ކުނީގެ މައްސަލައަށް އެތައް ޝަކުވާއެއް، ނަގަންވީ އަމިއްލަ ޒިންމާ!

މީގެ ކުރިން މާލޭގެ މަގުމަތީގައި ނުގަވާއިދުން ބަހައްޓާފައި ހުރި ކުނި ނެގުމުގެ މަސައްކަތް ކުރަނީ -- ފައިލް ފޮޓޯ

ފެންނަނީ އެކި ކަހަލަ ފުޅި އާއި ދަޅެވެ. އެކި ސައިޒުގެ އެކިކަހަލަ ޕެކެޓެވެ. ނުވިތާކަށް ލަކުޑި އާއި އަންނައުނުގެ އިތުރުން ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ގޮދަޑިއަށް ދާންދެން ވެސް ފެނެއެވެ. ދައްކަން މިއުޅެނީ ސުޕަމާކެޓެއްގެ ހަރުތަކުގައި ވިއްކަން ހުރި މުދަލުގެ ވާހަކައެއް ނޫނެވެ. ނުވަތަ މަގުމަތީ ބާޒާރެއްގެ މޭޒުތަކުން ގަންނަން ލިބެންހުރި ތަކެތީގެ ވާހަކައެއްވެސް ނޫނެވެ.

މިއީ އަހަރެމެން ދިރިއުޅޭ މަގުމަތީގައި ހިނގަން ހަދާފައި އޮންނަ ދުވާރު މަތިން ފެންނަން ހުންނަހާ ތަކެއްޗެވެ. ފަޅުތެރެއާ ގޮނޑުދޮށްތަކުގެ ހާލަތެވެ. ކަންފަސޭހައަށް ނުވަތަ ކަންނެތްކަމުން ނަމަވެސް އެއްލާލާ އެއްޗެހީގެ ވާހަކައެވެ.

މާލޭގެ މަގެއްގެ ކަންމަތީގައި ކުނިތައް ބަހައްޓާފައި: ފައިލް ފޮޓޯ/ ހައުސިން މިނިސްޓްރީ

ކުނީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށްވާއިރު، ގޭގެއިން އުކާލާ ކުންޏާއި މަގުމަތިން ނަގާ ކުންޏަށް އެކަނި ބެލިނަމަވެސް، އެއީ ނިސްބަތުން ގިނަ އަދަދެކެވެ. މާލޭގެ މަގުތައް ފޮޅާ ސާފުކުރުމުގެ މަސައްކަތަކީ ހައުސިން މިނިސްޓްރީއިން ކުރަމުން އަންނަ ކަމެއް ނަމަވެސް، ކުނި ނެގުމަށްފަހު ހަވާލު ކުރަނީ މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ވެމްކޯ އާއެވެ.

ވެމްކޯގެ ޓްރާންސްފަރ އޮޕަރޭޝަން އޮފިސަރު ވިދާޅުވި ގޮތުގައި، ވެމްކޯއަށް އެވްރެޖްކޮށް ދުވާލަކު 8 ޕިކަޕާއި 13 ޕިކަޕާ ދެމެދުގެ ކުނި ހައުސިން މިނިސްޓްރީން ގެންނަ ކަމަށްވެއެވެ. އެ ކުންޏަކީ ކޮންމެ ދުވަހެއްގެ ފަތިހު މަގުތައް ކުނި ކަހަން ނުކުންނަ މީހުން ނަގާ ކުނީގެ އިތުރުން ޕޭވްމަންޓް މަތީގައި ބަހައްޓާފައި ހުންނަ ތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުނިން އެތައް ސިއްހީ މައްސަލައެއް!

ދަމަނަވެށީގެ މެޑިކަލް އޮފިސަރު ޑރ. އަބްދުލް އަޒީޒު ހަމީދު ވިދާޅުވި ގޮތުގައި، ކުނީގެ ސަބަބުން އެންމެ އާއްމުކޮށް އަދި އެންމެ ގިނައިން ފެތުރޭ އެއް ބައްޔަކީ ޑައިރިއާ ނުވަތަ ބޭރަށް ހިންގުމެވެ.

ގައިންގައިން އަރާ މި ބަލި ފެތުރެނީ ޑޮކްޓަރު ވިދާޅުވީ، ރަނގަޅަށް ބަންދު ނުކޮށް ހުންނަ ކުނީގައި މެހި އެއްޗެހި ޖެއްސުމަށްފަހު، މީހުން ކާ ތަކެތީގައި އެ މެހި ގޮސް ޖެއްސުމުންނެވެ. އެކަމުގެ ސަބަބުން ކުނީގައި ހުރި ޖަރާސީމު ކާ ތަކެއްޗަށް އަރާގޮތްވެއެވެ.

"މިސާލަކަށް ކުނި ކޮތަޅު ތަކުގައި މި ހުންނަނީ ކުޑަކުދިންގެ ނެޕީ އެއްޗެހި. އެ އެއްޗެހީގައި ހުންނާނެ ކޮންމެ ވެސް ވަރަކަށް ޖަރާސީމު. އެ އެއްޗެހީގައި މެހި އެއްޗެހި ޖައްސާފަ ދެން އައިސް ކާއެއްޗެހީގަ މި ޖައްސަނީ،" ޑރ. އަބްދުލް އަޒީޒު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ، މަގުތަކަށް އުކާލާފައި ހުންނަ ކުނީގެ ސަބަބުން ބުޅަލާއި މީދާ ގިނަވެ، އެ އެއްޗެހީގެ ސަބަބުން ފެތުރޭ ބަލިތަކަށް ވެސް ފުރުސަތު އެބަ އޮތެވެ.

އެގޮތުން މަގުތަކަށް އުކާލާފައި ހުންނަ ކުނި ކޮތަޅުތައް ހާވާ، އެތަކެތި މަގުތަކަށް އެޅުމުގެ ސަބަބުން ބަލި ފެތުރެއެވެ. އަދި ބުޅަލާއި މީދާ ގިނަވެ އެ އެއްޗެހި ފުރާޅުތަކަށް ބޮޑު ކަމުދާއިރު، ފުރާޅުން ފެން ނަގައިގެން ބޭނުން ކުރުމުން ވެސް އެކިކަހަލަ ބަލި ފެތުރޭ ކަމަށް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮސް އުޅޭ ސަލްޓަން ޕާކުގެ ތެރެއަށް ކުނި އަޅާފައި-- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބައެއް ކަހަލަ ކުނީގެ ސަބަބުން މަދިރީގެ ޒަރިއްޔާ އިން ވެސް ޑެންގީ، ބަލިތައް ފެތުރުމުގެ ފުރުސަތު އެބަަ އޮތް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެގޮތުން ވާރޭ ވެހުމުގެ ސަބަބުން މަގުތަކަށް އުކާލާފައި އޮންނަ ދަޅު، ފުޅީގެ އިތުރުން އެއްލާލާފައި އޮންނަ މަތިގަނޑެއް ނުވަތަ ކާލާފައި އެއްލާލާ ސުޕާރީ ކޮޅެއްގައި ނަމަވެސް ފެން ހަރުލާ މަދިރި އާލާ ވުމުގެ ފުރުސަތު އެބަ އޮންނަކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މަގުމައްޗަށް ކުނި އަޅަނީ ކީއްވެ؟

ގައުމެއްގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލައި ގައުމު ސާފުކޮށް ބޭއްވުމުގެ ޒިންމާ ހަވާލު ކޮށްފައިވާ އިދާރާއެއް ނުވަތަ ފަރާތެއް އޮތްނަމަވެސް ގައުމެއް ރީތިކޮށް ބޭއްވުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައިވާ ބަޔަކީ އެ ގައުމެއްގެ ރައްޔިތުންނެވެ.

މާލެއަށް ބަލާލާއިރު، ކެއުމަށްފަހު އެއްލާލާ ސުޕާރި ޕެކެޓާއި ބޮއެފައި އެއްލާލައި ސިނގިރޭޓު ބުރިން ފެށިގެންގޮސް ކުނި ކޮތަޅުތައް ވެސް މާލޭގެ މަގުތަކުން ފެންނަލެއް މިއަދު މަދެއް ނޫނެވެ. އަދި ހުސް ފުޅިއާއި ދަޅު އާއްމުކޮށް ފެންނާނީ ތަނެއްގެ ފާރު ބުރި މަތިން ނުވަތަ ކަރަންޓް ބޯޑެއްގެ މަތިންނެވެ.

މާލޭގެ މަގެއްގެ ކައިރިއަށް ކުނިި އަޅާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަން އާއި ވާހަކަދެއްކި ގިނަ މީހުން ބުނާގޮތުގައި، އެމީހުން ވެސް މަގުތަކަށް ކުނި އަޅަން ބޭނުމެއް ނުވެއެވެ. ނަމަވެސް ފިހާރަ އަކުން ގަންނަ ދަޅެއް ނުވަތަ ފުޅިއެއް ނަމަވެސް މަގުމަތީ ހުރެ ބޯލުމަށްފަހު އެ އެއްޗެއް މަގުމައްޗަށް އެއްލާލެވެނީ ނުވަތަ ކޮންމެވެސް ތަނެއްގެ މަތީގައި ބަހައްޓަން މަޖުބޫރު ވަނީ ކުނި އަޅާނެ ޑަސްބިނެއްފަދަ އެއްޗެއް މަގުމަތީގައި ނުހުންނާތީއެވެ.

"ފިހާރަ އަކުން ދަޅެއް ނުވަތަ ޕެކެޓެއް އެއްޗެއް ބޯލައިގެން އެ އެއްޗެއް އެއްލާލަން ބަލާއިރު، ޑަސްބިނެއް އެއްޗެއް ނުހުރޭ. ދެން އެ ހިފައިގެން ގެއަކަށް ނުދެވޭނެ ދޯ އެއްލާލަންޝޭ ކިޔާފައެއް! ސުޕާރި ޕެކެޓް ކަހަލަ އެއްޗެހި ނަމަ ކާލާފަ ޖީބަށް ލެވިދާނެ،" ސަންއާ ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.

ބައެއް މީހުން ބުނި ގޮތުގައި، މާލޭގެ މަގު މައްޗަށް ކުނި އެޅެނީ ކައްނެތް ކަމުން ނުވަތަ އެހެން މީހުން ވެސް އަޅާތީ އެވެ. އަދި ކުނި އަޅާ މީހުންނާއިމެދު ފިޔަވަޅު އަޅަން ގަވާއިދެއް ހަދައި ޖޫރިމަނާ ކުރަން އޮތް ނަމަވެސް، އެކަން ތަންފީޒު ނުކުރެވޭތީ އެވެ.

މާލޭގެ މަގެއްގެ މަތީގައި ބަހައްޓާފައި ހުރި ފީފާ ބުރިއެއްގެ މައްޗަށް ކުނި އަޅާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުނި އެޅުމަކީ ކުށެއް!

ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ހާއްސަ ކޮށްފައިވާ އަދި ތަންފީޒީ އިދާރާއިން ހުއްދަ ދީފައިވާ ތަންތަނަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ކަނޑައަޅާފައިވާ "ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު"ގައި ބުނެފައިވެއެވެ.

އޯގަސްޓް 5، 2013 ވަނަ އަހަރު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާ އެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ، އަންނަނިވި ތަންތަނަށް އެއްވެސް ހާލެއްގައި ކުނި އަޅައިގެން ނުވާނެ ކަމަށާއި އެފަދަ ތަނަކަށް އެއްވެސްބާވަތެއްގެ ކުނި އެޅުމަކީ އެ ގަވާއިދުގެ ދަށުން ކުށެއް ކަމަށެވެ.

ގިނަ އަދަދެއްގެ ކުނި ބަރު ކޮށްގެން ބިދޭސީ އަކު ބައިސްކަލުގައި ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުނި އަޅައިގެން ނުވާނެ ތަންތަނުގެ ތެރޭގައި ގާނޫނު ނަންބަރު 93/4 ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ކުޅި އަދި ޗަސްބިން، ރަށްރަށުގެ ފަޅުތެރެ، ފަރު، ފަޅު، ފިނޮޅު، ރަށްރަށުގެ އަތިރިމަތި، ރަށްރަށުގެ ހޭޅިފަށް، ބަނދަރު، ޕާކު އަދި މަގުތައް ހިމަނާފައިވެއެވެ.

އެ ގަވާއިދުގެ ދަށުން ބަޔާންކުރި ތަންތަނަށް ކުނި އަޅައިފިނަމަ، އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުނި އެޅި ކޮންމެ ފަހަރަކު ފަސް ރުފިޔާއާ 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

comment ކޮމެންޓް