ފުލުހުންގެ ސަފު ފޫއަޅުވާލިކަމުގެ ތުހުމަތާއެކު އިބޫ އަނެއްކާވެސް ފުލުހަށް

އިބްރާހިމް މުހައްމަދު ސާލިހު (އިބޫ):

ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލިސް ކުރާ ގެއަށް ވަތް ކަމުގެ ތުހުމަތުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މިއަދު ފުލުހަށް ހާޒިރުކުރުމަށްފަހު، މާދަމާ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވައިލި ކަމުގެ ތުހުމަތުގައި މިއަދު ފުލުހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ މާދަމާ ރޭ އަނެއްކާ ހާޒިރުވެވަޑައިގަތުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އޭނާ މާދަމާ ފުލުހަށް ހާޒިރުވާން އެންގީ ލޯޔަރަކާއެކު ތަހުގީގު ފުރިހަމަ ކުރުމަށެވެ.

"އަޅުގަނޑު ދެންނެވީ ހޮނިހިރަށް ނުވަތަ އާދިއްތަ ދުވަހަށް ލަސްކޮށްދެއްވާށޭ. ބަންދު ދުވަސްތަކާ ދިމާވާތީ ވަކީލަކު ހޯދަން ވެސް އޭރުން ފަސޭހަވާނެތީ. އެކަމަކު އެބޭފުޅުން ވިދާޅުވީ ނެތޭ ދެވޭކަށް. ތިމަންނަމެން ޖެހެއޭ މިކަން ނިންމަން ތަހުގީގު. އެބަ ހުއްޓޭ ގަޑިތަކެއް މުއްދަތެއް ދީފަ މިކަން ކުރަން. އެބޭފުޅުންނަށް އަންގާފަ އޮތް ގޮތަކަށް ކަންނޭގެ އެކަން ކުރައްވަނީ،" އިބޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ވީހާވެސް އިންސާފުވެރިކަމާ އެކު އެއްވެސް ކޮޅަކަށް ނުޖެހި މިނިވަން ކަމާއެކު ތަހުގީގުކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"ފުލުހުންގެ ބައެއް އަމަލުތައް އެހެރީ ގާނޫނުތަކާ ޚިލާފަށޭ ބުނުމުގެ ފުރުސަތު މިހާރު އެބަ އޮތް. މިސާލަކަށް އެބޭފުޅުން އެ ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހަށް ވަނަ ނުދޭން ފުލުހުން ކަމެއް ކުރި ވާހަކަ. އެކަން ކުރި ކަމަށް ވަންޏާ އެއީ ގާނޫނާ ޚިލާފަށް ކޮށްފަ އޮތް ކަމެއް. ގާނޫނީ އިމުގެ ތެރޭގައި އެއްވެސް ކަމެއް ހިނގަމުންދާތަނެއް ފެނެއޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ،" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ގައުމުގެ ހުރިހާ ކަމެއް ހިނގަނީ ވަކި ފަރާތަކުން އަންގާ އެންގުންތަކާ އެއްގޮތަށް ކަމަށާއި، ގާނޫނީ ބާރު ގައުމުގައި ކެނޑިފައިވާ ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންނަށް ސިޔާސީ ހުކުމްކޮށް ބަންދުކޮށްފައިވީ ނަމަވެސް އިދިކޮޅު ހަރަކާތަށް ނިމުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ސަފު ފޫއަޅުވާލި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އޭނާ ހައްޔަރު ކުރި ކޯޓު އަމުރުގައި މައްސަލަ އުޅޭތީ ސައުދު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުންގެ ސަފު ފޫއަޅުވާލި މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

comment ކޮމެންޓް