މިނިވަންދުވަސް ފާހަގަ ކުރަން ހަންޏާމީދޫގައި ބޭއްވި ފުޓްސަލް މުބާރާތުގެ އެއްވަނަ ކަނދޮޅު އެފްސީއަށް

މޯލްޑިވް ގޭސް އެޗް އައި ޑީ ފުޓްސަލް މުބާރާތުގެ ތެރެއިން--ފޮޓޯ/ އެޗްއައިޑީ

މިނިވަންދުވަހާ ގުޅުވައިގެން އދ. ހަންޏާމީދޫގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކަނދޮޅު އެފްސީން ހޯދައިފިއެވެ.

ފައިނަލްގައި ކަނދޮޅު އެފްސީން ކުރިހޯދާފައިވަނީ ލިލީ ބީޗް ރިސޯޓުގެ މައްޗަށެވެ. ފައިނަލުން ކަނދޮޅު މޮޅުވީ 5-6ގެ ނަތީޖާއިން ޕެނަލްޓީ ޖަހައިގެންނެވެ.

ޖުމުލަ އަށް ޓީމް ވާދަކުރި އެމުބާރާތް 27 ވަނަ ދުވަހުގެ ހެނދުނުން ފަށައިގެން އެ ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށް ގެންދިޔައިރު މުބާރާތުގައި އެ ރަށާއި އެ ރަށް ކައިރީގައި އޮތް ރިސޯޓެއް ހިމެނޭ ގޮތަށް އަށް ޓީމް ވަނީ ވާދަކޮށްފައެވެ.

ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ އިނާމެއް ދިން އެ މުބާރާތް ބާއްވާފައިވަނީ މޯލްޑިވްސް ގޭސްގެ އެހީގައެވެ.

މުބާރާތާ ގުޅޭ ގޮތުން އެ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ އެ ފަދަ މުބާރަތެއް ކުރިއަށްގެންދަން ނިންމީ އެ ރަށަކީ ފުޓްސަލް ކުޅޭ ގިނަ ޒުވާނުން ތަކެއް އުޅޭ ރަށަކަށް ވެފައި އެރަށު ޒުވާނުންނަށް ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ އިތުރުން މިނިވަންދުވަހާ ގުޅުވައިގެން ހަރަކާތްތަކެއް ކުރިއަށްގެންދިޔުން ކަމަށެވެ.

ހަންޏާމީދޫ އެކުވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދީފައިވަނީ ވިކްޓަރީގެ ކޯޗް އަލީ ސުޒޭންއެވެ.

comment ކޮމެންޓް