ޕާކިސްތާން ބޮޑުވަޒީރު ފުރާވަޑައިގެންފި

ޕާކިސްތާން ބޮޑު ވަޒީރު ރާއްޖެއިން ފުރާ ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދައުވަތަކަށް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

މި ދަތުރުފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނެވެ.

އަދި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން، ދިވެހިރާއްޖޭގެ މިނިވަންކަމުގެ 52 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުނު ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް ބައްލަވާލެއްވިއެވެ.

comment ކޮމެންޓް