އާސެނަލްގެ ޓާގެޓް ލެމާ ނުވިއްކާނެ ކަމަށް މޮނާކޯއިން ބުނެފި

އާސެނަލުން ހޯދުމަށް މަސައްކަތްކުރާ މޮނާކޯ މިޑްފީލްޑަރު ތޯމަސް ލެމާ: އޭނާ ނުވިއްކާނެ ކަމަށް އެ ކްލަބުން ބުނޭ ---

އާސެނަލްގެ ޓާގެޓް ތޯމަސް ލެމާއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް މޮނާކޯގެ ނައިބު ރައީސް ވަދިމް ވަސިލިޔޭވް ބުނެފިއެވެ.

އާސެނަލުން މޮނާކޯގެ ލެމާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އާސެނަލުން ވަނީ މޮނާކޯއަށް މިދިޔަ ސީޒަނުގައި 14 ލަނޑު ކާމިޔާބުކޮށްދިން މިޑްފީލްޑަރު ލެމާ އެ ކްލަބަށް ގެންދިއުމަށް 35 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅައިފައެވެ.

"ލެމާގެ ޓްރާންސްފާގެ ކަންތައްތަކުގައި ބުނެލަން އޮތީ އޭނާ އަހަރެމެންނާއެކު މަޑުކުރާނެއޭ. އޭނާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އަދި އޭނާއަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރެމެން ބޭނުންވާ މުހިންމު ކުޅުންތެރިން އަހަރެމެން ދުލެއް ނުކޮށްލާނަން،" މޮނާކޯގެ ނައިބު ރައީސް ވަސިލިޔޭވް ބުންޏެވެ.

މޮނާކޯގެ ކުޅުންތެރިން ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މޮނާކޯގެ ބްރެޒިލް މިޑްފީލްޑަރު ހޯދުމަށް އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުންދާއިރު، މޮނާކޯއިން އޭނާ ވެސް ދޫނުކުރާނެ ކަމަށް އެ ކްލަބުގެ ނައިބު ރައީސް ބުނެފައިވެއެވެ.

މި ޓްރާންސްފާ މުއްދަތުގެ ތެރޭގައި މޮނާކޯއަށް ވަނީ 165 މިލިއަން ޔޫރޯގެ ފައިދާއެއް ވެފައެވެ. އެ ކްލަބުން މެންޗެސްޓާ ސިޓީއަށް ބެނާޑޯ އަދި ބެންޖަމިން މެންޑީ ވިއްކާލިއިރު، ޓިއެމޯ ބަކަޔޯކޯ ވަނީ ޗެލްސީއަށް ވިއްކާލައިފައެވެ. އެ ކުޅުންތެރިންގެ އިތުރުން ސިޓީން ދަނީ މޮނާކޯ ފޯވަޑް ކީލިއާން އެމްބާޕޭއަށް ރެކޯޑު އަގެއް ހުށަހެޅުމަށް ވެސް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް