ވެރިކަން ބަދަލުކުރަން އުޅެފިނަމަ ނިއުކްލިއާ ހަމަލާތައް ޢެމެރިކާއަށް ދޭނަން: އުތުރުކޮރެއާ

އުތުރު ކޮރެޔާގެ ނިއުކްލިޔަރ މިސައިލްތަކެއް ދައްކާލަނީ

ޕިޔޮންގް ޔަންގް (ޖުލައި 26) : އެމެރިކާއިން އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކޮށްފިނަމަ ނިއުކްލިޔަރ ބޮމުގެ ވަރުގަދަ ހަމަލާތަކެއް އެމެރިކާއަށް ދޭނެކަމުގެ އިންޒާރު އުތުރުކޮރެޔާއިން ދީފިއެވެ.

އުތުރުކޮރެޔާގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ ސެންޓްރަލް ނޫސް އެޖެންސީން ބުނީ އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމާ ތޮޅެން އުޅުމަކީ އެމެރިކާގެ ހަޔާތުގައި ހިންގާނެ އެބާވަތުގެ އެންމެފަހުގެ ހަރަކާތް ކަމަށްވާނެ ކަމަށާ އެކަން ކުރަން އުޅެފިނަމަ އޭގެފަހުން ދުނިޔޭގެ ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކާ ތޮޅުމަށް އެމެރިކާގެ ދައުލަތް ވުޖޫދުގައި ނުބާއްވާނެ ކަމުގައެވެ.

ސެންޓްރަލް ނޫސް އެޖެންސީގެ ބަޔާނުގައި މިފަދަ ކަމަކަށް މަސައްކަތްކޮށްފިނަމަ ނިއުކްލިޔަރ ބޮމުގެ އެތަށް ހަމަލާތަކެއް އެއްފަހަރާ އެމެރިކާއަށް ދޭނެކަމުގެ އިންޒާރު ދީފައިވެއެވެ. އަދި އެމެރިކާއަށް ނިއުކްލިޔަރ ހަމަލާތައް ދިނުމަށްފަހު ދެންވެދާނެ ގޮތަކާމެދު އުތުރުކޮރެޔާ ނުވިސްނާކަމަށްވެސް އެބަޔާން ބުނެއެވެ.

އުތުރުކޮރެޔާ އެމެރިކާއަށް މިހާވަރުގަދަ އިންޒާރެއް ދީފައިމިވަނީ އެގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) ގެ ވެރިޔާ މައިކް ޕޮންޕިޔޯ އެމެރިކާގެ ކޮލަރާޑޯގައި ދާދިފަހުން ދެއްވި ބަޔާނަކަށްފަހުގައެވެ. މިދިޔަ ހަފްތާގައި ކޮލަރާޑޯގައި ބޭއްވި ދުނިޔޭގެ އަމަނާބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުން މައިކް ޕޮންޕިޔޯ ވަނީ އުތުރުކޮރެޔާ ކުރާ ނިއުކްލިޔަރ ޓެސްޓްތަކާއި ބެލަސްޓިކް މިސައިލްގެ ޓެސްޓްތައް ހުއްޓުވުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ބާކާމިޔާބުވެފައި ވުމުން ދެންއޮތް ހައްލަކީ އެގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އުތުރުކޮރެޔާއަކީ ހަތަރު ފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައިވާ ގައުމެކެވެ. އަދި އެގައުމުގައި ސާޅީސް ފަހަކާއި ފަންސާހާ ދެމެދުގެ އަދަދަކަށް ނިއުކްލިޔަރ ބޮން އެބަހުރިކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން އަންދާޒާ ކުރެއެވެ. އަދި ނިއުކްލިޔަރ ބޮން ހަރުކޮށްފައި އެމެރިކާގެ ބައްރަށް ފޮނުވާލެވޭވަރުގެ ސްޓްރެޓީޖިކް މިސައިލް އުތުރުކޮރެޔާގައި ހުރިކަމަށްވެސް ނުސީދާ ގޮތެއްގައި އެމެރިކާ އެއްބަސްވެއެވެ.

ނަމަވެސް އުތުރުކޮރެޔާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލަކީ އެހާ އެކިއުރޭޓް މިސައިލްތަކެއް ނޫންކަމާއި އެއީ އެހާ އަމާޒު ރަނގަނޅު އެއްޗެއް ނޫންކަމަށް އެމެރިކާ ބުނެއެވެ. މިގޮތުން އުތުރުކޮރެޔާގެ އެބާވަތުގެ މިސައިލްތައް އަމާޒުކުރާ ޕޮއިނޓް ފިޔަވައި ފިޔަވައި އެހެންތަންތަނަށް އެރުމަކީ އެކަށީގެންވާކަމެއްކަމަށް އެމެރިކާ ބުނެއެވެ.

އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގަތުމަށްފަހު އުތުރުކޮރެޔާއަށް އަސްކަރީގޮތުން ބިރު ދެއްކުމުގެ ސިޔާސަތެއް ގެންގުޅުއްވަން ފެއްޓެވި ނަމަވެސް ފަހުންވަނީ އެސިޔާސަތު ބަދަލުކުރައްވައި ޝަރުތުތަކަކާއެކު އުތުރުކޮރެޔާއާ ސުލްހައިގެ ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ފަހަތަށް ޖެހިވަޑައިގެންފައެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު