މިނިވަން ކަމުގެ އިހުސާސް ކުރަން ބުނެދޭންޖެހިފައި!

އަޅުވެތިކަމުގެ ތަޖުރިބާއަކީ އަދުގެ ޒުވާން ޖީލަށް ކުރެވިފައިވާ ތަޖުރިބާއެއް ނޫނެވެ. އެފަދަ މަންޒަރުތަކާއި އަޑުތައް މުޅިންހެން އިވެނީ މީޑިއާގެ ޒަރީޔާއިންނެވެ. މެދު އިރުމައްޗާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި އަމިއްލަ ޒަރޫރީ ބޭނުންތައް ނުފުއްދިފައި އެތައް ބަޔަކު ދިރިއުޅެ އެވެ. ތިމާގެ އާއިލާ އާއި އަމިއްލަ ހަށިގަނޑާއި މުދަލުގެ ރައްކާތެރި ކަމެއްނެތެވެ. އެއީ އަޅުވެތިކަމުގެ އިހުސާސް ދެކެމުންދާ ގައުމުތަކުގެ ހާލެވެ. މިއަދު ދިވެހި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމުގެ ނަސީބު ލިބިފައިވާ އިރު މީގެ ކުރިން ދިވެހިން ވެސް ވަނީ އަޅުވެތިކަމުގެ ތަޖުރިބާ އެތައް ފަހަރަކު ކޮށްފަ އެވެ.

އޭގެ އެއް ހާދިސާއަކީ ހިމާޔަތަށް ކަމަށް ބުނެ 1887ގައި އިނގިރޭސީންގެ އަތްދަށަށް ދިވެހިން ގެންދިޔަ ގެންދިއުމެވެ. އެކަންކުރީ ވަކި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ބުނެފައި ވަނީ ރާއްޖެ ދިފާއު ކުރުމަށް އިނގިރޭސީންގެ ލަޝްކަރެއް ބޭނުންވެއްޖެ ކޮންމެ ތައްޔާރީއެއް ކުރުމާއި އެފަދަ ތައްޔާރެއް ދެމެހެއްޓުމުގެ ހައްގު އިނގިރޭސި ދައުލަތަށް ލިބިގެންވާ ކަމަށެވެ. އެ ހިމާޔަތުގެ އެ އެއްބަސްވުމުގެ އެންމެ އަސާސީ ނުކުތާއަކީ، ދިވެހީންގެ ދާޚިލީ ކަންކަމާ އިނގިރޭސި ދައުލަތުން ނުބެހުމެވެ. ނަމަވެސް ކަން ހިނގީ އެގޮތަށް ނޫނެވެ.

"ކިތަންމެ ކަމެއް ހުންނާނެ އިނގޭތޯ، ލިޔުމުގައި ދާޚިލީ ކަންކަމަކާ ނުބެހެވޭ ނަމަވެސް މުހިންމު ދާޚިލީ ކަމެއް އެ މީހުން [އިނގިރޭސީން] ސީދާ އަދި ނުސީދާ ގޮތަކަށް ނުބެހޭ ކަމެއް އަޅުގަނޑަށް ހީވަނީ މަދުވެފައިހެން އޮންނަނީ،" އޭރުގެ ހާލަތު ކިޔައިދެއްވަމުން އޭރު ސްރީ ލަންކާގައި ދިވެހި ސަފީރަކަށް ހުންނެވި އަލްމަރުހޫމް އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވެފައިވެ އެވެ.

އިނގިރޭސީންގެ އެއަޅުވެތިކަމުން ރާއްޖެ މިނިވަންވެފައި ވަނީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާ، އަބްދުލްސައްތާރު ފަދަ އެތައް ދިވެހި ދަރިއެއްގެ ހިކުމަތްތެރި މަސައްކަތްތަކުގެ ސަބަބުންނެވެ. އޭގެ ކުރިއާއި ފަހުން ވެސް ރާއްޖެ އަޅުވެތި ކުރުމަށް އެތައް ހަމަލާއެއް ރާއްޖެއަށް އަމާޒުވެފައިވާ އިރު މިދިވެހި ފަސްގަނޑު މިނިވަންކަންމަތީ މިއޮތީ ދިވެހި އެތައް ދަރިންނެއް ދިވެހި ގައުމަށް ޓަކައިވީ ގުރުބާނީގެ ސަބަބުންނެވެ. ބޮޑުތަކުރުފާނާއި އަލިރަސްގެފާނާއި ހުސެއިން އާދަމް ފަދަ ދިވެހި ދަރިންގެ އަގުހުރި ޖިހާދުގެ ސަބަބުންނެވެ.

ޒުވާނުންނަށް މިކަން އިހުސާސް ކުރެވޭތަ؟

އެތައް ބަޔަކު ޝަހީދުވެ، އެތައް ބޮޑެތި ގުރުބާނީތަކެއްވެ މިގައުމު މިނިވަންކަންމަތީ ގެނެސްދީފައިވާ އިރު އުފެދޭ ސުވާލަކީ މިމިނިވަންކަމުގެ އިހުސާސް ދިވެހިންނަށް ކުރެވޭތޯ އެވެ. ހާއްސަކޮށް ގައުމުގެ ދިފާއުގައި މަސައްކަތްކުރަން ޖެހޭ ޒުވާނުންގެ ހިތްތަކުގައި ގައުމީ ޖޯޝާއި ލޯބި އެކުލެވިގެންވޭތޯ އެވެ.

"ދިވެހި ގައުމަށް ހިތުތެރޭގައި އެހާ ޕުރައުޑެއް ނޯވޭ، މިސާލަކަށް ކޮން ގައުމެއްގެ މީހެކޭ ބުނެފިއްޔާ ބުނެލާނީ ދިވެއްސެކޭ، އެހެން ގައުމެއްގެ މީހެއް ކައިިރި އަހާލައިފިއްޔާ ވަރަށް ޕުރައުޑްކޮށް ބުނެލާނީ ތިމަންނަމީ އެމެރިކާ މީހެކޭ އިންޑިއާ މީހެކޭ ޗައިނާ މީހެކޭ، އަޅުގަނޑުމެންގެ މައްސަލަ އަކީ ސްކޫލު ނިމިގެންދާއިރު ވެސް އަޅުގަނޑުމެންނަށް ދިވެހި ތާރީހެއް ނޭނގޭ. މިނިވަންވެގެން މިއައީ ކިހިނެއްކަމެއް ނޭނގެ،" ޒުވާނެއްކަމަށްވާ އަހުމަދު ޒަޔާން ބުންޏެވެ.

ޒުވާނުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން:----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ ގައުމެއްގެ ވެސް މުސްތަގުބަލް ބިނާވެފައި ވާނީ އެގައުމަކަށް ނިސްބަތްވާ ޒުވާނުންގެ މައްޗަށެވެ. އެޒުވާނުންނަށް ގައުމު މިނިވަންކަންމަތީ އޮތުމުގެ މުހިންމުކަން އިހުސާސް ވާންޖެހެ އެވެ. ނަމަވެސް މިއަދު މުޅިއަކުން ކަން ހިނގަނީ އެގޮތުގެ މަތިންނެއްނޫނެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަަކަށް ނުވަތަ ގިނަ ބަޔަކަށް މިނިވަންކަން ދެމެހެއްޓުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް ނޭނގި ނުވަތަ އޮޅުމެއްގެ ތެރޭގައި އޮންނަނީ، މިނިވަން ކަމަކީ ހަމައެކަނި ހަނގުރާމައެއްކޮށްގެން ދަމަހައްޓާ އެއްޗެއް ނޫން. އަޅުގަނޑުމެން މިނިވަންކަން ދެމެހެއްޓުމަށް ޓަކައި އިގްތިސާދީ ގޮތުން ނުވަތަ އިޖުތިމާއީ ގޮތުން ވެސް އަޅުގަނޑުމެންނަކީ ބާރުވެރި ބަޔަކަށް ވާން ޖެހޭ. އެގޮތުން ޒުވާނުންނަކީ އިގްތިސާދީ ގޮތުން މިގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާ ނުވަތަ އިޖުތިމާއީ ގޮތުން އަޅުގަނޑުމެންގެ މިއިޖުތިމާއީ ވެށި ރީއްޗަށް އޮމާންކޮށް ބާއްވަން މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ،" ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާން ޝިފާން-- ސަން ފޮޓޯ

މިނިވަންކަމާއި ގައުމީ ލޯބި ޒުވާނުންގެ ހިތްތަކުގައި އެންމެ އެކަށޭނަ މިންވަރަށް ނެތް ވާހަކަ ދައްކާ އިރު އެކަމުގެ ސަބަބުތަކަށް ވެސް ބަލާލަންޖެހެ އެވެ. އޭގެ ސަބަބުތައް ގިނަ އެވެ. ބައެއް ކަންކަން ދުރާލާ ރޭވިގެން ބަޔަކު ކުރަމުންދާ އިރު އަނެއްބައި ކަންކަމަކީ އެކަމަށް ދޭން ޖެހޭ ސަމާލުކަން ގައުމީ ފެންވަރުގައި ނުދެވުމުގެ ސަބަބުން ގެއްލިދާ ކަންކަމެވެ.

"އަޅުވެތި ކުރުމަކީ މިނިވަން ކަމުގެ އިދިކޮޅު އެހެން ނޫންތޯ. އެއީ ކޮންމެހެން ހައްޔަރު ކުރުމެއްނޫން އަދި، ބައެއްގެ ފިކުރުގެ ތެރެއަށް ގެންގޮސް އަޅުގަނޑުމެންގެ އަމިއްލަ އަސަރުތަކާއި ފެޔަށް ޒުވާނުން ގެންދިއުން. މިކަން މިކުރެވެނީ ޒުވާނުން އަޅުގަނޑުމެންގެ ބަހާއި ދުރުކޮށްގެން، އަމިއްލަ ބަހާއި ދުރުކުރީމާ އަމިއްލަ ވަންތަކަމާ ދުރަށް ދާނެ. އަމިއްލަ ވަންތަކަމާ ދުރުކުރީމާ އަމިއްލަ ބަހާއި ތާރީހާއި ދުރަށް ދާނެ. އެކަންކަން ދެކެ ފޫހިވާނެ، އެކަންކަން ދެކެ ފޫހިވެއްޖެ މީހަކަށް ގައުމުދެކެ ލޯބިވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ. ގައުމުދެކެ ލޯބި ނުވަންޏާ ގައުމުގެ މިނިވަންކަން އަގެއްހުރި އެއްޗަކަށްނުވާނެ،" ދިވެހިބަހާއި ތާރީހުގެ އިސް އެދުރެއްކަމަށްވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ ފުންނާބުއުސް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންނަށް މިނިވަންކަމުގެ ނަސީބް އިހުސާސް ނުކުރެވެނީ އެކަންކަން ރަނގަޅަށް ބުނެދެވިފައިނުވާތީ އެވެ.

"އަޅުގަނޑުމެންނަށް އޭގެ ސަބަބުން ލިބިދޭ ފައިދާތައް އެހާބޮޑަށް މުޖުތަމައުއަށް އެހާބޮޑަށް އިހުސާސް ކުރެވޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއްޗެއް ގެއްލުނީމާ އެއެއްޗެއްގެ އިހުސާސްކުރެވޭނީ ދެއްތޯ. އަޅުގަނޑުމެންގެ ކުރީގެ ޖެނެރޭޝަންއަށް އެކަން އިހުސާސްކުރެވޭ. އަޅުގަނޑުމެން އަޅުގަނޑުމެން މިހާރުގެ ޒުވާން ކުދިންނަށް އެކަން އިހުސާސް ކުރެވިފައިނެތީ. އެހެންވީމާ ސްކޫލް ސިސްޓަމުގެ ތެރެއިން ސިވިކް އެޑިއުކޭޝަންއާއި ސްކޫލު ސިސްޓަމުގެ ތެރެއިން ކަންތައްތަކެއް އިތުރުކޮށްގެން އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ،" ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އަލީ ފަވާޒް ވިދާޅުވި އެވެ.

ޔުނިވާސިޓީގެ ވައިސްޗާންސެލާ ފަވާޒް-- ސަން ފޮޓޯ

ރާއްޖެއާއި އަވަށްޓެރި ގައުމުތަކަށް ބަލާލިކަމުގައިވީ ނަމަވެސް ނުވަތަ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ރައްޔިތުންގެ ކިބައިން ވެސް ފެންނަ އެންމެ ފާހަގަކުރެވޭ އެއް ސިފަޔަކީ އެމީހުން އެމީހުންގެ ގައުމާ ދޭތެރޭ އޮންނަ ލޯތްބާއި ކުރާ އިހުތިރާމެވެ.

"ބައެއް މީހުން ބުނޭ އެއީ ގައުމުން މިވެނިކަންކަން އޭނާއަށް ފުދޭކަމަށް ވަންޔާއޭ، އެއީ ވެސް ސަބަބެއް ކަމަށް ވެދާނެ. އެހެންނަމަވެސް ހަމައެކަނި އެއީއެއް ނޫން ސަބަބަކީއެއް، ވަރަށް ފަގީރު ނިކަމެތި ހާލުގައި ތިބޭމީހުން ވެސް އެމީހުންގެ ގައުމުދެކެ ލޯބިވޭ، ގައުމީ ސަލާމަށް އިހުތިރާމް ކުރޭ، އެމީހުންގެ ދިދަޔަށް އިހުތިރާމް ކުރޭ، އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެކަންކަން ނުފެންނާތީ އެވާހަކަ މިދެއްކެނީ،" އާދަމް ނަސީރު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެ ވެސް އަޅުވެތިކޮށްފައި ވަނީ އަޝްކަރީ ބާރުތަކާއި ކަނޑި، ނުވަތަ ބަޑީގެ ބިރުދައްކައިގެންނެވެ. ނަމަވެސް މިއަދުގެ ޒަމާން މިވަނީ ބަދަލުވެފަ އެވެ. ބަވަނަވެފައިވާ މިދުނިޔޭގައި މިއަދު ގައުމުތައް އަޅުވެތިކޮށް އެގައުމުތަކަށް އަރައިގަންނަމުން ދަނީ ފިކްރީ ހަނގުރާމައިގެ ތެރެއިންނެވެ. އެބައެއްގެ ސަގާފަތާއި ދީނާއި ދުރުކޮށް ގައުމާ ދޭތެރޭ އޮންނަ ލޯތްބާއި އިހުތިރާމް ނައްތާލައިގެންނެވެ. އެހެންކަމުން މިއަދު އެންމެ ބޮޑަށް ތައްޔާރުވާންޖެހިފައިވާ ހަނގުރާމައަކީ ފިކްރީ ހަނގުރާމަ އެވެ.

"ފިކްރީ ހަނގުރާމައިގެ ތެރެއިން ކުރިއެރުން ލިބޭނީ މިނިވަން ވިސްނުން އަޅުގަނޑުމެން ތެރެއަށް ގެނެވިގެން. މިނިވަން ވިސްނުމޭ މިބުނަނީ އެހާ ލުއިގޮތަކަށް ހިޔާލުފާޅުކުރުމުގެ ބަދަލުގައި ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން ވިސްނާވިސްނުމާއި ބުނާބުނުމަކީ އެމީހާގެ އަމިއްލަ ވިސްނުމަށް އެމީހާގެ އަމިއްލަ އިލްމުގެ މައްޗަށް ބިނާކޮށް ބުނާއެއްޗަކަށް ހެދުން،" ފަވާޒް ވިދާޅުވި އެވެ.

ގައުމަށް ވެރިވުމަށް ނުވަތަ ގައުމު އަޅުވެތިކުރުމަށް އެ ގައުމެއްގެ ތެރޭގައި ތަފާތު ފިތުނައާއި ފަސާދަ އުފެއްދުމަކީ އަބަދުހެން ކުރަމުން އަންނަ ކަންކަމެވެ. ރާއްޖޭގެ ތާރީހު ވެސް އެކަމަށްހެކިދެ އެވެ. މީގެ 130 އަހަރު ކުރިން މުޅި މާލޭގެ ހުރިހާ ހިސާބެއްގައި އަލިފާން ރޯކޮށް ހިންގި ބޮޑުހުޅުގެ ހާދިސާއަކީ އޭގެ އެއް މިސާލެވެ. ސުމުއްވުލް އަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނެ އިސްކޮށް ހުރެ އެކަން ކުރީ ރާއްޖޭގެ އަމަން އަމާންކަން ގާއިމް ނުކުރެވޭކަން އިގިރޭސީންނަށް އެންގުމަށެވެ. އެކަން މިއަދު ވެސް ތަކުރާރުވަމުންދެ އެވެ. ރާއްޖޭގެ ދާހިލީ ކަންކަމަށް ބަސްބުނުމުގެ ފުރުސަތު ރާއްޖެއަށް އަތްގަދަކުރަން ބޭނުންވެފައިވާ ގައުމުތަކަށް ދިވެހިން އިސްވެ ތިބެ ދަނީ ފުރުސަތު ދެމުންނެވެ.

"މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިކުރާ ކަމަކީ ބޮޑު ޖިހާދެއް، އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ މިނިވަންކަން ހޯދަން ކުރެވުނު މަސައްކަތުގެ ވާހަކަތައް ދެއްކޭ އަޑު މިއިވެނީ. އެއަށް ވުރެ ބޮޑު ހަނގުރާމައެއް މިނިވަންކަން ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެން މިކުރަނީ. މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމަށް ފުލުހުން މިކުރާ މަސައްކަތަކީ ވަރަށް ބޮޑު ގުރުބާނީއެއްގެ ގޮތުގައި ފާހަގަކުރެވޭ މަސައްކަތެއް،" ޝިފާން ވިދާޅުވި އެވެ.

މިނިވަން ދެމެހެއްޓުމަށް އެތައް ކަމެއް ކުރަންޖެހޭ

އެތެރެއާއި ބޭރުން ކުރަމުން އަންނަ ޕްރެޝާތަކުން ސަލާމަތްވެ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްކަމަކީ މިގައުމު މިނިވަންކުރުމަށް ކާބަފައިންކޮށްފައިވާ އަގުހުރި ޖިހާދުތައް މިއަދުގެ ޖީލްތަކަށް ސިފަކޮށްދީ ބުނެދިނުމެވެ.

"މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުދިންގެ ވިސްނުމުގެ ތެރެއަށް ހިތުގެ އެންމެ ފުންމިނަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް އެބަޖެހޭ ފެންނަން. ކާޓޫނު ފިލްމު ހެދިދާނެ، އަދި އެނޫން ވެސް ތަފާތު ޑުރާމާ ފިލްމުތަކުގެ ގޮތުގައި ގެނެވިދާނެ، ބޮޑެތި ސިލްސިލާ ފިލްމުތައް އަޅުގަނޑުމެންނަށް ތައްޔާރު ކުރެވިދާނެ، ބޮޑުތަކުރުފާނުގެ ފިލްމު މިއަދު އަޅުގަނޑުމެންގެ ތެރޭގައި ނޯންނަންވީ ކީއްވެތޯ؟ ކީއްވެތޯ ދޮންބަންޑާރައިންގެ ޖިހާދު އަޅުގަނޑުމެންނަށް ނުފެންނަނީ. މިކަންކަމަށް ބޭނުންވާ ޓީވީ ޗެނަލްތައް ހުރެގެން މިކަންކަމަށް ބޭނުންވާ އުފެއްދުންތައް އުފެއްދިގެން ކުދިންނާއި ހިސާބަށް ފޯރަންޖެހޭ އުމުރުގައި ފޯރަންވާގޮތަށް ފޯރަންވީ ފެންވަރުގައި ފޯރުކޮށްދެވިއްޖެއްޔާ ނަތީޖާ ފެންނާނެކަމަށް އަޅުގަނޑަށް ގަބޫލް ކުރެވޭ،" އާދަމް ނަސީރު ވިދާޅުވި އެވެ.

އޭޕްރީލް 20، 2017: މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފާހަގަކުރުމަށް އެ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމަކީ ސިކުނޑީގެ ކާނާކަމަށްވާއިރު އަދި މީހާގެ ވިސްނުމާއި ފިކުރު ބިނާވެފައި ވަނީ އެމީހަކަށް ލިބިފައިވާ ތައުލީމެއްގެ މައްޗަށް ކަމަށްވާއިރު ތައުލީމީ ދާއިރާއިން ގައުމީ ލޯބި އާލާކޮށް ދިރުވުމަށް މިހާރަށް ވުރެ ހާއްސަ ކަންތައްތަކެއް ކުރަން މިވަނީ މަޖުބޫރުވެފަ އެވެ. ހާއްސަކޮށް ދުނިޔޭގެ އެހެންގައުމުތަކުން މިސާލު ނަގަން މިވަނީ ޖެހިފަ އެވެ.

"ނެޝަނަލިޒަމް ދިރުވުމަށް މަސައްކަތްކުރާ ގައުމުތަކުގައި މިސާލަކަށް މެލޭޝިއާގައި ވެއްޖެއްޔާ ޑިގްރީއެއް ހަދާ ކޮންމެ ދަރިވަރަކަށް މެލޭޝިއަން ސުޓަޑީޒް ނުވަތަ މެލޭޝިއާގެ ތާރީހު ނުވަތަ މެލޭޝިއާގެ ޑިވެލޮޕްމެންޓްސް، މެލޭޝިއާގެ އެކިކަންކަމާއި ގުޅޭ ގޮތުން މާއްދާއެއް ނިންމާފައި އެކުދިން ނުކުމެގެން އަންނާނީ. އެހެންކަމުން އަޅުގަނޑުމެން ވެސް އެކަހަލަ ވިސްނުމަކަށް އެބަޖެހޭކަށްނޭނގެ ދާން. އަޅުގަނޑުމެންގެ ތެރެއިން ޑިގްރީއެއް ހަދައިގެން ކުއްޖަކު ޔުނިވާސިޓީއަކުން ނުކުންނައިރު ދިވެހި ރާއްޖޭގެ ދިވެހިއްޔަތު ނުވަތަ ދިވެހިވަންތަކަން އެއީ ކޮންކަމެއްކަން އަޅުގަނޑުމެންނަށް އިނގޭވަރަށް،" ފަވާޒު ވިދާޅުވި އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން މިނިވަންކަމުގެ އަގު ވަޒަން ކުރުމާއި ގައުމަށް ހިދުމަތް ކުރުމުގެ ރޫހު އާލާކުރުމަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.

"އެންމެ ބޮޑަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ މިމިނިވަންކަމުގެ އަގު އަޅުގަނޑުމެން ވަޒަންކޮށް މިކަން އަޅުގަނޑުމެން ގަބޫލްކުރުން. މިއަދު އަޅުގަނޑުމެން މިނިވަންކަންމަތީ މިއުޅެނީ މިއީ މިނިވަން ގައުމެއްވީމާ. އަޅުގަނޑުމެންގެ ގިނަ ޒުވާނުންނަކީ މިނިވަންކަން ނެތް ޒަމާނެއްގައި އެހިތި ރަހައެއް ވެސް ގޮތަކަށް ނުދެކި ތިބިބައެއް. ފަރުދީ ގޮތުން ގައުމަށް ހިދުމަތް ކުރުމަށް ކޮންމެ ކަމެއް ކުރުމަކީ ވެސް މިނިވަންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއް،" ޝިފާން ވިދާޅުވި އެވެ.

ކޮންމެ ދިވެއްސަކު ވެސް ހަނދާން ކުރަން ޖެހޭ ހަގީގަތަކީ މިރާއްޖެ މިނިވަންކަމަތީ މިހާހާހިސާބަށް އައިސްފައި ވަނީ އަގުހުރި ދިވެހި ދަރިންތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެފަރާތްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ވެސް މިމިނިވަންކަން ދަމަހައްޓަން ފަރުދީ ފެންވަރުގައި ވެސް މަސައްކަތް ކުރަންޖެހެ އެވެ. އެފަރާތްތަކުގެ އެދުމަކީވެސް އެއީ އެވެ.

"ދުއާ އަކީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މިނިވަންކަން ދެމިއޮތުން. މިނިވަންކަން ރާއްޖެއަށް ލިބިފައި މި އޮތީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން. ޒުވާނުންނަށް ބުނެލަން އޮތީ ރާއްޖޭގެ މިނިވަން ކަމަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާށޭ. ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ކަހަލަ ގެއްލުމެއް އަންނާނެ ކަމެއް ނުކުރާށޭ. ކުރެވުނު މަސައްކަތްތަކާއި ހޯދިފައި ހުރި މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް އަޅުގަނޑުމެން ދިވެހި ރައްޔިތަކު ކޮށްގެން ނުވާނޭ، ނުކުރާށޭ." އަބްދުއް ސައްތާރު ވިދާޅުވެފައިވެ އެވެ.

މިނިވަން ދުވަސް މިނިވަން ގައުމެއްގެ ގޮތުގައި ފާހަގަ ކުރަމުންދާއިރު މި މިނިވަންކަން ދަމަހައްޓަން އެތައް މަސައްކަތެއް ކުރަން މިވަނީ މަޖުބޫރުވެފަ އެވެ. އެހެންކަމުން އެކަންކަމުގައި ހައްގުގައި މަސައްކަތް ކުރަންޖެހެ އެވެ. ޒުވާން ޖީލްގެ ހިތްތަކުގައި ގައުމީ ލޯބި އާލާ ކުރަންޖެހެ އެވެ.

comment ކޮމެންޓް