ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރުގެ ކުރިއަށްގެންދިޔަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ތެރެއިން: އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިފެށޭ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި --- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ރާއްޖޭގެ މަތީ ތައުލޫމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުން ގަޑި ހަމަވާނީ މިފެށޭ މަހުގެ ތިންވަނަ ދުވަހުގެ ހަވީރު 4:00ގައެވެ.

އެމްއެންޔޫއެސްޔޫ އިން މައުލޫމާތުދޭ ގޮތުގައި، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކާއި ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖް އަދި ހައި ސްކޫލްތަކަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މުބާރާތަކީ ކޮލެޖްތަކާއި ޔުނިވާސިޓީތައް އަދި ހައި ސްކޫލްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެމްއެންޔޫއެސްޔޫގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ނަގާނެ ކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެއެވެ.

ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް