ސެންޗޫރިއަންގެ ބޯޑަށް ނަހީޒް އަދި ޑރ. ރަނޭޝް

ސެންޗޫރިއަން ޕލކގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އާންމުކޮށް ހިއްސާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި، ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ސީޕީއެލްސީ)ގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ރޭ ބާއްވައިފި އެވެ.

ޝިޕިންގް އަދި ލޮޖިސްޓިކްސް ކުންފުނި ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ސެންޗޫރިއަން ޕލކގެ ފުރަތަމަ އަހަރީ ޢާންމު ޖަލްސާގައި، އެކުންފުނީގެ ބޯޑަށް އައްޔަނުކުރާ ދެ މެމްބަރުން އައްޔަނުކޮށް، ކުންފުނީގެ ބޯޑު ފުރިހަމަކޮށްފައިވެ އެވެ.

ސެންޗޫރިއަން ޕލކގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރާއި ޗެއާމަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވީ، ސެންޗޫރިއަން ޕލކގެ ބޯޑުން ނިންމާފައި ވަނީ، ފަސް މެމްބަރުންގެ ޑިރެކްޓަރުންގެ ބޯޑު ހަތް މެމްބަރުންނަށް އިތުރުކުރުމަށް ކަމަށެވެ. އަދި އޭގެ ތެރެއިން ހަ ޑިރެކްޓަރުންނަކީ މެޖޯރިޓީ ޝެއާހޯލްޑަރުން އައްޔަނުކުރާ، އަދި އެއް ޑިރެކްޓަރަކީ މައިނޯރިޓީ ހިއްސާދާރުން އައްޔަނުކުރާ ޑިރެކްޓަރަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ކެޕްޓަން މައުމޫން ވިދާޅުވި އެވެ.

"މިއީ އަޅުގަނޑަށް އެނގިގެން މެޖޯރިޓީ ޝެއާހޯލްޑަރުން، މައިނޯރިޓީގެ ރައިޓްސް ޕްރޮޓެކްޓްކުރުމަށް ކުރި މިކަހަލަ ފުރަތަމަ ކަންތައް،"

އެހެން ނަމަވެސް އަބަދު މިހެން ކަން ނުހިނގާފާނެ ކަމަށް ވެސް ކުންފުނީގެ ޗެއާމަން ވިދާޅުވި އެވެ.

ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން ނިންމީ އެކުންފުނީގެ ބޯޑުގައި ތިއްބެވި ފަސް ޑިރެކްޓަރުންގެ އިތުރުން، ނަހީޒް އަހްމަދު ސައީދު ވެސް އެ ބޯޑަށް އައްޔަނު ކުރުމަށެވެ.

ސެންޗޫރިއަން ޕލކގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން މައިނޯރިޓީ ޝެއާހޯލްޑަރުންގެ ފަރާތުން އެކުންފުނީގެ ބޯޑަށް އިންތިޚާބުކުރީ ޑރ. އަހްމަދު ރަނޭޝެވެ.

މިހާރު ސެންޗޫރިއަންގެ ބޯޑު އެކުލެވިގެންވާ ގޮތަކީ:

  • ކެޕްޓަން އަހްމަދު މައުމޫން (ޗެއާޕާސަން)
  • އައިމަން ޖަމީލް (މެނޭޖިންގް ޑިރެކްޓަރު)
  • އަބްދުﷲ ނާފިޒް (ޑިރެކްޓަރު)
  • އަބްދުﷲ ހަސަން (ޑިރެކްޓަރު)
  • ޖުވޭރިޔާ ސައީދު (ޑިރެކްޓަރު)
  • ނަހީޒް އަހްމަދު ސައީދު (ޑިރެކްޓަރު)
  • ޑރ. އަހްމަދު ރަނޭޝް (މައިނޯރިޓީ ޝެއާހޯލްޑަރުން އައްޔަނުކުރާ ޑިރެކްޓަރު)

ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ސެންޗޫރިއަން ބަދަލުވުމަށް ފަހު މިދިޔަ އަހަރު ހޭދަވީ އެންމެ ފަސް މަސް ދުވަހެވެ. އެ މުއްދަތުގައި އެކުންފުނިން ކުރިޔަށް ގެންދިޔައީ ހިއްސާ ވިއްކުމުގެ މަސައްކަތެވެ. ކުންފުނީގެ ވިޔަފާރިއެއް ކުރިޔަށް ނުގެންދިޔަ ނަމަވެސް، އެކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ ވިޔަފާރިތައް ހިނގަމުން ދިޔަ އެވެ.

ސެންޗޫރިއަން ޕލކގެ ސަބްސިޑަރީ ކުންފުނިތަކަކީ މައި ކުންފުނި، ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންސާއި، (އޭޖެންސީ ސާވިސެސް ދޭ ކުންފުނި) ރޯހޮފް ޕްރައިވެޓް ލިމިޓެޑާއި (އެއާ އަދި އޯޝަން ފްރައިޓް ޚިދުމަތްދޭ ކުންފުނި) އިކުއަޓޯރިއަލް ލައިންސް އެވެ.

ސެންޗޫރިއަން ޕލކގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އައިމަން ޖަމީލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ސެންޗޫރިއަންގެ މެނޭޖިންގް ޑިރެކްޓަރު އައިމަން ޖަމީލް ވިދާޅުވީ، ސެންޗޫރިއަން ޕަބްލިކް ކުންފުންޏަކަށް ބަދަލުވީއްސުރެ، އަހަރު ނިމެންދެން ހޭދަވި ފަސް މަސް ދުވަހު އެކުންފުންޏަށް 27.2 މިލިޔަން ރުފިޔާގެ އާމްދަނީއެއް، އަދި 7.7 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށެވެ.

އައިމަން ވިދާޅުވީ، ސެންޗޫރިއަންގެ ތިން ސަބްސިޑަރީ ކުންފުނިން ގެންދާނީ އެކުންފުނިތަކުގެ ގާބިލުކަމުގައި، އެކުންފުންޏަކުން ޚިދުމަތްދޭ މާކެޓުތަކަށް ޚިދުމަތްތައް ފޯރުކޮށްދެމުން ކަމަށެވެ.

މިދިޔަ އަހަރު ސެންޗޫރިއަނަށް ލިބުނު ފައިދާއިން، ހިއްސާދާރުންނަށް ފައިދާ ބެހުމަށް ނިންމާފައެއް ނުވެ އެވެ.

comment ކޮމެންޓް