މާމާ އަދި ޕާޕާ، ވިލުރީފަށް 30 ވަނަ ޒިޔާރަތް!

ވިލުރީފަށް 30 ވަނަ ފަހަރަށް ޒިޔާރަތްކުރާ ޖަރުމަނުގެ ދެމަފިރިން ހާންސް ގާޑް އަދި ބެރބެލް ރިކްޓަރ، ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ގޭޓުން ނުކުމެގެން އައި ދޮށީ ދެމަފިރިންނެވެ. ލައިގެން ތިބީ ވަރަށް ޚާއްސަ ޓީޝާޓުތަކެކެވެ. އެ ދެމަފިރިންނަށް ކިޔަން ތައްޔާރުވެފައި އޮތް މަރުހަބާ ފެނުމާ އެކު، އަންހެން މީހާ އުފަލުން ފުންމަން ފެށިއެވެ. މަރުހަބާ ކިޔަން އައިސް ތިބި އެންމެންގެ ގައިގައި ބައްދާލައި ހެދިއެވެ.

މިއީ ޖަރުމަނުގެ ދެމަފިރިން، ހާންސް ގާޑް ރިކްޓަރ އާއި އޭނާގެ އަންހެނުން ބެރބެލް ރިކްޓަރ ރާއްޖެއަށް ކުރި 37 ވަނަ ޒިޔާރަތެވެ. މި ދެމަފިރިން ރާއްޖެއަށް ކުރި ޒިޔާރަތުގެ ތެރެއިން 2002 ވަނަ އަހަރު ދިޔައީ ވިލުރީފަށެވެ. އެ ޒިޔާރަތުގައި ދެމަފިރިންގެ ހިތް ވިލުރީފަށް ހިބަކޮށް ދިނެވެ. އޭގެ ފަހުން ރާއްޖެއަށް އަންނަ ކޮންމެ ފަހަރަކު ދަނީ ވިލުރީފަށެވެ.

މިހާރު ހާންސްއާއި ބެރބެލްއަކީ ވިލުރީފްގެ އާއިލާގެ ދެ މެމްބަރުންނެވެ. ސަން އަކުއާ ވިލުރީފް ރިސޯޓުގެ މަންމަ އަދި ބައްޕައެވެ. މާމާއާއި ޕާޕާއެވެ. ރާއްޖެ އައިއިރު ދެމަފިރިން ލައިގެން ތިބި ޓީޝާޓަކީ ސަން އަކުއާ ވިލު ރީފްގެ ޓީޝާޓެވެ. އޭގައިވެސް ދެމަފިރިންގެ ނަން، މާމާ އަދި ޕާޕާ ޖަހާފައި ހުއްޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާމާ އަދި ޕާޕާއަށް މަރުހަބާ ކިއީ ސަން ސިޔާމް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރ ޒުލޭޚާ މަނިކާއި، ސަން އަކުއާ ވިލުރީފް ރިސޯޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ އާއި ސަން ޓްރެވަލްސްގެ މުވައްޒަފުންނެވެ.

ވިލުރީފަށް 30 ވަނަ ފަހަރަށް ޒިޔާރަތްކުރާ ޖަރުމަނުގެ ދެމަފިރިން ހާންސް ގާޑް އަދި ބެރބެލް ރިކްޓަރ، ސަން ސިޔާމް ރިސޯޓްސްގެ މުވައްޒަފުންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސަން އަކުއާ ވިލުރީފްގެ މާމާ އަދި ޕާޕާއަކީ ހަގީގަތުގައިވެސް އެ ރިސޯޓުގެ އާއިލާގެ ދެ މެމްބަރުންނެވެ. އެތަނުގެ މުވައްޒަފުން އެދެމަފިރިން ވަރަށް ރަނގަޅަށް ދަނެއެވެ. އަދި ދެމަފިރިންވެސް މުވައްޒަފުން ރަނގަޅަށް ދަނެއެވެ.

"ސަން"އާ ވާހަކަ ދައްކަމުން، ވިލުރީފްގެ މާމާ ބެރބެލް ބުނީ، ރާއްޖެ އައުމުން އިހުސާސްވަނީ ޗުއްޓީއަކަށް ވުރެ ބޮޑަށް، އަމިއްލަ ގެދޮރަށް އާދެވޭހެން ކަމަށެވެ.

"މި ކުދިން މިއީ އަހަރެމެންގެ ދަރީން. އަހަރެމެންގެ ދަރީން ކޮންމެ ފަހަރަކުވެސް ކޮންމެވެސް ޚާއްސަ ސަޕްރައިޒެއް ދޭ. އެކަމަކު އަހަރެމެން ދުވަހަކުވެސް ހީނުކުރަން އެއާޕޯޓުގައި މިފަދަ މަރުހަބާއެއް ކިޔާފާނެ ކަމަށް، މިއީ ވަރަށް ޚާއްސަކަމެއް. އަހަރެމެން މިތިބީ ވަރަށް އުފަލުން،" އޭނާ ބުންޏެވެ.

އޭނާ ބުނީ، އެދެމަފިރިން ވިލުރީފް ޚިޔާރުކުރަނީ އެތަނަކީ ދިވެހި ސަގާފަތާއި ލަގްޒަރީގެގެ އެންމެ ރަނގަޅު ބެލެންސް ކަމަށްވާތީ ކަމަށެވެ.

"2002 ވަނަ އަހަރު މިތަނަށް ވިލުރީފަށް ފުރަތަމަ އައީ. އެރަށް ދެކެ އަހަރެމެންނަށް ހަމަ އެވަގުތު ލޯބި ވެވުނު. އަދި އެތަނުގެ ސްޓާފުންނާ ވަރަށް ގާތްވެސް ވި. އެތަނުގެ އެންމެ ކަމުދާ ސިފައަކީ، އެއީ ދިވެހި ސަގާފަތާއި ލަގްޒަރީގެ ވަރަށް ރަނގަޅު ބެލެންސަކަށް ވާތީ،"

"ސަން"އަށް ދިން އިންޓަވިއު ނިންމާލުމުގެ ކުރިން، ވިލުރީފަށް 20 ދުވަހުގެ ޗުއްޓީއަކަށް އައި ދެމަފިރިން، ކުޑަ ސިއްރެއްވެސް ހިއްސާ ކޮށްލިއެވެ.

"މި އައީ 20 ދުވަހަށް. އެކަމަކު އަނެއްކާވެސް ރާއްޖެ އައުމުގެ ކަށަވަރުކަމެއް ނުދީ އަހަރެމެންގެ ދެވަނަ ގައުމު، ޖަރުމަނަށް އަނބުރާ ދިއުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެންވެ އަހަރެމެން މިއަހަރުގެ ޑިސެމްބަރު މަހުވެސް އެނބުރި ރާއްޖެ އައުމަށް ބުކިންގް ހަދާނަން،" އެ ދެމަފިރިން، ވަރަށް އުފަލުން ތިބެ ބުންޏެވެ.

comment ކޮމެންޓް