެ. އަދި މިއީ އިންސާނުން ފަޒާއަށް ފޮނުވުމަށްވެސް ބޭނުންކުރަން ހަމަޖެހިފައިވާ އުޅަނދެކެވެ. އީރާނުން ގެންދަނީ 2019 ވަނަ އަހަރުު އިންސާނަކު ފަޒާއަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ،

އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ޖައްވަށް ސެޓަލައިޓެއް ފޮނުވި ފުރަތަމަ އިސްލާމީ ގައުމެވެ. އަދި އަމިއްލަ ޓެކްނޮލޮޖީގައި ޖައްވީ އުޅަނދެއް ތަރައްގީކޮށް ތަޖްރިބާކުރި ފުރަތަމަ އިސްލާމީ ގައުވެސް މެއެވެ. ނަމަވެސް އިސްލާމީ އެހެން ގައުމެއްކަމަށްވާ ޕާކިސްތާނުންވަނީ ފަޒާގެ އޯބިޓްތަކަށް ރޮކެޓެއް ފޮނުވުމުގައި ކާމިޔާބު ހޯދާފައެވެ. އަދި ތުރުކީއާއި އިންޑޮނީޝިޔާއިންވެސް ގެންދަނީ އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް އުފައްދައި ޖައްވަށް ފޮނުވުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. އެދެ ގައުމުންވެސް ކުރިޔަށްއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ޖައްވަށް ސެޓަލައިޓް ފޮނުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

"އިމާމް ޚުމައިނީ ނެޝަނަލް ސްޕޭސް ސެންޓަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ރޫހާނީ ވާހަކަ ދައްކަވަނީ

އީރާނުން ތަޖްރިބާކުރި ޖައްވީ އުޅަނދު "ސިމްރަގް" ގައި ހަރުކޮށްފައިވާ ބާރުގަދަ ރޮކެޓްތަކަކީ އެގައުމުން އަމިއްލައަށް އުފައްދާފައިވާ ޖައްވީ ރޮކެޓްތަކެކެވެ. އެއީ ސޮލިޑް ފިއުލްގެ ރޮކެޓްތަކެއް ކަމަށްވެސް އީރާނުން ބުނެއެވެ.

މެދުއިރުމައްޗަށް ބަލާއިރު ޖައްވަށް ސެޓްލައިޓް ފޮނުވުމުގެ ގާބިލްކަން ފުރަތަމަ ހޯދި ގައުމަކީ އިސްރާއީލެވެ. އެއީ އެމެރިކާގެ އެހީތެރިކަމާއެކުގައެވެ. ދެވަނައަށް އެގާބިލްކަން ހޯދީ އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އީރާނުންނެވެ. ނިއުކްލިޔަރ ހަތިޔާރަށް ބަލާއިރުވެސް މެދުއިރުމަތީގައި ނިއުކްލިޔަރ ގާބިލްކަން ހޯދި ފުރަތަމަ ގައުމަކީ އިސްރާއީލެވެ. އެއީ އެމެރިކާގެ އެހީތެރިކަމާއެކުގައެވެ.

އީރާނަކީވެސް ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހުރިގައުމެއްކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ބުނެއެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލާއި ޔޫރަޕްގެ ފިއްތުންތަކާއެކު އީރާނުންވަނީ ނިއުކްލިޔަރ ބޮން ހެދުމުގެ މަސައްކަތް މީގެދެއަހަރުކުރިން ވަނީ ހުއްޓާލާފައެވެ. އެއީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމާއެކު އެމައްސަލާގައި އދ. ންނާއި އެމެރިކާއާއި ޔޫރަޕުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް 2016 ވަނަ އަހަރުވަނީ އުވަލާފައެވެ. ނަމަވެސް އީރާނުގެ މިސައިލް ޕްރޮގްރާމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދަނީ ކުރިއަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ސޮއިކުރި އީރާނުގެ ނިއުކްލިރަ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމާއެކު އީރާނުން ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންގެންދަނީ މަދަނީ ބޭނުންތަކަށް އެކަންޏެވެ. ނަމަވެސް ނިއުކްލިޔަރ ޓެކްނޮލޮޖީ އަކީ އެކަށްޗެއްކަމުން މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރިނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔަރ ބޮން އުފެއްދުމުގެ ގާބިލްކަން އެގައުމަށް ލިބިފައިވެއެވެ.

އީރާނުން ނިއުކްލިޔަރ ޓެކްނޮލޮޖީ އާއި ފަޒާއާބެހޭ ޓެކްނޮލޮޖީ ތަރައްގީކޮށްފައި މިވަނީ އެމެރިކާއާއި ޔޫރަޕުން މީގެ ތިރީހަކަށް އަހަރު ކުރީއްސުރެ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް