ލަވަ ދަސްކޮށްދިން ވިސާކާ މިސް، ދެން އެނބުރި އައުމެއް ނެތް!

ވިސާކާ މިސް ސަން އައް އިންޓަވިއު ދެއްވަނީ: ވިސާކާ މިސްގެ ނަޒަރުގައި ދިވެހިންނަކީ ހިތްހެޔޮ އިހުލާސްތެރި ބައެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަޅުގަނޑު ވެސް މަދުރަސީ ތައުލީމުގެ ބިންގާ ފެށީ އިސްކަންދަރު ސްކޫލުންނެވެ. އެއީ މީގެ 18 އަހަރު ކުރި އެވެ. އެ ސްކޫލުގެ އެތައް ޓީޗަރެއްގެ ހަނދާންތައް އަދިވެސް ސިކުނޑީގައި ކުރެހިފައި އެބަހުއްޓެވެ. ނަމަވެސް އެ ސްކޫލުގެ ނަމާ އެއްވަރުގެ، ލޯތްބެއް ހޯއްދާފައިވާ ޓީޗަރަކީ ވިސާކާ ޕަހަތުކުނބުރާ (ވިސާކާ މިސް) އެވެ.

ވިސާކާ މިސް ރާއްޖެދޫކޮށް ދާން އުޅޭ ވާހަކައާ އެކު އިންޓަވިއަކަށް އެދި، އެ ސްކޫލަށް ދިޔައީމެވެ. ފެނުމާއެކު ތިއީ އަހަރެންގެ ދަރިވަރެއް ކަމަށް ބުންޏެވެ. ދަރިވަރުންނަކީ އޭނާގެ ސިކުނޑީގައި އަބަދުވެސް ކުރެހިފައިވާ ތަސްވީރެވެ. އުމުރުން 60 މައްޗަށް ގޮސްފައި ހުރިނަމަވެސް ހަނދާން ގަދައެވެ. ބައްދަލުކުރީ ހިނިތުންވުމާއެކު އެވެ. ވާހަކަދެއްކީ ދަރިއެއްގެ ގޮތަށެވެ.

އިސްކަންދަރުގެ ދަރިވަރުންތަކަކާ އެކު ވިސާކާ މިސް: މިސް އެނބުރި ގައުމަށް ފުރަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއީ އަހަންނަށް އެކަނި ހާއްސަވާ ޓީޗަރެއް ނޫނެވެ. އިސްކަންދަރު ސްކޫލުގެ އެތައް ދަރިވަރެއްގެ ހިނިތުންވުމާ ގުޅިފައިވާ މަންމައެއްގެ މަގާމު ހޯދާފައިވާ ޓީޗަރެކެވެ. މަންމައެއް ފަދައިން ލޯބިދިން ހިތްހެޔޮ މީހެކެވެ. ދިވެހިންނާއި ދިވެހި ގައުމުދެކެ ލޯބިޖެހިފައިވާ ބިދޭސީ ހިތެކެވެ. މިއަދު އުފެދިފައިވާ މަގުބޫލު އެތައް ލަވަކިޔުންތެރިއެއްގެ ބިންގާ އަޅައިދިން ހިތްވަރުގަދަ އަންހެނެކެވެ.

އެއީ ގިނަ ބަޔަކަށް ލަވަ ދަސްކޮށްދިން ވިސާކާ މިސްއެވެ.

ރާއްޖެ އައީ އަމިއްލައަށް ބޭނުންވެގެން، ދިވެހިން ވަރަށް ހެޔޮ!

އިސްކަންދަރު ސްކޫލާއި ދަރިވަރުންނަށް ހިދުމަތް ކުރުމުގައި އުމުރުގެ ބޮޑު ބައި ހޭދަކޮށްފައިވާ ސްރީ ލަންކާގެ ކެންޑީއަށް އުފަން ވިސާކާ ޕަހަތުކުނބުރާ ނުވަތަ "ވިސާކާ މިސް" އަކީ ކުޑަ އިރުވެސް މިއުޒިކަށް ޝައުގުވެރިވި މީހެކެވެ.

އުމުރުން އެންމެ 10 އަހަރުގައި ވިސާކާ މިސް މިއުޒިކަށް ޝައުގުވެރިކަން އުފެދުނީ ޕިއާނޯ ކުޅެގެންނެވެ. އެއީ މިއަދާ ހަމައަށް ވެސް އޭނާގެ ހާއްސަ އިންސްޓްރޫމަންޓެވެ.

އިސްކަންދަރު ސްކޫލުގައި ވިސާކާ މިސް ބޭނުންކުރި ޕިޔާނޯ: ޕިއާނޯ އަކީ އޭނާގެ އެންމެ ހާއްސަ އިންސްޓްރޫމަންޓު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއުޒިކަށް އުފެދުނު ޝައުގުވެރިކަމުގައި ބައްޕަ ކައިރީގައި ބުނެ ކިޔައިގެން މިއުޒިކް ކުލާސްތަކަށް ދާންފެށި އެވެ. އޭގެ ފަހުން މަތީ ތައުލީމް ހާސިލްކޮށް ސްކޫލުގައި ޕާޓް ޓައިމްކޮށް މިއުޒިކް ކިޔަވައިދިނެވެ. މިއުޒިކްގެ ދާއިރާއިން ޓީޗިން ޓްރެއިނިން ހެދުމަށް ފަހު ވިސާކާ މިސް އައީ ރާއްޖެ އަށެވެ.

އެއީ މީގެ 30 އަހަރު ކުރި އެވެ. ރާއްޖެއޭ ކިޔާ އަޑުއިވި، މިގައުމަށް ހިދުމަތް ކުރުމުގެ ބޭނުމުގައި ވިސާކާ މިސް ރާއްޖެ ހިޖުރަކުރީ އަމިއްލަ އަށް ބޭނުންވެގެންނެވެ. ޓީޗަރެއްގެ ވަޒީފާ ރާއްޖެއިން ދިނުމަށް އެދި ސިޓީ ލީވެސް އަމިއްލަ އަށެވެ. އޭރު ވިސާކާ މިސްގެ އުމުރަކީ 35 އަހަރެވެ.

ވިސާކާ މިސްގެ ނަޒަރުގައި ދިވެހިންނަކީ ވަރަށް އިހުލާސްތެރި، ތެދުވެރި އަދި ހިތްހެޔޮ ބައެކެވެ. ރާއްޖޭގައި މިވީހާތަނަށް ވެސް މަސައްކަތްކުރީ ވަރަށް އުފަލާއި ހިތްހަމަޖެހުމުގަ އެވެ. ފޫހި ކަމެއްނެތި ރާއްޖޭގައި 30 އަހަރު ވޭތުކޮށް، މިގައުމުން ދާން ބޭނުންނުވި ސަބަބަކީ ވެސް އެއީއެވެ.

ވިސާކާ މިސް ސަން އަށް އިންޓަވިއު ދެއްވަނީ: މިސްގެ ނަޒަރުގައި ދިވެހިންނަކީ އިހުލާސްތެރި ހިތްހެޔޮ ބައެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަހަރެން މިތަނަށް އައި ދުވަސް ކޮޅުވެސް އެންމެން ވެސް ވަރަށް ރަނގަޅު އަހަންނަށް. އަހަރެން ވަރަށް އުފަލާ އެކު މަސައްކަތްކުރީ. ސްކޫލުގެ ކިބައިން ކޮންމެ ވަގުތުތަކު ކޮންމެ ކަމަކު އެދުނު ނަމަވެސް ދުވަހަކު ވެސް ނޫނެކޭ ބުނެފައެއް ނެތް،" ފެންކަޅިވެ ހުރެ މިސް ކިޔައިދިނެވެ.

ވިސާކާ މިސް ބުނާ ގޮތުން، އޭނާ ކިޔަވައިދިން ދަރިވަރުންނަކީ އޭނާގެ ދަރިންނެވެ. އޭނާ އެ ދަރިވަރުންދެކެ ވަރަށް ވެސް ލޯބިވެއެވެ. އަދި ދަރިވަރުންގެ ފަރާތުން ވެސް އެ އިހްތިރާމާއި ލޯބި އޭނާއަށް ލިބޭއިރު، އެއީ ދުލުުން ބަޔާން ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ވިސާކާ މިސް އަކީ ނަމޫނާއެއް! ތަފާތު މީހެއް!

ވިސާކާއާ ބެހޭ ގޮތުން އިސްކަންދަރު ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް ހުސެއިން ސައީދު ސަން އަށް ވިދާޅުވީ، އެއީ މިއަދު އިސްކަންދަރު ސްކޫލް، ސްކޫލަކަށް ހަދައިދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި އިސްކަންދަރު ސްކޫލުގެ ނަމޫނާ މީހެކެވެ. ތަފާތު ޓީޗަރެއް ކަމަށެވެ.

ވިސާކާ މިސް ސަން އަށް އިންޓަވިއު ދެނީ: މިސް ބުނާގޮތުން ރާއްޖޭގައި އޭނާ ހާސިލްކުރަން ބޭނުންވި ހުރިހާ އުންމީދެއް ހާސިލް ވެއްޖެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއީ ތެދެކެވެ. ޕްރައިމަރީ ސްކޫލަކުން އުފެއްދި ފުރަތަމަ ބޭންޑު އުފެއްދީ ވެސް ވިސާކާ މިސް އެވެ. އެއީ މިއަދު މާލޭގައި އޮތް އެންމެ ކުޅަދާނަ ބްރާސް ބޭންޑެވެ. ލަވަކިޔުމުގެ މުބާރާތްތަކާއި މަދަހަ މުބާރާތްތަކުން އިސްކަންދަރު ސްކޫލް ހޯދި ކާމިޔާބީއެއްގެ ފަހަތުގައި ވެސް ހުރީ އޭނާއެވެ. އިސްކަންދަރު ސްކޫލުގެ ލިޓަލް މެއިޑްގައި ވެސް އޭނާއަކީ މުހިއްމު މޭސްތިރިއެކެވެ.

"ވަރަށް ކޮލިޓީ ހުންނާނެ. އަނެއްކާ ވަރަށް ބަލިކޮށް ކަމީނާކޮށް ހުރި ނަމަވެސް އޭނަގެ ހުންނާނީ ވަރަށް ސްޓްރޯންގް ކެރެކްޓާއެއް. އިންތިހާއަށް ކުދިން ރެސްޕެކްޓު ކުރާނެ. އެހާ ލޯބިވާނެ އެކުދިން ދެކެ،" ވިސާކާ މިސްއާ ބެހޭ ގޮތުން ޕްރިންސިޕަލް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިސާކާ މިސްއަކީ އިހުލާސްތެރިކަމާ އެކު މަސައްކަތްކުރި ދުވަހަކު ވެސް ޝަކުވާއެއް ކުރި މީހެއް ނޫނެވެ. އަދި އިސްކަންދަރު ސްކޫލުގެ ޓީޗަރުންނާއި މެނޭޖްމަންޓުގެ ތެރޭގައި ވެސް ވިސާކާ މިސް އަށްވުރެ ހިދުމަތްތެރި ބޭފުޅަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

އިސްކަންދަރު ސުކޫލް ޕްރިންސިޕަލް ހުސެއިން ސައީދު ސަން އައް އިންޓަވިއު ދެއްވަނީ: ޕްރިންސިޕަލް ވިދާޅުވީ ވިސާކާ މިސް އަކީ ނަމޫނާ މީހެއް ކަމަށް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިކަހަލަ ޓީޗަރުން މަދުވާނެ. އެންމެ ވަރުގަދަ ސިފައަކީ ކުދިން ވިސާކާ އަށް ކުރާ ރެސްޕެކެޓް. އިސްކަންދަރުގެ މުހިއްމު ކަންތައްތަކެއްގެ ފެށުމަކީ މިއީ. މިއަދު ވިސާކާ މިސްއަށް ފެއާވެލް އެއްވެސް ބޭއްވިން. ސްކޫލުން މިފެންވަރުގައި ފެއާވެލްއެއް ނުބާއްވަން. އެއީ ޝީ ޑީޒާވް ދިސް،" އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ރާއްޖޭގައި ފޮނި ހަނދާންތަކެއް، ދޫކޮށްދާން ދެރަވޭ!

މިއަދު އުމުރުން ދުވަސްވެފައި ހުރި ނަމަވެސް ވިސާކާ މިސްއަކީ ރާއްޖެއަށް ހިދުމަތް ކުރުމުގައި ދެމިތިބި މަދު ބިދޭސީ ޓީޗަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ޓީޗަރެކެވެ.

އޭނާގެ އަގުހުރި ހިދުމަތްތައް އަބަދުވެސް އިސްކަންދަރު ސްކޫލުން ބަލައިގަންނާނެ އެވެ. މިއަދު ވިސާކާ މިސް ވެސް ރާއްޖެ ދޫކޮށް ދަނީ ފޮނި ހަނދާންތަކެއް ދޫކޮށްފަ އެވެ. ރާއްޖޭގައި 30 އަހަރު ދުވަހު ކިޔަވައިދެވުނު އިރު ޓީޗަރަކަށް ވެގެން ހާސިލްކުރަން ބޭނުންވި ހުރިހާ އުންމީދެއް ހާސިލް ވެއްޖެކަމުގެ އުފާ ލިބިގެންނެވެ.

މިސް ބުނާގޮތުގައި، ރާއްޖޭގައި އޭނާ ހޭދަކުރި އަހަރުތަކުގައި މިއުޒިކްގެ ދާއިރާއިން އޭނާއަށް ލިބުނު އެންމެ އުފާވެރި ހަނދާންތަކަކީ އިސްކަންދަރުގައި ބޭންޑު އުފައްދާ، ލަވަކިޔުމާއި މަދަހަ ކިޔުމުން އިސްކަންދަރަށް ކާމިޔާބު ހޯދައިދެވުމެވެ.

ވިސާކާ މިސް ފޮޓޯ އެއް ނަގަނީ: ރާއްޖޭގައި އުފެދުނު މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ އަދި ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާ އަކީ މިސްގެ ދަރިވަރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހާއްސަކޮށް ޖެހިޖެހިގެން ހަތަރު ފަހަރު ސްކޫލްތަކުގެ ލަވަ ކިޔުމުގެ މުބާރާތް އިސްކަންދަރަށް ހޯދައިދިން ހަނދާން މިސް ފާހަގަކުރެއެވެ.

ނަމަވެސް އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިސް ދެކެނީ އެތަކެއް ކުދިންނެއްގެ ލޯބި ހާސިލްވުމެވެ. ކިޔަވައިދިން ކުދިންގެ ތެރެއިން ގައުމު ފަހުރުވެރިކޮށްދޭނެ ދަރިންތަކެއް އުފެދުމެވެ. އަދިވެސް އެކުދިންގެ ލަވަތައް އަޑުއިވި އުފާވާ ކަމަށް މިސް ބުންޏެވެ.

"އަހަރެން ވަރަށް އުފާވޭ. އަހަރެން ދެކޭ ގޮތުގައި ރާއްޖޭގައި އަހަރެން ހޭދަކުރި ދުވަސްތަކަކީ ވަރަށް ކާމިޔަބު ދުވަސްތަކެއް. އަހަރެންނަށް އަހަރެންގެ ޒިންމާ ރަނގަޅަށް އުފުލިއްޖެ ކަމަށް ދެކެން. އޭގެ ނަތީޖާ ވެސް ވަރަށް ރަނގަޅު. ރާއްޖެ ދޫކޮށްދާން ވަރަށް ދެރަވޭ،" ވިސާކާ މިސް ބުންޏެވެ.

ވިސާކާ މިސް އަކީ ރާއްޖޭގައި މިހާރު ތިބި ފަންނާނުންނަށް ބެއްޔަސް އެތައް ފަންނާނެއްގެ ބިންގަލެވެ. ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މަރިޔަމް އުނޫޝާ (ކިޑީ) އަކީ ވިސާކާ މިސް ފާހަގަކުރައްވާ ދަރިވަރެކެވެ. އަދި ދިވެހިންގެ ތެރޭގައި މަގުބޫލު ޑރ. ޝަމްރާހާއި ރާފިޔަތު ރަމީޒާގެ އިތުރުން ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދު އެ ލިސްޓުގައި ފާހަގަ ކޮށްލެވެއެވެ.

ވިސާކާ މިސް ސަން އައް އިންޓަވިއު ދެނީ: މިސް ބުނާ ގޮތުގައި އޭނާއަށް ހާސިލްވި އެންމެ ބޮޑު އެއްޗަކީ ދަރިވަރުންގެ ލޯތްބާއި އިހްތިރާމް ލިބުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ އަންނާނަން، އެހީއަށް ބޭނުންވެއްޖެނަމަ ގާތުގައި ހުންނާނެ!

މީގެ ދެ އަހަރު ކުރިން އޯވަރީ ކެންސަރު ޖެހި އެކަމުގެ ހިތްދަތިކަމުގައި ވެސް ހިތްވަރާއެކު އެކަމުން އަރައިގަނެފައިވާ ވިސާކާ މިސްގެ ވާހަކަތަކުން މިސް ސްކޫލަކުންް ދާކަށް ބޭނުމެއް ނޫނެވެ.

މިސް ބުނި ގޮތުގައި، ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ދަނީ ބޭސް ފަރުވާ ކުރުމަށް ފަސޭހަވެ، އުމުރުން ދުވަސްވެ، އަރާމުކުރަން ބޭނުންވާތީ އެވެ. ނަމަވެސް ސްކޫލުން އެއްވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެ ނަމަ އޭނާ އެކަންކޮށްދޭނެ ކަމަށާއި ދަރިވަރުން ދެކިލަން އަންނާނެ ކަމަށް ބުންޏެވެ.

ވިސާކާ މިސްގެ ހިތް ހެޔޮކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެ އެވެ. ރާއްޖެއަށް އެ މިސް ކޮށްދިން ހިދުމަތަކީ އެތައް ދަރިއެއްގެ ހިތުން ބަލައިގަތްފައިވާ ހިދުމަތެކެވެ. މުޅި ގައުމު ބަލައިގަތް ހިދުމަތެއް ކަމާމެދު ދެބަހެއް ނުވެވޭނެ އެވެ. ބުނެލަން އޮތީ "އަޅުނގަޑަށް ލަވަ ދަސްކޮށްދެއްވީތީ ވިސާކާ މިސްއަށް ތެންކިއު" އެވެ.

comment ކޮމެންޓް