އުރުދުންގައި ހުންނަ އިސްރާއީލް އެމްބަސީގެ މުވައްޒަފުން އަނބުރާ ގައުމަށް

އިސްރާއީލުގެ ބޮޑުވަޒީރު ވަނީ އެމްބަސީއަށް ދިން ހަަމަލާގައި އަނިޔާވި ގާޑާ ވާހަކަ ދައްކަވާފަ -- ފޮޓޯ: އީޕީއޭ

އައްމާން (ޖުލައި 25): އުރުދުންގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ ގާޑަކަށް އުރުދުންގެ މީހަކު ހަމަލާ ދިނުމާ ގުޅިގެން އެއެމްބަސީގެ މުވައްޒަފުން އަނބުރާ ގައުމަށް ގޮސްފި އެވެ.

އެހާދިސާގައި އަނިޔާވި އިސްރާއީލްގެ ސެކިއުރިޓީ ގާޑު ބުނި ގޮތުގައި އޭނާއަށް މީހަކު ހަމަލާ ދިނީ އިސްކުރު އަނބުރާ ކަށިގަނޑަކުންނެވެ. އެ ސެކިއުރިޓީ ގާޑު ވަނީ އޭނާއަށް ހަމަލާ ދިން މީހާގެ ގަޔަށް ބަޑި ޖަހާ މަރާލައިފަ އެވެ. އެ ހާދިސާގައި އުރުދުންގެ އިތުރު މީހަކު ވެސް މަރުވި އެވެ.

އިސްރާއީލުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ހުރިހާ ޑިޕްލޮމެޓުން ވަނީ ސަލާމަތްކަމާ އެކު ގައުމަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އަނިޔާވި ސެކިއުރިޓީ ގާޑު ވެސް ހިމެނެ އެވެ.

އުރުދުންގެ ފުލުހުން ވަނީ އެ ހާދިސާ ތަހުގީގު ކުރުމުގެ ގޮތުން ގާޑާ ސުވާލު ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އިސްރާއީލުން ވަނީ އެގާޑަކީ ޑިޕްލޮމެޓެއް ކަމުން، 1961ގައި ސޮއި ކުރި ވިއެނާ ކޮންވެންޝަންގެ ދަށުން އޭނާ ހައްޔަރުކޮށް، ތަހުގީގު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ސެކިއުރިޓީ ގާޑުގެ އިތުރުން އުރުދުންގައި ހުންނަވާ އިސްރާއީލުގެ ސަފީރާ ވެސް ވާހަކަ ދައްކަވައި، ހާދިސާ ހިނގި ވަގުތު އަމަލު ކުރި ގޮތަށް މަރުހަބާ ވިދާޅުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް