ނަވާޒު ޝަރީފަށް ހާއްސަ ލަވައަކާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރާއްޖޭގެ ބައެއް ފަންނާނުން ލަވަ ހުށަހަޅައިދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ދެކަނބަލުންނަށް ހާއްސަ ލަވައަކާއެކު މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހެވިކަމާއި ކުޅިވަރުތައް ގަލޮޅު ދަނޑުގައި މިރޭ ބާއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ދެކަނބަލުން ޝަރަފްވެރި ކޮށްދެއްވި މިރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓާއި ސަރުކާރުގެ އިސްވެރިންނާއި އެބޭފުޅުންގެ އާއިލާތަކުން ބައިވެރިވެވަޑައިގެންފައެވެ.

މިރޭގެ ކުޅިވަރުތައް ފެށުމުގެ ގޮތުން އޮތީ ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުމެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ ބޭންޑު ކުދިން އެކުގައި ގައުމީ ސަލާން ކުޅެ، ސިފައިންގެ ލަޝްކަރާއެކު ގައުމީ ކެޑޭޓް ކޯގެ ހެވިކަމުގެ ލަޝްކަރުގެ ހިނގާލުން ކުރިއަށް ދިޔައެވެ.

ގަލޮޅު ދަނޑުގައި މިރޭ ބޭއްވި މިނިވަން ދުވަހުގެ ހެވިކަމާ ކުޅިވަރުތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ނޭޝަނަލް ސެންޓަރު ފޮ ދި އާޓްސް (އެންސީއޭ)ގެ ފަރާތުން ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުން ހާއްސަ ދިވެހި ލަވައެއް ހުށަހަޅައިދިނެވެ. ލަވައިގާ ހިންދީ ބަހުން ވެސް ކަޑިއެއް ކިޔެވެ.

ލަވަ ހުށަހަޅައިދިނީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)، ރާފިޔަތު ރަމީޒާ، ލަމްހާ ލަތީފު (ލަމް)، ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދު (ލައި) އަދި ރިޒޫ އެވެ.

މިރޭގެ ކުޅިވަރުތައް ހުށަހަޅައިދިނީ މާފަންނު މަދުރަސާ، ކަލާފާނު ސްކޫލް، އަމީނިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ތާޖުއްދީން ސްކޫލެވެ. އޭގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހާއްސަ ޑްރިލްއެއް ބާއްވާފައިވެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ބޭއްވި މިނިވަން ދުވަހުގެ ހެވިކަމާ ކުޅިވަރުތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފުގެ ހިނގާލުން ދެން އޮންނާނީ އަންނަ ހުކުުރު ދުވަހު ހުޅުމާލޭގަ އެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:30 ގައެވެ.

comment ކޮމެންޓް