ރާއްޖެއާ ޕާކިސްތާނާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ބާއްވަނީ

ބޮޑު ވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަތުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަވައްޓެރި ޕާކިސްތާނާއި ރާއްޖެ، ވައިގެ މަގުން ޑައިރެކްޓު ފްލައިޓުތަކުން ގުޅުވާލައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މާލެ ވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮންނަ ޓްރެވަލް ގުޅުން އިތުރު ކުރުމުގެ ގޮތުން މިއަދު ވެވުނު އެއްބަސްވުމުގައި ދެގައުމު، ވައިގެ މަގުން ޑައިރެކްޓުކޮށް ގުޅާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

"ޕްރައިމް މިނިސްޓަރާއި އަޅުގަނޑު މިއަދު މިވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ ގުޅުން އިތުރަށް ބަދަހިކޮށް ގާތުން މަސައްކަތް ކުރުމަށް އެއްބަސްވެފަ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ޕާކިސްތާނާއި ރާއްޖެއާ ދެމެދު ޑައިރެކްޓު އެއާ ލިންކް ގާއިމްކޮށް، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރާން ވަނީ ހަމަޖެހިފަ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް މަގްސަދަކީ ޒުވާނުން ބާރުވެރި ކުރުވުން ކަމަށާއި، އެގޮތުން ޕާކިސްތާނާއެކު ވެވުނު އެއްބަސްވުމުގައިވެސް ޒުވާނުން ބާރުވެރިކުރުވުމުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި، އުމްރާނީ ތަރައްގީއަށް ޕާކިސްތާނުން އަބަދުވެސް އެއްބާރުލުން ދޭކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕާކިސްތާނުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން އިތުރު ފަސް ދަރިވަރަކަށް މިއަހަރު ތެރޭ ސްކޮލާޝިޕް ދޭން އެގައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.

"ޕާކިސްތާނުން އަޅުގަނޑުމެންގެ ދަރިވަރުންނަށް ދެއްވި ފަސް ސްކޮލާޝިޕް ފުރުސަތަށް ޕްރައިމް މިނިސްޓަރަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ އެގައުމުގެ މެޑިކަލް އިންސްޓިޓިއުޓް ތަކުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާ ދަރިވަރުންނަށް ހުޅުވާފައިވާ ފުރުސަތެއް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އަސްކަރިއްޔާއާއި އެހެނިހެން ދާއިރާތަކުގެ ތަރައްގީއަށްވެސް އެގައުމުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ޝުކުރު އަދާ ކުރައްވާފައެވެ.

comment ކޮމެންޓް