ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ރައީސް އޮފީހަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާ ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ކަންކަމުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، ޕާކިސްތާނުގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޗައުދަރީ އަބްދުލްޤަފޫރު ޚާނެވެ.

ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި، ޕާކިސްތާނުގެ ފޮރިން ސަރވިސް އެކެޑަމީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ސޮއި ކުރެއްވި އިރު ޕާކިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ ޕާކިސްތާނުގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ފޮރިން އެފެއާޒް، ސަރުތާޖް ޢަޒީޒްއެވެ.

މޯލްޑިވްސް - ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްޕީސީސީއައި)ގެ ރައީސް މިސްޓަރ ޒުބައިރު ފާރިދު ތުފެއިލެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ސޮއި ކުރެއްވިއިރު، ޕާކިސްތާނު ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ސަޢީދު ޚަވާރު ޢަލީ ޝާޙެވެ.

މީގެ އިތުރުން، ދެން ސޮއިކުރެއްވީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޕާކިސްތާނުގެ ވަރޗުއަލް ޔުނިވަރސިޓީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ދިވެހި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފް ސޮއި ކުރެއްވި އިރު ވަރޗުއަލް ޔުނިވަރސިޓީ އޮފް ޕާކިސްތާންގެ ފަރާތުން ސޮއި ކުރެއްވީ ރެކްޓަރ ޑޮކްޓަރ ނަވީދު އަޙްމަދު މަލިކެވެ.

އަދި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ނޭޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. ޕާކިސްތާންފަރާތުން ސޮއި ކުރެއްވީ ނެޝަނަލް މެނޭޖްމަންޓް ކޮލެޖުގެ ޑީން ނައީމް އަސްލަމްއެވެ.

comment ކޮމެންޓް