ގައުމީ ހެދުމުގައި ޕްރެޒެންޓަރުން މާ "ޗާލު"

މިނިވަން ދުވަހުގެ ޕްރޮގްރާމެއް ހުށަހެޅުމަށް ސަންޓީވީގެ ޕްރެޒެންޓަރުންތަކެއް ގައުމީ ހެދުމުގައި --- ސަން ފޮޓޯ: މުހައްމަދު އިހްތިޝާމް

މިއަދު ޓީވީތައް ބަލަމުންދާއިރު ފެންނަނީ ވަރަށްވެސް ޝައުގުވެރި މަންޒަރެކެވެ. ކަނބަލުންނާއި ބޭކަލުން ޕުރޮގުރާމްތައް ހުށައެޅުމަށް ދިވެހި ހެދުމުގައި ތިބޭއިރު ވަރަށްވެސް ރީތިވެފައި ވަރަށްވެސް ފުރިހަމައެެވެ. ގައުމީވަންތަކަން ދައްކުވައިދޭއިރު ދިވެހި ގައުމުގެ ސަގާފަތް މުއްސަދިކަން ވަރަށްވެސް ބޮޑަށް ހެކިދެއެވެ. ބަލާލަން ވަރަށްވެސް ރީތި ހިތްގައިމު މަންޒަރުތަކެކެވެ.

މީގެ އަހަރުތަކެއް ކުރިއަށްބަލާއިރު ރާއްޖޭގައި ހަބަރު ކިޔާކުއްޖާ ލަމުންދިޔައީ ދިވެހި ގައުމީ ހެދުމެވެ. ނަމަވެސް ފަހުން ފަހުން އައިސް ކޯޓު ލުމަށް މިވަނީ ބަދަލުުވެފައެވެ. އެއާއެކު މިހާރު ދިވެހިވަންތަ ހެދުމެއްގައި ޕްރެޒެންޓަރުން ފެނިގެންދަނީ ގައުމީ ކޮންމެވެސް ހާއްސަ ދުވަހެއް ފާހަގަ ކުރާއިރު އެކަންޏެވެ. ކޮންމެ އަކަސް ގައުމީ ހެދުން މީޑިއާތަކުން ފެނުން މިވަނީ ތަދުކަމަކަށްވެފައެވެ.

ދިވެހި ބައެއް ޕްރެޒެންޓަރުން ދިވެހި ހެދުމުގައި--

މީޑިއާ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މަޝްހޫރު އަދި ތަޖުރިބާކާރު ޕުރެޒެންޓާ މަރިޔަމް ވަހީދާ ވިދާޅުވިގޮތުގައި ޕްރެންޒެންޓް ކުރާއިރު އޭނާ ކޯޓުލުމަކީ މިހާތަނަށް ކުރިކަމެއް ނޫން ކަމަށާއި އޭނާއަށް ކަމުދަނީވެސް އަދި އުފާވަނީވެސް ގައުމީ ހެދުމެއް ލައިގެން ޕްރެޒެންޓްކުރުން ކަމަށެވެ.

"އަޅުގަނޑު ބޭރުގައުމަކަށް ދިޔަޔަސް ލަނީ ދިގުހެދުން. ދިވެހި ސަގާފަތް ކުރިއެރުވުމަށް އެގޮތަށް ހިފެހެއްޓުން ރަނގަޅު، އޭރުން މާރީތިވެފަ އަނެއްކޮޅުން އަހަރެމެންނަކީ އަމިއްލަ ހެދުމެއްވެސް އޮތް މުއްސަދި ސަގާފަތެއްގެ ވެރިބައެއްކަން އެނގިގެންދޭ،" މަރީ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ޕްރޮގްރާމެއް ހުށަހެޅުމަށް ސަންޓީވީގެ ޕްރެޒެންޓަރުންތަކެއް ގައުމީ ހެދުމުގައި --- ސަން ފޮޓޯ: މުހައްމަދު އިހްތިޝާމް

ކޯޓަކީ މިއަދު މީޑިއާތަކުން ބޭނުންކުރާ ރަސްމީ ހެދުން ކަމަށްވާއިރު ބޭރުގެ ސަގާފަތެއް ޕުރޮމޯޓްކުރުމުގެ ބަދަލުގައި މީޑިއާތަކުން ދިވެހި ހެދުންތައް ބޭނުންކުރުމަކީ ދިވެހި ސަގާފަތް ދިރުވައިއާލާކުރުމަށް ރަނގަޅު މަގެއްކަމަށް މަރީ ވިދާޅުވިއެވެ.

ކޯޓަށް ބަދަލުވީ ކީއްވެ؟

ތަޖުރިބާކާރު ޕްރެޒެންޓާ ހީނާ ވަލީދުގެ ނަޒަރުގައިވެސް ދިވެހި ޕްރެޒެންޓަރުންނަށް އެންމެ ރީތި އަދި އެންމެ ގުޅޭ ހެދުމަކީ ގައުމީ ހެދުންތަކެވެ. ނަމަވެސް ގައުމީ ހެދުން މީޑިއާތަކުގައި ބޭނުން ނުކުރެވެނީ މަސައްކަތް ކުރަންޖެހޭ ބުރަކަމުން ދިމާވާ ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށް ހީނާ ވިދާޅުވިއެވެ.

ދިވެހި ބައެއް ޕްރެޒެންޓަރުން ދިވެހި ހެދުމުގައި--

"މިހާރު ވަރަށް ބުރަކޮށް ވަގުތު ކުޑަކޮށް މިމަސައްކަތް ކުރަނީ، ކުރިން ވަކި ވަގުތުތަކެއްގައި ހަބަރު ކިޔަން މިދަނީ ކުރިއާލާ ތައްޔާރުވެގެން، އެހެންނަމަވެސް މިހާރު އިރުއިރުކޮޅާއި ހަބަރު އެބަކިޔާ، އަދި ކަވަރޭޖްތައް އެބަހަދާ، އެހެންވީމަ ދިގުހެދުން ލައިގެން އުޅެންވީމަ ގޮންޖެހުންތަކެއް ދިމާވޭ،" ހީނާ ވިދާޅުވިއެވެ.

ޕްރެޒެންޓަރުންނާއި ނޫސްވެރިންނަކީ ގިނައަދަދެއްގެ ހެދުންލާން ޖެހޭ ބަޔަކަށްވާއިރު ގިނަ އަދަދެއްގެ ގައުމީހެދުން ހޯދުމަށް ދިމާވާ މާލީ މައްސަލަތަކަކީވެސް ގޮންޖެހުމެއްކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

ގޮންޖެހުންތަކާއެކުވެސް އަލުން މިސަގާފަތް ދިރުވަން ޖެހޭ

އިނގިރޭސީންގެ ކިބައިން ސަލާމަތް ވި ވާހަކަ ދެއްކުމަށް އަރައިތިބޭއިރު އެމީހުންގެ ހެދުން ލައިގެން ތިބުމަކީ އެއްވެސް ގޮތަކަށް ރީތި މަންޒަރެއް ނޫނެވެ. އަދި ދިވެހި ސަގާފަތުގެ މުއްސަދިކަން ދައްކުވަންވެސް ހަމަ އެންމެ ކަމުދަނީ ހަމަ ދިވެހި ހެދުމެވެ.

ސަންގުޓީވީ ފަދަ ޓީވީތަކުގައި އަދިވެސް ހަބަރު ކިޔުމުގައި ދަނީ ދިވެހި ހެދުން ބޭނުންކުރަމުންނެވެ. އެއީ އެސުޓޭޝަނުން ކުރަމުން އަންނަ ރަނގަޅުކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވިގޮތުގައި ޕްރެޒެންޓަރުން ދިވެހި ހެދުން ލައިގެން ޕްރެޒެންޓްކުރުމަކީ ގޮންޖެހުންތަކެއް ހުރިނަމަވެސް އަލުން ދިރުވަންޖެހޭ ސަގާފަތެއް ކަމަށެވެ. އޭގެ ސަބަބުން ތަމްސީލް ކުރެވެނީ ގައުމުކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ދިވެހި ހެދުމުގައި ތިބުމަކީ ދުނިޔެއަށް ރާއްޖޭގެ ހައިބަތު ދައްކައިދޭނެ ކަމެއް، އޭގެން އެބައިންގޭ އަޅުގަނޑުމެންގެ ސަގާފަތުގެ މުއްސަދިކަން،" އަޝްރަފް ވިދާޅުވިއެވެ.

އޮލިމްޕިކް ރަސްމިއްޔާތު ފެށުމުގެ ހަރަކާތުގައި ދިވެހި ހެދުމުގައި--

ދިވެހި ގައުމީ ހެދުންތަކުގެ ގޮތުގައި ތަފާތު ހެދުންތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންނަށް ހާއްސަ ގިނަ ހެދުންތަކެއް ހިމެނެއެވެ. އެގޮތުން އަންހެންވެރިންނަށް ހާއްސަ ދިގުހެދުމާއި، ހިރުއެޅިލިބާހާއި ކުރުހެދުން ފާހަގަކޮށްލެވޭއިރު ފިރިހެނުންނަށް ހުދުމުންޑާއި ފޭލިއަދި ޖީބަށް ރުމާޖެހި އަތްދިގު ގަމީހަކީ ވަރަށްވެސް ޗާލު ހެދުންތަކެވެ.

ޕްރެޒެންޓަރުން ދިވެހި ހެދުން ލުމަކީ ވަކި ހާއްސަ ދުވަސްތަކެއްގައި ކުރާކަމެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކުރަން ފެނެއެވެ. ހާއްސަކޮށް ހަބަރު ގަޑިތަކުގައި ކަނބަލުންނާއި ބޭކަލުން ދިވެހި ހެދުމުގައި ފެނުން އެއީ ނެތެމުންދާ ސަގާފަތް އަލުން ފެތުރޭނެ ކަމެއްކަމަށް ގަބޫލް ކުރެވެއެވެ.

comment ކޮމެންޓް