އެއީ މިޖީލަށް މިނިވަން ދުވަސް ކިޔައިދެއްވި ބޭފުޅާ އެވެ. މިނިވަން ދުވަސް އަތުވެއްޖެ ނަމަ އެންމެންގެ އެކުވެރިޔާ އެވެ. މީޑިއާތައް މެދުވެރިކޮށް އެންމެ ގިނައިން ފެނި އެންމެ ގިނައިން އިވޭ އަޑެވެ. ތަފްސީލީ ގޮތެއްގައި ދިވެހިން އަޅުވެތިވިގޮތާއި މިނިވަންކަމަށް ކުރި މަސައްކަތާއި މިނިވަންވި ގޮތް އެނގި އެކަން ބުނެދިން ބޭފުޅާ އެވެ. އާދެ އެއީ އަލްމަހުރޫމް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީ އެވެ.

މިނިވަން ކަމަށް 50 އަހަރު ފާހަގަކުރުމާ ހަމައަށް އެމަނިކުފާން ދިޔައީ އެގޮތަށް ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރައްވަމުންނެވެ. ރާއްޖެ މިނިވަންވިތާ 52 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު މިއަދު މިދެކޭ މިނިވަންކަން ހޯދައި ދެއްވުމަށް އެންމެ އިސްރޯލް އަދާކުރެއްވި އަބްދުއްސަތާރު މޫސާ ދީދީ ވަނީ އުމުރުން 79 އަހަރުގައި އަވަހާރަވެފަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 27 ވަަނަ ދުވަހު އެމަނިކުފާން ދުނިޔެ ދޫކުރައްވާފައިވާ އިރު އެއީ މިގައުމުން ގެއްލިގެން ދިޔަ އަގުހުރި ހިދުމަތްތެރި އެވެ. ގައުމީ ލޯތްބާއި ގައުމީ ހިދުމަތުން ރަނގަޅު މިސާލެކެވެ. އެހެންކަމުން މިއަދު މިނިވަން ދުވަސް ފާހަގަކުރާ އިރު މިއީ ބޮޑު ފަޅުކަމެކެވެ.

ފުރޮޑިއުސަރުންނަށް ވެސް ހިތާމައެއް!

އެންމެ ފަހުން ޓީވީއަކަށް ދެއްވި އިންޓަވިއު ގައުމީ ޓީވީއަށް އަބްދުއްސައްތާރު ދެއްވާފައިވާ އިރު އެ ޕުރޮގުރާމް ހުށަހެޅުއްވި ޓީވީއެމްގެ ޑެޕިއުޓީ ނިއުސް ހެޑް ހީނާ ވަލީދު ވިދާޅުވި ގޮތުގައި އަބްދުއްސައްތާރަކީ ވަރަށް ގައުމީ ބޭފުޅެކެވެ. ގައުމުދެކެ ވަރަށް ލޯބިވާ ބޭފުޅެކެވެ. ގައުމަށް ޓަކައި އެހާބުރަ މަސައްކަތްކުރައްވާފައިވާތީ އަބްދުއްސާތު ނެތުމުގެ ފަޅުކަން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

އަބްދުއްސައްތާރާއި ހީނާ އިންޓަވިއޫކުރައްވަނީ-- ފޮޓޯ

"އެމަނިކުފާނަކީ ގައުމީ ލޯތްބާއި ގައުމަށް ޓަކައި ވަރަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައި އަދި އެހެންމެ ގައުމުގެ ދަރިން ދެކެލޯބިވާ އަދި ހަމަ އެހެންމެ ގައުމީ ވަންތަ ވަރަށް ހިތްޕުޅުތިރި ވަރަށް މަޑުމައިތިރި ވަރަށް އޯގާތެރި ބޭފުޅެއް،" ހީނާ ވިދާޅުވި އެވެ.

އެއީ މިނިވަން ކުރެއްވި ބަތަލް!

އެ މަރުހޫމަކީ ރާއްޖެ އިނގިރޭސީންގެ އަތް ދަށުން މިނިވަން ކުރި ބަތަލު އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާ އެކު ދެން އެންމެ އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅާ އެވެ. ރާއްޖެ މިނިވަން ކުރުމުގެ ހުރިހާ މަޝްވަރާއެއް އަވައްޓެރި ލަންކާގައި ކުރިއަށްދިޔައިރު ލަންކާގައި ދިވެހި ސަފީރަކަށް އޭރު ހުންނެވި އަބްދުއްސައްތާރަކީ ރާއްޖެ އަށް މިނިވަންކަން ހޯދައި ދެއްވުމަށް މަޝްވަރާތައް ކުރުމަށް ރާއްޖެ އިން ކަނޑައަޅުއްވާފައިވާ ސަފީރެވެ. އެތައް މަޝްވަރާއަކަށް ފަހު ރާއްޖެ މިނިވަންކަން ހޯދައިދެއްވި އެއްބަސްވުމުގައި ސޮއިކުރުމަށް މަގުފަހިކޮށްދެއްވި ބޭފުޅާއަކީ އެމަނިކުފާނެވެ.

އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަޒީރުލް އައުޒަމްގެ ނައިބަކަށް ހުންނެވި އިބްރާހީމް ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ގައުމުގެ މިނިވަން ކަމަށް ޓަކައި ޢަބްދުއްސައްތާރު ކުރެއްވި މަސައްކަތްޕުޅަކީ މާއްދީ ގޮތުން އަގުނުކުރެވޭ މަސައްކަތްޕުޅުތަކެކެވެ.

މިނިވަންކަމުގެ ބަތަލް އިބްރާހިމް ނާސިރުގެ އަމަލުތަކަށް ބަލާއިރު ވެސް އެންމެ ބޮޑަށް އަގުވަޒަންކޮށްފައިވާ ބޭފުޅާއަކީ އަބްދުއްސައްތާރުކަން ޔަގީނެވެ. އެކަން ޔަގީންކޮށްދޭ ހެއްކަކީ އަގުވަޒަން ކުރުމުގެ ގޮތުން ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ. ޢަބްދުއްސައްތާރު އަވަހާރަވުމާ ހަމައަށް ވެސް އެ ގަލަންކޮޅު އޮތީ އެމަނިކުފާނުގެ ބެލުމުގެ ދަށުގަ އެވެ.

އަބްދުއްސައްތާރު ސަންގެ ނޫސްވެރިޔާ ސާއިލްއާއެކު-- ސަން ފޮޓޯ

އަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވެގެން ދިއުމަކީ ރާއްޖެ އަށް އަގުހުރި ދަރިއެއް ގެއްލިގެންދިއުމެވެ. އެއީ ހިދުމަތުގައި ނަމޫނާ ޝަހުސިއްޔަތެކެވެ. އެމަނިކުފާނު މި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތަކީ ފުހެވިގެންދާނެ ހިދުމަތެއް ނޫނެވެ. އެއީ މިނިވަންކަމުގެ އަގުހުރި ހަދިޔާ އެވެ. އެމަނިކުފާނާއި ނުލައި މިނިވަން ދުވަސް ވަރަށް ފަޅެވެ.