ފޮޓޯގްރާފަރުން ދެކެ އަރާދިޔާ ބިރުގަތުމުން އައިޝްވާރްޔާ ރުޅިގަދަވެއްޖެ

އައިޝްވާރްޔާ ރާއީ ބައްޗަންގެ މަޝްހޫރުކަމާއި ރީތިކަމުގެ ސަބަބުން، ފޮޓޯގްރާފަރުން ތިބެނީ އޭނާގެ ފޮޓޯއެއް ނަގަން ލިބޭނެ ފުރުސަތަކަށް ބަލަބަލަ އެވެ. ޚާއްސަކޮށް ދަރިފުޅު އަރާދިޔާ އާ އެކު ފެނިއްޖެ ނަމަ ފޮޓޯގްރާފަރުންނަށް ދެން މަރެކެވެ.

އައިޝްވާރްޔާ އަކީ މީޑިއާއާ ގާތުން މަސައްކަތް ކުރާ ފަންނާނަކަށް ވުމުން، ފޮޓޯ ނަގަން މަޑުކޮށްލައި، ފޮޓޯގްރާފަރުންނަށް އެ ފުރުސަތު ދެ އެވެ. އެހެން ނަމަވެސް މިހާރު ފޮޓޯގްރާފަރުންނާ މުއާމަލާތު ކުރަން އައިޝްވާރްޔާ ބޭނުމެއް ނުވެ އެވެ. އައިޝްވާރްޔާ މިވަނީ ފޮޓޯގްރާފަރުން ދެކެ ރުޅި އައިސްގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ދަރިފުޅާއި މަންމަ އާއެކު ނިއު ޔޯކުގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު އެނބުރި މުމްބާއީ އަށް ދިޔަ ދުވަހު އެއާޕޯޓުގަ އެވެ. އާދައިގެ މަތިން އައިޝްވާރްޔާ އެއާޕޯޓުން ނުކުތް އިރު ގިނަ އަދަދެއްގެ މީޑިއާތައް އެތަނުގައި ތިއްބެވެ.

އައިޝްވާރްޔާ ވަނީ ފޮޓޯނަގަން ފުރުސަތު ދީފަ އެވެ. އެހެން ނަމަވެސް ފޮޓޯގްރާފަރުން ބޮނޑިވެ، ސުވާލު ކުރަން ފެށުމުން އަރާދްޔާ ވަނީ ބިރުން ރޯން ފަށައިފަ އެވެ. އެހެންކަމުން އައިޝްވާރްޔާ ވަނީ އިތުރަށް ފޮޓޯ ނުނެގުމަށް ފޮޓޯގްރާފަރުންގެ ކިބައިން އެދިފަ އެވެ.

އައިޝްވާރްޔާ ރުޅިގަދަވީ އޭނާގެ އެދުމުގެ މަތިން ވެސް ފޮޓޯގްރާފަރުން އެތަނުން ދުރަށް ނުދިއުމުންނެވެ. އަދި ފޮޓޯނެގެނުން ހުއްޓާނުލުމުންނެވެ. އެކަމާ ރުޅިގަދަވެގެން އައިޝްވާރްޔާ ވަނީ ފޮޓޯގްރާފަރުންނަށް ނުރުހުމުގެ ބަސްތަކެއް އަމާޒުކޮށް ވާހަކަ ދައްކައިފަ އެވެ.

މީގެ ކުރިން އައިޝްވާރްޔާގެ ފޮޓޯނަގަން ބޭނުންވެގެން ފޮޓޯގްރާފަރުން މާބޮޑަށް ގާތްވުމުން، އައިޝްވާރްޔާގެ މަންމައަށް ވަނީ އަނިޔާ ވެފަ އެވެ.

މި ފަހުން އެއޯޕޯޓުގައި ހިނގި ހާދިސާ އަށްފަހު އައިޝްވާރްޔާ މިހާރު ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް