އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަންކުރީ މުސްލިމުން ކަަމަށް ބުނެފި

އިންޑިއާގެ އެކްޓިވިސްޓް އަދި އެގައުމުގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީ އާމްއާދްމީ ޕާޓީގެ ފައުންޑަރު ޕްރަޝާންތު ބޫސާން

އިންޑިއާގައި މުސްލިމިުންނާ ހިންދޫންނާ ދެމެދު މިއިން ޒަމާނަކު ވެސް ނުދެކޭވަރަށް ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. ގިނަބަޔަކު ދެކޭގޮތުގައި އިންޑިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ނަރެންދުރަ މޯދީ ވަޑައިގެންނެވިފަހުންނެވެ. މޯދީއަކީ 2002 ވަނަ އަހަރު ގުޖުރާތުގައި ހިނގި ލޭއޮހޮރުވުމުގެ ހާދިސާގައި ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.

އިންޑިއާގެ ހިންދުތްވާ (ހަރުކަށިހިންދޫން) އިން ދެކޭ ގޮތުގައި އިންޑިއާ އަކީ ހަމައެކަނި ހިންދޫންގެ ގައުމެކެވެ. އަދި އެގައުމުގައި އުޅޭ މުސްލުމުންނަކީ އެގައުމުގެ މިނިވަންކަން ނަގައިލައި އިސްތިއުމާރު ކުރި ބައެކެވެ. އަދި މުސްލިމުންނާ މެދު ދެކެނީ "ޢައްދާރުން"ގެ ގޮތުގަ އެވެ.

އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަން ކުރުމުގައި ހަގީގީ ރޯލް ކުޅުނީ މުސްލިމުން ކަމަށް އިންޑިއާގެ މަޝްހޫރު އެކްޓިވިސްޓް އަދި އާމްއަދްމީ ޕާޓީގެ ފައުންޑަރު ޕްރަޝާންތް ބޫސާން ވިދާޅުވުމާ އެކު މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ޕްރަޝާންތު އިތުރަށް ވިދާޅުވި ގޮތުގައި އިންޑިއާގެ ހިންދުތްވާ އިން އިނގިރޭސިންގެ އަތްދަށުން މިނިވަންވުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

"އިންޑިއާ މިނިވަންކުރަން މަސައްކަތްކުރި ދުވަސްވަރު ބޭނުންކުރި "ޝިއާރު"ތަކަކީ މުސްލިމުން ހެދި އެއްޗެތި. ހިންދުތްވާ އިން އިންޑިއާ މިނިވަން ކުރަން އެއްވެސް މަސައްކަތެއް ނުކުރޭ،" ޕްރަޝާންތު ކުރި ޓްވީތެއްގައި ބުންޏެވެ.

އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަންކުރުމުގައި މުސްލިމުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އިންޑިއާގެ ގިނަބައެއްގެ ހިތްތައް ފަތަހަ ކޮށްފައިވާ "ސާރޭ ޖަހާށެ އައްޗާ" އަކީ އިންޑިއާގެ މަޝްހޫރު މުސްލިމް ފިލޯސަފަރު މުހައްމަދު އިގްބާލު ލިޔެފައިވާ ލަވައެކެވެ.

އިންޑިއާ މީހުން އާންމުކޮށް ގައުމީ ޝުއޫރު ފާލޫކުރުމުގެ ގޮތުން ކިޔައި އުލޭ "ޖައި ހިންދު" އަކީ ވެސް އިންޑިއާގެ މުސްލިމެއް ކަމަށްވާ އާބިދު ހުސެއިން އުފެއްދި ޝިއާރެކެވެ.

އަދި އެނގޭ ހެއްޔެވެ؟ އިންޑިއާގައި މިހާރު ބޭނުންކުރާ ދިދަ ވުޖޫދަށް ގެނައުމުގައި ވެސް މުސްލިމު އަންހެންކަނަލެއް ކަމަށްވާ ސުރައްޔާ ތަޔަބްޖީ ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ. ދާދި ފަހަކާޖެހެންދެން މިކަން ވެސް އޮތީ ގިނަ ބަޔަކަށް އޮތީ ނޭނގި އެވެ.

comment ކޮމެންޓް