މިނިވަން ދުވަސް ފާހަގަކުރުމަށް 60 ބައިސްކަލް ދުއްވުންތެރިން ލ. އަތޮޅަށް

ބައިކް މޯލްޑިވްސް އިން މިދިޔަ އަހަރު ލ. އަތޮޅަށް ކުރި ދަތުރުގެ ތެރެއިން --- ފޮޓޯ/ ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ " ބައިކް ޓުއާ" މި އަހަރުވެސް ފަށައިގެން ކުރިއަށް އެބަދެއެވެ.

މިދިޔަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހަރަކާތް ލ. އަތޮޅުގައި ބާއްވާ މިއީ ދެވަނަ ފަހަރެވެ.

އިއްޔެއިން ފެށިގެން ބައިކް ޓުއާގެ ހަރަކާތްތައް ފެށިފައިވާއިރު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ބައިކް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

ބައިކް މޯލްޑިވްސް އިން ހުރިހާ ހަރަދެއް ކުރާ ގޮތަށް ކުރިއަށްގެންދާ އެ ދަތުރުގައި ޖުމުލަ 60 ބައިސްކަލް ދުއްވުންތެރިން ވަނީ ބައިވެރިވެފައެވެ. ލ. އަތޮޅު ކައުންސިލް އަދި ސަން ފްރޮންޓްގެ އެހީތެރިކަމާއެކު މި ފަހަރުގެ ހާއްސަ ހަރަކާތް ކުރިއަށްދާއިރު ބައިކް މޯލްޑިވްސް އިން ބުނީ ލ. އަތޮޅުގައި ބައިސްކަލް ދުއްވުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ އިތުރުންވެސް އެހެނިހެން ހަރަކާތްތައް ބައިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ.

ބައިކް މޯލްޑިވްސް ޓުއާގައި ކުރިއަށްގެންދާ ހަރަކާތްތައް:

  • ޓައިމް ޓްރިއަލް 4000 މީޓަރު ( 50 އަހަރުން މަތި/ 50 އަހަރުން ދަށް)
  • ޓައިމް ޓްރިއަލް 1000 މީޓަރު ( 50 އަހަރުން މަތި/ 50 އަހަރުން ދަށް)
  • އެއް ގަޑިއިރުގެ ޓައިމް ޓްރިއަލް (އަންހެން އަދި ފިރިހެން ދެ ބަޔަށް ހުޅުވާލައިގެން)
  • 30 ކިލޯމީޓަރުގެ ބައިސްކަލް ރޭސް (ލ. ގަމުން ފުނަދުއަށް)

ބައިކް މޯލްޑިވްސްއިން ބުނީ މި އަހަރުގެ މި ދުވަސްވަރާ ގުޅުވައިގެން މި ފަދަ ހަރަކާތެއް ބާއްވަން ނިންމީ އެ ހަރަކާތް ކުރިއަށްގެންދާ ދުވަސްވަރާއި ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް ދިމާވާތީ ހުރިހާ ބައިސްކަލް ދުއްވުންތެރިން ގުޅިގެން އެކަން ފާހަަގަ ކުރުމަށް ކަމަށެވެ.

ކޮންމެ އަހަރަކުވެސް ބައިސްކަލް ދުއްވުންތެރިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު އެ އެސޯސިއޭޝަނުން ބުނީ ލ. އަތޮޅުގެ ރަށްރަށުން ބައިކް މޯލްޑިވްސްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެދިފައިވާ ކަމަށާއި އަމާޒަކީ ޖުމްލަ 100 ބައިސްކަލް ދުއްވުންތެރިން އަތޮޅުތެރެއިން އުފެއްދުން ކަަމަށެވެ.

މިދިޔަ އަހަރު ބައިކް ޓުއާ ބާއްވާފައިވަނީ ފިތުރު އީދުގެ މުނާސަބާތާ ގުޅިގެންނެވެ.

comment ކޮމެންޓް