މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

އެދެވަންހައިގެ މީހުންވެސް ވަކިވެގެންދާ ވާހަކަ ދައްކާންފެށިއެވެ. ކައުސާހިބާއަށް އެޚަބަރު ލިބިވަޑައިގެންނެވުމުން ހަމަ އެވަގުތު އެބައިމީހުންގެ ތެރެއަށް ވަޑައިގެން ނަސޭޙަތްޕުޅުދެއްވިއެވެ. ވިސްނައިދެއްވިއެވެ. އެދެވަންހައިގެ މީހުން އެ ނަސޭހަތްޕުޅު ޤަބޫލުކުރިއެވެ. ޢަސްކަރީ ގޮތުން ބަލާއިރު އެއީ އިންތިހާ ދަރަޖައިގެ ނާޒުކު މަރްޙަލާއެކެވެ. ނުރައްކާތެރި ވަގުތެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސާލެއްނެތްފަދަ ކުޅަދާނަފުޅުކަމުން އެކަން ރީތިކޮށް ހަމަޖައްސައިލެއްވިއެވެ. މިޙާދިޘާގެ އަހަންމިއްޔަތާއި އާދަޔާޚިލާފުކަން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުންވެސް ބަޔާންވެ އެނގެއެވެ.

"(އެއީ،) ތިޔަބައިމީހުންގެ ތެރެއިން ދެބަޔަކު ފިނޑިވެ ހިތްވަރު އެލުނުހިނދެވެ. ﷲ އީ އެ ދެބައިމީހުން ރައްކާތެރިކުރައްވައި ނަޞްރުދެއްވާ ރަސްކަލާނގެއެވެ. ހަމައެކަނި ﷲ އަށް މުއުމިނުން ވަކީލުކުރާހުށިކަމެވެ." (އާލުޢިމްރާން :122)

މިހައިތަނަށް ކަންތައް ދިޔައިރު މަސްރަޙު އޮތީ ވަރަށް ނުސިޔާނުކޮށެވެ. އެންމެ ކުރީއްސުރެވެސް ދުޝްމިނުންގެ އަދަދާ އަޅައިބަލާއިރު މުސްލިމުންގެ ޢަދަދު ދެގުނަ މަދެވެ. މުނާފިޤުން ވަކިވުމުން އެ އަދަދުވަނީ ހަތަރުބައިކުޅަ އެއްބަޔަށްވުރެވެސް ދަށްވެފައެވެ. ހަތިޔާރާއި ކާބޯތަކެތި ނިސްބަތުން މާބޮޑަށްވެސް ސަހަލެވެ. ޔަހޫދީންނާއި، މުނާފިޤުން އިތުރަށް ޣަދަރުވެރިވެ މަދީނާގެ ތެރޭގައި ބަޣާވަތުގެ ޢަމަލުތަކެއް ހިންގުމުގެ އެކަށޭނަކަން ވަރަށް ބޮޑަށް އޮތެވެ. މިހުރިހާ ކަމެއް މިހެން ހުރުމާއެކުވެސް މުސްލިމުންގެ ޤާއިދުގެ ހިތްޕުޅުގައި ބިރުފުޅެއް ނުވަތަ ޖެހިލުންވެވަޑައިގަތުމުގެ ކުޑަވެސް އަސަރެއްނެތެވެ. އެމާތް ސާހިބާގެ ހިތްވަރުފުޅާއި، އަޒުމުފުޅު އިންތިހާއަށް ވަރުގަދައެވެ. ސާބިތުކަމަކަށް ރެވިއޮއްޓަރެއްގެ މިންވަރުގެވެސް ފަރަޤެއް ނާދެއެވެ. ވަރުގަދަ ޔަޤީންކަމަކާއެކު އިސްލާމީ ލަޝްކަރަށް ކުރިޔަށްދާން އަމުރުކުރެއްވިއެވެ. ދުޝްމިނުންގެ ލަޝްކަރާ ތަންކޮޅެއް ފޭއިން މައިދާނަށް ވަޑައިގެންނެވުމަށްޓަކައި އަބޫޚައިޘަމާ ރަޟިޔަﷲ ޢަންހު އާރުކާޓީއަކަށް ހަމަޖެއްސެވިއެވެ.

ކުރިންވެސް ދެންނެވިފަދައިން ޤުރައިޝުންގެ ލަޝްކަރުވަނީ މާކުރިން އުޙުދަށް ގޮސްފައެވެ. އަބޫސުފްޔާނުވަނީ އޭނާ ބޭނުންފުޅުވާގޮތަށް މައިދާން ޚިޔާރުކުރައްވައިފައެވެ. އޭނާ ހަނގުރާމައިގެ މައިދާން ރޭއްވެވިގޮތާއި އަސްކަރީ ޙަރަކާތްތައް ހިންގެވި ގޮތުން އެނގެނީ އޭނާގެ ރޭއްވެވުމަކީ މުސްލިމުންގެ ލަޝްކަރުގެ ފަހަތުގައި ހުރި ފަރުބަދަތަކަށް ވެރިވެވަޑައިގެން ކުރިމަތިންނާއި ފަހަތުން މުސްލިމުން ވަށައިލައްވައިގެން ހަމަލާދެއްވުންކަމެވެ. މުސްލިމުންގެ ލަޝްކަރު ކަފާސްކޮށްލެއްވުމަށްފަހު މަދީނާވެސް ސުންނާފަތިކޮށްލެއްވުންކަމެވެ. ޤުރައިޝުންގެ ލަޝްކަރުގެ ކަނާތްފަރާތުގެ ކޮމާންޑަރަކަށް އޭނާ ހަމަޖެއްސެވީ ޚާލިދުބުނުލް ވަލީދެވެ. ވާތްފަރާތުގެ ކޮމާންޑަރަކަށް ޢިކްރިމާ ބިން އަބީ ޖަހްލެވެ. ލަޝްކަރުގެ މެދުތެރޭގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ ޞަފުވާނު ބިން އުމައްޔަތެވެ. ތީރުވެރީންގެ އިސްވެރިކަން ދެއްވީ ޢަބްދުﷲ ބިން އަބީ ރަބީޢަތަށެވެ.

ހަނގުރާމައިގެ މައިދާނުގައި ޚާލިދުގެ ލޯފުޅު ބާޒެއްގެ ލޯފަދައެވެ. ޙަރަކާތްތައް ހިންގެވުމާއި، ރޭއްވެވުންތެރިކަން މިނިކާ ވަގަކާ އެއްގޮތެވެ. ހިތްވަރުފުޅު ސިންގާއެއް ފަދައެވެ. ޚާލިދުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ހެއްދެވީ މުސްލިމުންގެ ފަހަތުގައިވާ ފަރުބަދަތަކަށް ވެރިވެވަޑައިގެން މުސްލިމުންގެ ފަހަތުން ޙަމަލަދެއްވުމެވެ. ޚާލިދަށް އަވަސް އެހީދެއްވަން ޙަވާލުކުރެއްވީ އިކްރާ ބިން އަބީޖަހްލަށެވެ. އެދެބޭކަލުންނަކި އަސްވާރުންގެ ކޮމާންޑަރުންވެސް މެއެވެ. އިކްރިމާ އަކީވެސް ހިތްވަރުފުޅުގަދަކަމާއި، ހެވިކަމުގެ ހުނަރުވެރިކަމުގައި ވަރަށް މަޝްހޫރު ބޭކަލެކެވެ. ޞަފުވާނަކީވެސް މުބާރަޒާކުރެއްވުމުގައި ނަންފުޅު ހިނގައިފައިވާ ކޮމާންޑަރެކެވެ.

ހަނގުރާމައިގެ ވާހަކަތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރީން ފާހަގަކޮށްލަން ބޭނުންކަމުގައި އަޅުގަނޑު ދެކޭ ނުކުތާއެއް އެބައޮތެވެ. އެއީ، އަބޫސުފްޔާނާއި، ޚާލިދާއި، އިކްރިމާއާއި، ޞަފްވާނާއި، ޢަބްދުﷲ ބިން އަބީ ރަބީޢަތާއި ހިންދު ބިންތި ޢުތުބާ ފަދަ ބޭބޭކައުކަނބަލުންނަކީވެސް އަދި ފަހުން އިސްލާމްވެވަޑައިގެންނެވި ބޭބޭކައުކަނބަލުންކަމެވެ. އިސްލާމްދީނަށް ނަސްރުދެއްވުމަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭބޭކައުކަނބަލުންކަމެވެ. ކައުސާހިބާ ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަބީންގެ ޖައުހަރާ ބެހޭގޮތުން ޙަދީޘުކުރައްވައިފައިވާ ފަދައިން ޖާހިލިއްޔަތުގައިވެސް ބަޠަލުންކަމުގައި ހިމެނިވަޑައިގެންނެވި އެތައް ބޭބޭކައުކަނބަލުންނެއް އިސްލާމީ ދައުރުގައިވެސް ވެވަޑައިގަތީ ބަޠަލުންކަމުގައެވެ. ބަޠަލާއިންކަމުގައެވެ.

ކައުސާހިބާގެ ޢަސްކަރީރޭއްވެވުން

ކައުސާހިބާ ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޙުދުގެ މައިދާނަށް ވަޑައިގެންނެވީ ޤުރައިޝުންގެ ލަޝްކަރަށްވުރެ މާފަހަންނެވެ. ނަމަވެސް މައިދާނަށް އެމާތްސާހިބާއަށް ވަނީ އަސްކަރީ ގޮތުން ހަނގުރާމައިގެ މައިދާނަށް ވިސްނައިވަޑައިގަންނަވާނެ ފުރުސަތު ލިބިވަޑައިގެންފައެވެ. އިންތިހާދަރަޖައިގެ ކުޅަދާނަފުޅު ޢަސްކަރީ މާހިރެއްގެ ޙައިޘިއްޔަތުން މައިދާނަށް ނަޒަރު ހިންގައިލެއްވުމާ އެކު އެމާތް ސާހިބާގެ ލޯފުޅު ހުއްޓައިލެއްވުނީ އުޙުދުފަރުބަދަ އާ ދިމާއަށެވެ. އެހެންކަމުން ނުހަނު ދުރަށް ވިސްނުންފުޅު ފޯރުއްވެވޭ ކޮމާންޑަރ އިންޗީފެއްގެ ޙައިޘިއްޔަތުން ހަނގުރާމަޔަށް ސަފުހެއްދެވުމުގައި އުހުދުގެ ޖިއޮގްރަފީވެށީގެ ބޭނުން އެންމެ ފުރިހަމައަށް ހިއްޕެވިއެވެ. އިސްލާމީ ލަޝްކަރުގެ ފަހަތާއި ދެފަރާތުގެ ދެއަރިމަތި އުހުދު ފަރުބަދައިގެ "އުނގު" ގައި "ފޮރުއްވައި" ރައްކާތެރިކުރެއްވިއެވެ. ލަޝްކަރުގެ ކުރިމަތީން އިރުދެކުނު ފަރާތުގައި ދުއިސައްތަ ފަންސާހަކަށް މީޓަރ ދުރުގައި ހުރި ތަންކޮޅެއް ތިރި ފަރުބަދައެއްކަމުގައިވާ ޖަބަލުޢައިނައިނި (މިހާރުގެ ނަމުންދަންނަވާނަމަ ޖަބަލުއްރުމާތު)އަކީ އެފަރުބަދައިގެ ބިއްދޮށުން ވަށައިލައިފައިގޮސް އިސްލާމީ ލަޝްކަރުގެ ފަހަތަށް ޙަމަލަދެވިދާނެ ފަރުބަދައެކެވެ. ހަނގުރާމައިގެ ތެރޭގައި ކޮންމެވެސް ސަބަބަކާ ހުރެ މުސްލިމުންނަށް ފަހަތަށް ޖެހޭން ޖެހުނަސް އެފަރުބަދަ މަތީގައި ތިބޭ ތީރުވެރިންނަށް އިސްލާމީ ލަޝްކަރަށް ވަރަށް ބޮޑަށް އެހީތެރިވެދެވިދާނެ ފަރުބަދައެކެވެ. އެހެންކަމުން މުސްލިމުންގެ ތީރުވެރީންކުރެ އެންމެ ކުޅަދާނަ ފަންސާސް ބޭކަލުން ހޮއްވަވައި އެފަރުބަދަމަތީގައި ބައިތިއްބެވިއެވެ. އެބޭކަލުންގެ ވެރިޔަކަށް ހަމަޖެއްސެވީ ޢަބދުﷲ ބިން ޖުބައިރު ބިން ނުޢުމާނުލް އަންޞާރީ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނަކީ ބަދުރީ ޞަޙާބީއެކެވެ. ތީރުވެރިންނަށް އެބޭކަލުންގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ޞަރީޙުކޮށް އޮޅުންފިލުއްވައިދެއްވިއެވެ. ތީރުވެރީންގެ ކޮމާންޑަރަށް އެންގެވިއެވެ. "ދުޝްމިނުންގެ އަސްވާރުން އަހަރެމެންނާ ކައިރިވިޔަ ނުދީ ތިޔަބައިމީހުންގެ ދުނިތަކުން ފޭކުރާށެވެ. އަހަރެމެންގެ ފުރަގަހުން ހަމަލަދެވުނަ ނުދޭށެވެ." އެއަށްފަހު ސީދާ ތީރުވެރިންނާ މުޚާތަބުކުރައްވައި ޙަދީޘުކުރެއްވިއެވެ.

"އަހަރެމެން ކަތިލެވެމުންދާތަން ފެނުނުކަމުގައިވިޔަސް ތިޔަބައިމީހުން އަހަރެމެންނަށް އެހީވާން ނާންނާށެވެ. އަހަރެމެން ޣަނީމާ މުދާއެއްކުރަމުން ދާތަން ފެނުނަސް އަހަރެމެންނާ ބައިވެރިވާން އަންނާނެކަމެއްނެތެވެ." ޞަޙީޙު ބުޚާރީގައިވާ ގޮތުން މިދަންނަވާ ގޮތަށްވެސް ޙަދީޘުކުރެއްވިއެވެ. " ދޫނިތަކެއް އައިސް އަހަރެމެން ތުނބުލައިގެން އުދުހިގެންދާ މަންޒަރު ފެނުނުކަމުގައި ވިޔަސް ޚުދު އަހަރެން ބަލައި ނުފޮނުވަނީސް ނާންނާށެވެ. އަހަރެމެން ދުޝްމިނުންގެ ލަޝްކަރު އެކީއެކަށް ޗިސްޗިސްކޮށް ނިންމައިލިކަމުގައިވިޔަސް ތިޔަބައިމީހުން ތިޔަތިބި ތަނުން ފައިބާންވާނީ އަހުރެން ބަލައިފޮނުވުމުންނެވެ."

މިގޮތުން ދުޝްމިނުންގެ އަސްވާރުންނަށް މުސްލިމުންގެ ފަހަތުން ހަމަލަދީ އިސްލާމީ ލަޝްކަރު ވަށައިލެވޭން އޮތް މަގު ވަރުގަދަޔަށް ބަންދުކުރެއްވިއެވެ. އިސްވެދެންނެވި ޞަރީޙު އަމުރުފުޅުގެ ޒަރީޢާއިންނެވެ. ބާކީތިއްބެވި މުޖާހިދުން ތަރުތީބުކުރައްވައި އިސްލާމީ ލަޝްކަރުގެ ކަނާތްފަރާތުން އަރިމަތީގެ ކޮމާންޑަރަކަށް މުންޛިރު ބިން ޢަމްރު ރަޟިޔަﷲ ޢަންހު ހަމަޖެއްސެވިއެވެ. ވާތްފަރާތު އަރިމަތީގެ ކޮމާންޑަރަކަށް އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު ހަމަޖައްސަވައި އެކަލޭގެފާނުގެ އެހީތެރިޔަކަށް މިޤްދާދު ބިން އަސްވަދު ރަޟިޔަﷲ ޢަންހު ހަމަޖެއްސެވިއެވެ. ދަގަނޑު ދަހަނާ ނާޅުއްވާ ހުރިހާ މުޖާހިދުންގެ ޢާއްމު ކޮމާންޑަރކަން ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބު ރަޟިޔަﷲ ޢަންހުއަށް ދެއްވިއެވެ. ޒުބައިރުގެފާނާ ޙަވާލުކުރެއްވީ ޚާލިދުބުނުލް ވަލީދުގެ އަސްވާރުން އޮބެހެއްޓެވުމެވެ. މީގެ އިތުރަށް އިސްލާމީ ލަޝްކަރުގައި ތިއްބެވި ގަދަފަދަ ބަޠަލުންނާއި ކުޅަދާނަފުޅު އަސްކަރީ މާހިރުން ލަޝްކަރުގެ ކުރީ ސަފުގައި އަތުރައިލައްވައި އިސްލާމީ ލަޝްކަރުގެ ޢަދަދު މަދުކަން ފޫބެދޭނެގޮތް ހަމަޖެއްސެވިއެވެ. މުސްލިމުންގެ ކޮންމެ މުޖާހިދަކަށް ދުޝްމިނުންގެ ތެރޭގައި ހަތަރު މީހުން ތިބުމާއިއެކު ސަފުތައް ހެއްދެވީ ޤުރައިޝުންގެ ކޮމާންޑަރުންނަށް އެބައިމީހުންގެ މުޅި ލަޝްކަރު އެކީ އެއްފަހަރާ މުސްލިމުންނާ ކުރިމަތި ނުކުރެވޭނެ ގޮތްތައް ވިސްނައިވަޑައިގެންނެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ހަނގުރާމަޔަށް ސަފުހެއްދެވުމުގައި ޙައިރާންވެ އަންތަރީސްވާފަދަ ކުޅަދާނަފުޅުކަމެއް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އިތުރުސާހިބާ އިސްލާމީ ލަޝްކަރުގެ އަސްކަރުގާހު ހެއްދެވި އުޙުދު ފަރުބަދައިގެ ތަންކޮޅެއް އުސްހިސާބެއްގައެވެ. ހަނގުރާމައިގައި އިސްލާމީ ލަޝްކަރަށް ތަންކޮޅެއް ނުސިޔާނު ޙާލަތަކާ ކުރިމަތިވިޔަސް ދުޝްމިނުންނަށް އަތުނުވެ މުސްލިމުންނަށް އެބައިމީހުން ކޭމްޕުގެ ޙިމާޔަތް ހޯދޭނެގޮތުންނެވެ. މުސްލިމުންގެ ކޭމްޕަށް ވެރިވާން ދުޝްމިނުން މަސައްކަތްކޮށްފިނަމަ ބޮޑެތި ލޮކުސާންތަކާ ކުރިމަތިލާން ޖެހޭނެ ގޮތުންވެސް މެއެވެ. އިތުރުސާހިބާގެ ރޭއްވެވުމުގައި ދުޝްމިނުންނަށް އަސްކަރުގާހު ހަދަން މަޖްބޫރުކުރެއްވީ ވާދީގެ ތަންކޮޅެއް ތިރި ހިސާބެއްގައެވެ. ހަނގުރާމައިން އެބައިމީހުންނަށް ފަތަޙަލިބުނު ކަމުގައިވިޔަސް ފަތަޙައިގެ މާބޮޑު ފައިދާއެއް ނުހޯދޭ ގޮތަށެވެ. މުސްލިމުންނަށް ފަތަޙަ ލިބިއްޖެނަމަ ދުޝްމިނުންނަށް ފިލައިގެންދާން އުނދަގޫވާ ގޮތެށެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރު އަތުރައިލެއްވިލެއް ފުރިހަމަކަމުން ސާބިތުވަނީ އެމާތް ސާހިބާގެ އަސްކަރީ ލީޑަރޝިޕްގެ މޮޅުކަމެވެ. ވަރުގަދަކަމެވެ. ކިތަންމެ ތަޖްރިބާކާރު ކޮމާންޑަރަކަށްވެސް އެމާތް ސާހިބާއަށްވުރެ މޮޅަށް ފުރިހަމައަށް ލަޝްކަރެއް އަތުރައި ނުލެވޭނެކަމެވެ.

ޤުރައިޝުންގެ ސިޔާސީ އުކުޅުތައް ހަނގުރާމަފެށުމުގެ ކުރީން މުސްލިމުންގެ ސަފުތައް ބައިބައިކޮށްލަން ޤުރައިޝުން އެކި އުކުޅުތައް ބޭނުން ކުރިއެވެ. އެގޮތުން އަބޫސުފްޔާން އަންޞާރިއްޔަ ބޭކަލުންނަށް ޚަބަރު ފޮނުއްވިއެވެ. "އަހަރެމެންނާއި، އަހަރެމެންގެ ދެބެއިންގެދެދަރި އަޚު މުޙައްމަދާ ދެމެދުން ތިޔަބައިމީހުން އެއްފަރާތްވާށެވެ. އޭރުން އަހަރެމެން ތިޔަބައިމީހުނާ ދިމާޔަށް މޫނުވެސް އަނބުރައެއް ނުލާނޫއެވެ. އެހެނީ ތިޔަބައިމީހުނާ ހަނގުރާމަކުރުމުގެ ކުޑަވެސް މުހުތާދެއް އަހަރެމެންގެ ނެތެވެ." ނަމަވެސް އަންޞާރުންގެ ވަރުގަދަ އީމާންތެރިކަމަކަށް ކުޑަވެސް ގުޑުމެއް އަރުވައެއް ނުލެއްވިއެވެ. އެބޭކަލުން ވަރަށް ހަރުކަށި ބަސްފުޅުތަކުން އަބޫސުފްޔާނަށް ރައްދު ދެއްވިއެވެ.

ހަނގުރާމައިގެ ސުންގަޑި ކައިރިވެ ދެލަޝްކަރު ވަރަށް ބޮޑަށް ކައިރިއަށް އައުމުން ޤުރައިޝުން އަނެއްކާވެސް އެހެން އުކުޅެއް ތަޖްރިބާކުރިއެވެ. ޤުރައިޝުންގެ ހަތިޔާރަކަށްވެފައި ހުރި މަދީނާގެ ޚާއިނެއްކަމުގައިވާ އަބޫޢާމިރެވެ ކިޔުނު ބުރަންމާނިކަލޭގެ އިސްލާމީ ލަޝްކަރުގެ ކުރިމައްޗަށް ނެރުނެވެ.

އެކަލޭގެ އަޞްލު ނަމަކީ ޢަބްދު ޢަމްރު ބިން ޞައިފީއެވެ. އޭނާއަށް ރާހިބު ނުވަތަ ބުރަންމާނީގެ ނަމުންވެސް މުޚާތަބުކުރެއެވެ. މުސްލިމުން އޭނާއަށް ދީފައިވާ ނަމަކި ފާސިޤުއެވެ. އޭނާއަކީ އިސްލާމްދީން އައުމުގެ ކުރީން އައުސުވަންހައިގެ ރައީސެކެވެ. މަދީނާގެ މަސްރަހުގައި އިސްލާމްދީން ފެތުރޭން ފެށުމުން އެނާއަށް ހީވީ އެނާގެ ކަރުގައި ދަންޖައްސާ މަޅިއެއް އެޅުވޭން އުޅުނުހެންނެވެ. އޭނާ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ފާޅުގައި އަދާވާތްތެރިވެގަތެވެ. އޭނާ މަދީނާ ދޫކޮށްލުމަށްފަހު މައްކާއަށް ހިނގައްޖެއެވެ. އޭނާ މަދީނާއާ ހަނގުރާމަކުރަން ޤުރައިޝުންނަށް ހިތްވަރުދިނެވެ. އޭނާ ޤުރައިޝުންނަށް ޔަޤީން ކޮށްދިނީ އޭނާ ފެނުމުން އެނާގެ ޤައުމުގެ މީހުން އޭނާގެ ބަސްޤަބޫލުކޮށް އޭނާއާ ތަބާވެދާނެކަމުގައެވެ. އެހެންކަމުން ޤުރައިޝުން އެބައިމީހުންގެ އަޅުންނާއި އަހާބީޝުންނާއެކު އޭނާ މައިދާނަށް ނެރުނެވެ. އޭނާ މުސްލިމުންގެ ކުރިމައްޗަށް ގޮސް އޭނާގެ ނަފުސު ތަޢާރުފުކޮށްދިނެވެ. އޭނާ ގޮވައިލިއެވެ. " އޭ އައުސުވަންހައިގެ މީހުންނޭވެ! އަހަންނަކީ އަބޫ ޢާމިރެވެ!"

(ނުނިމޭ)

comment ކޮމެންޓް