އިންޑިއާގެ އާ ރައީސް ހުވާކުރައްވައިފި

އިންޑިއާގެ ރައީސްކަމުގެ ހުވާ، ރާމް ނާތު ކޯވިންދު ކުރައްވަނީ --- ފޮޓޯ/ ރަޝްޓްރަޕަތީ ބަވަން

އިންޑިއާގެ އާ ރައީސް ރާމް ނާތު ކޯވިންދު، އެގައުމުގެ ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ، އެ ޕާޓީގެ ފަރާތުން އިންޑިއާގެ ރައީސްކަންކުރާ ފުރަތަމަ ރައީސް ރާމް ނާތު ކޯވިންދު މިއަދު ރިޔާސީ ހުވާކުރެއްވީ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

ރައީސް ރާމް ނާތު ކޯވިންދަށް ހުވާލައިދެއްވީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޖޭއެސް ކޭހަރެވެ. އެ ރަސްމިއްޔާތަށް އިންޑިއާގެ ރައީސްކަމުން މިއަދު ވަކިވެވަޑައިގެންނެވި ޕްރަނާބު މުކަރުޖީއާއި، ނައިބު ރައީސް ހާމިދު އަންސާރީއާއި ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، މިނިސްޓަރުންނާއި ގަވަރުނަރުންނާއި ސްޓޭޓުތަކުގެ ޗީފް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާމް ނާތު ކޯވިންދަކީ އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ، އިންޑިއާގެ ފުރަތަމަ ރައީސެވެ.

ބިހާރު ސްޓޭޓުގެ ގަވަރުނަރުކަމާއި، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގެ މެމްބަރުކަން 12 އަހަރު ދުވަހު ކުރެއްވި ރާމް ނާތު ކޯވިންދު އިންތިޚާބު ކާމިޔާބުކުރެއްވީ، އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސްއިން ކުރިމަތިލެއްވި، އިންޑިއާގެ ލޮކް ސަބާގެ ކުރީގެ ރައީސާ މީރާ ކުމާރާ ވާދަކުރައްވައި، ޖުމްލަ ވޯޓުގެ 65.65 ޕަސަންޓު ވޯޓު ހޯއްދަވައިގެންނެވެ.

comment ކޮމެންޓް