ފުލުހުންގެ ސަފު ފޫއަޅުވާލި މައްސަލާގައި ރިޔާޒާއި ފަލާހު ފުލުހަށް

އަބްދުﷲ ރިޔާޒު: ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖިލިސް އިދާރާ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވައިލި ކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ރިޔާޒު ފުލުހަށް ހާޒިރުވުމަށް ފޮނުވި ޗިޓާއެކު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ބިރުދެއްކުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތްތައް ފެއިލްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާއަށް ފޮނުވާފައިވާ ޗިޓުގައި ވަނީ މިރޭ 08:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.

ރިޔާޒުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ފަލާހު ވެސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.

އެފަދަ ތުހުމަތެއްގައި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) އާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ވެސް ހައްޔަރު ކުރި އެވެ. ވައްޑޭގެ ބަންދަށް 15 ދުވަސް ޖަހައި އަދިވެސް ބަންދުގައި ހުރި އިރު މެންބަރު ސައުދު ހައްޔަރު ކުރުމުގެ އަމުރު ނެރުނު އިރު ނުބައިކޮށް ނެރެވިގެން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް