ޗައިނާގެ އެހީގައި ހާއްސަ ލޮލުގެ ކޭމްޕެއް ރާއްޖޭގައި ހިންގަނީ

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތުގައި ޗައިނާ މީހުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ލޮލުގެ ފަރުވާއަށް ހާއްސަ ކޭމްޕެއް ހިންގުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަން ގުޅިގެން އެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ ކޭމްޕަށް ތައްޔާރުވުމަށްޓަކާ ލޮލުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ޓީމެއް މިމަހުގެ 31 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޓީމުގެ ފަރާތުން އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާއިރު، އޮގަސްޓް ދޭއް އަދި ތިން ވަނަ ދުވަހު ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ވެސް ބަލިމީހުން ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުން 1417 އަށް ގުޅައިގެން ނަންނޯޓު ކުރެވޭއިރު، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6800026 އަށް ގުޅައިގެން އެ ހޮސްޕިޓަލުގައި ނަންނޯޓު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން އެ ޓީމުން ރާއްޖެއަށް ކުރާ ދަތުރުގައި ބަލާ ބަލި މީހުންގެ ތެރެއިން ކެޓަރެކްޓް ސާޖަރީ ހަދަންޖެހޭ ބަލިމީހުން ފާހަގަކޮށް، ބަލިމީހުންނަށް ލޮލުގެ ކޭމްޕުގެ ތެރެއިން ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު 2015 ވަނަ އަހަރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ލޮލުގެ ކޭމްޕެއް ބާއްވާފައެވެ. އެ ކޭމްޕުގައި 200 އަށްވުރެ ގިނަ ބަލިމީހުން ބަލާ، 107 ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ.

comment ކޮމެންޓް