އިންތިހާބުގައި ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ: ރީކޯ

ރީކޯ މޫސަ މިއަދު ސަންޓީވީގެ 'ސިޔާސީ ވެށި' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަލި ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ސަންޓީވީގެ 'ސިޔާސީ ވެށި' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރީކޯ ވިދާޅުވީ، އަންނަ އަހަރު މިނިވަން އިންތިހާބެއް އޮންނާނެ ކަމަށާއި ރާއްޖޭގައި އިންތިހާބާ ދޭތެރޭ އެއްވެސް މީހަކު ޝައްކުރާނެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ޔަގީން ކަމާ އެކު ދަންނަވާނީ 2018 ގައި ﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީން،" ރީކޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު އަގުލަބިއްޔަތަކާ އެކު ކަމަށެވެ.

ރީކޯ ވިދާޅުވީ، ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަން ޔަގީން ކުރެވެނީ ރާއްޖޭގެ ރަށްރަށުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ގިނަ ރަށްތަކެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، އެކަން ދެލޮލުން ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ޕީޕީއެމްގެ އިސްމަގާމަކަށް ކުރިމަތި ލައްވަފާނެތޯ ސުވާލު ކުރުމުން މޫސަ ވިދާޅުވީ އެ ފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"އަޅުގަނޑު ދެން ސިޔާސީ ޕާޓިއަކަށް ވަދެފަ އެ ޕާޓީއެއްގެ އިސް މަގާމަކަށް ކުރިމައްޗެއް ނުލާނަން އަޅުގަނޑު. އަޅުގަނޑުގެ އަދި ނެތް އެކަހަލަ ފިކުރެއް،" ރީކޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ޕާޓީއެއް ހިންގުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަވާނެ ކަމަށާއި، އެހެން ނަމަވެސް ލިބުނީ ލަނޑު ކަމަށެވެ.

"ޕާޓީއެއް ހިންގުމަށްޓަކައި އެހާ ބޮޑަށް މަސައްކަތްކޮށްކޮށް މީހާ ވަރުބަލިވެފަ ހުއްޓާ ލިބުނު ލަނޑު ހިތަށް އަރާފަ ހިތަށް އަރަނީ ދެން މާ މަތީ ފަޑިއަށްދާން ހިފާކަށް ނުވާނޭ،" ރީކޯ ވިދާޅުވި އެވެ.

ރީކޯ މޫސަ މީގެ ކުރިން ވަނީ 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށާއި، ހުންނަވާނީ ރައީސް ޔާމީނާއެކު ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް