ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކޮށްފި

ޖުލައި 25، 2017: މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފު އާއި ރައީސް ބައްދަލުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް އެ މަގާމުގައި ހުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ފަނޑިޔާރު އާސިފް ސައީދު ޚޫސާ ބެންޗު ބަލަހައްޓަވާ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ، ހަ ހަފްތާގެ ތެރޭގައި ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާކުރުމަށް ނޭޝަނަލް އެކައުންޓަބިލިޓީ ބޯޑުގެ މައްޗަށް އަމުރުކޮށްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ނަވާޒް ޝަރީފް ދުރުކުރުމަށް އެގައުމުގެ ސުޕްރީމްކޯޓުން މިއަދު ނިންމާފައި ވާއިރު، ނަވާޒުގެ މައްޗަށް ތުހުމަތުކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައި ވަނީ ޖުލައި 21 ވަނަ ދުވަހުއެވެ.

އުމުރުން 67 އަހަރުގެ ޝަރީފްގެ މައްޗަށް ދައުވާކޮށްފައި ވަނީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅުފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ނަވާޒް ޝަރީފް އާއި އޭނާގެ އާއިލާއިން ޕާކިސްތާނުގެ ދައުލަތުގެ ފައިސާ ގަތަރަށް ގެންގޮސް އެފައިސާއިން ލަންޑަނުން ގެތަކެއް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މިއީ މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ މައްސަލައިގެ ގޮތުގައި ވިލީކްސް އިން މީގެ ދެއަހަރު ކުރިން ބޭޒާރުކޮށްލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. އެހެންނަމަވެސް ޝަރީފް ވަނީ އޭނާއާ މެދު ކުރެވުނު ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައާއި މިނޫން ވެސް ނަވާޒް ޝަރީފާ ގުޅޭ އެތައް މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ދުރުކުރަން ފެނޭތޯ ބެލުމަށް ފަސްފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ބެންޗެއް ސުޕްރީމް ކޯޓުން އެކުލަވާލުމުން އެ ބެންޗުގެ ފަސްފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ނަވާޒް ޝަރީފް ވަގުތުން މަގާމުން ދުރުކުރަން ފެންނަކަމަށް އެންމެ ފުރަތަމަވެސް ނިންމައިފައެވެ. އަނެއް ތިން ފަނޑިޔާރުން ނިންމީ މައްސަލަތައް ބަލައި ތަހްގީގު ކުރުމަށްފަހުގައި ނޫނީ ނަވާޒް ޝަރީފް މަގާމުން ދުރުކުރަން ނުފެންނަކަމަށެވެ. އެހެންކަމުން މައްސަލަ ފުރިހަމައަށް ތަހްގީގުކުރުމަށް ފަހު މިއަދު ފަސްފަނޑިޔާރުންގެ ބެންޗުން ނިންމީ، އޭނާ އެ މަގާމުގައި ހުރުމަށް މިހާރު ޝަރުތު ފުރިހަމަ ނުވާކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި މިނިވަން ދުވަހުގެ ހެވިކަމާ ކުޅިވަރުތައް ބައްލަވައިލައްވަނީ. ޖުލައި 26، 2017 ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއީ ޕާކިސްތާނުގައި ސިޔާސީގޮތުން އެންމެ ނުފޫޒުގަދަ އެއް އާއިލާގެ ގޮތުގައި ނަވާޒް އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާތާ ތިންވަނަ ފަހަރެވެ. ވެރިކަމުގައި ހުންނެވި ކޮންމެފަހަރަކުވެސް ޝަރީފް މަގާމުން ދުރުކުރުމުގައި ޕާކިސްތާންގެ ސިފައިންގެ އިސް ޖެނެރަލުން އަދި ޖާސޫސީ އިދާރާ އައިއެސްއައިންވަނީ ވަރަށް މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

ނަވާޒް ޝަރީފް ވަނީ، މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކޮށްފައެވެ. ބޮޑުވަޒީރުކަމުގައި ހުންނެވި ފުރަތަމަ ދައުރުގައި 1993 ވަނައަހަރު އޭނާ މަގާމުން ދުރުކޮށް، އެފަހަރު ކޯޓުގެ ނިންމުމަކާ ގުޅިގެން އަލުން ބޮޑުވަޒީރުކަމަށް އައްޔަނު ކުރިކަމުގައިވީ ނަމަވެސް ފިއްތުންތައް މާބޮޑުވުމުން އެފަހަރު އޭނާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ.

ދެވަނަ ދައުރުގައިވެސް ޖެހިވަޑައިގަތީ ހަމަމިކަހަލަ ހާލެކެވެ. 1999 ވަނަ އަހަރު ގެނައި ބާޣާވާތެއްގައި ވަނީ އޭނާ މަގާމުން ދުރުކޮށްފައެވެ.

ނަވާޒް ޝަރީފް ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ދުރުކޮށްފައި މިވަނީ، ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އިއްޔެ އެނބުރި ގައުމަށް ވަޑައިގަތްފަހުންނެވެ. ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނަވާޒާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފްވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް