ހަމަނުޖެހުން ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓްރީ

ޖުލައި 24، 2017: އިދިކޮޅު މަޖިލިސް މެމްބަރުންނާއެކު މާލޭގައި މުޒާހަރާކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޤާނޫނާ ޚިލާފު ކަންކަން ކުރުމަށް ހިތްވަރު ލިބޭ ފަދަ ވާހަކަ ދައްކައި، ގައުމުގެ އަމާންކަން ނަގާލުމުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން އިންޒާރުދީފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ފާހަގަކުރި ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ފަދަ ގޮތް ގޮތަށް ކަންކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ނާތަހުޒީބު އަމަލުތަކަކީ ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ރާއްޖޭގެ އިސް މަގާމުތައް އަދާކުރައްވައި އިއްޒަތާއި ގަދަރު ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން އެފަދަ ނާތަހުޒީބު ގާނޫނާ ހިލާފު ކަންކަން ކުރުމަށް ހިތްވަރު ލިބޭ ފަދަ ގޮތް ގޮތަށް ވާހަކަ ދައްކަވާ އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ކަމީ ސަރުކާރުން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަންކަމަށް މިއަދު ރައްޔިތުން ތާއީދު ނުކުރާކަން ވެސް ފާހަގަ ކުރަމެވެ،" ހޯމް މިނިސްޓްރީން ބުންޏެވެ.

އެބަޔާނުގައި އިތުރަށް ބުނީ ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލި ރައްޔިތުންގެ މެދުގައި ދެކޮޅުވެރިކަމާއި ފިތުނަވެރިކަމާއި ނަފުރަތު އުފެދޭ ފަދަ ޣައިރު ގާނޫނީ އެއްވުންތަކާއި ފުލުހުންނާ ކުރިމަތިލުންފަދަ ކަންކަމަކީ ކުޑަކުދިންނާއި ޒުވާނުންނަށް ދެއްކޭ ވަރަށް ނޭދެވޭ މަންޒަރުތަކެއް ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަމުގައި ބައިވެރިވެ ނޫޅުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ކުރި އިއުލާނުގައި ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ފުލުހުންގެ ފަރާތުން ލިޔުމުން ދޭ ހުއްދައަކާ ނުލައި ބޭއްވުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.

comment ކޮމެންޓް