އިދިކޮޅު ފަރާތްތަކުން އިއްޔެ ހިންގީ ޖަރީމާއެއް، އެ އަމަލު ތަހުގީގުކުރަން ޖެހޭ: ޕީޕީއެމް

ސަފު ފޫއަޅުވާލުމަށް ފަހު މެމްބަރުން މަޖިލީހުގެ ތެރެއަށް ވަންނަނީ-- ސަން ފައިލް ފޮޓޯ؛ ހުސެއިން ހަސަން

ގާނޫނީ ވެރިކަމާ ތޮޅެ، ގައުމު ހަލަބޮލިކޮށް، ފުލުހުންނާއި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން އިއްޔެ ހިންގީ "ޖަރީމާ"އެއް ކަމަށާއި އެކަން ތަހުގީގު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނިކުމެ ސިފައިންނާއި ފުލުހުންގެ ގާނޫނީ ވާޖިބުތަކަށް ހުރަސް އަޅައި މާލޭގައި ދިރުއުޅޭ އެތަކެއް ރައްޔިތުންތަކަކަށް އުނދަގޫތަކާއި ކުރިމަތި ކުރުވާފައިވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އިދާރާއަށް ފާރުމަތިންނާއި ގޭޓް ހަލާކޮށްލައިގެން އިދިކޮޅު ފަރާތްތަކުން ވަދެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުގެ ބަޔާނުގައި ބުނީ ރާއްޖޭގެ ރައްޔިތުންނަށް އެކި ރޮނގުރޮނގުން ކުރިއެރުން ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ސަރުކާރާ ދެކޮޅު ބަޔަކު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ސަރުކާރާ ދެކޮޅުވެރި ބަޔަކު ސިފައިންނާއި ފުލުހުންގެ ގާނޫނީ ވާޖިބަށް އިއްޔެ ހުރަސްއަޅައި ރައްޔިތުންނަށް ދަތި އުނދަގޫތައް ކުރުމަތި ކުރުވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކަރާމާތަށް އަރައިގެންފައިވާ ކަމަށެވެ.

"ގާނޫނު އަސާސީގެ 105 ވަނަ މާއްދާއިން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ވިޔަސް، މަޖިލީހުގައި އެވަގުތު ތިއްބެވި، ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް އިހުތިރާމެއް އަދި ބެލުމެއް ނެތި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް އާންމު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ވަދެފައި ވަނީ ވަރަށް އަނިޔާވެރިކޮށް." ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމް އިން ބުނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އެންމެ މަތީ މަަސްލަހަތާއި ކަރާމާތް އެކުލެވޭ ދައުލަތުގެ މުއައްސަސާއެއް ކަމަށާއި ރައްޔިތުންގެ މަޖިލީސް "ހިސޯރު ކުރުމަށް ވަތްފަރާތްތަކުގެ ވަކިތަކުން" އެތަން ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން އަދާކުރީ ލާމަސީލު މަސައްކަތެއް ކަމަށެވެ.

comment ކޮމެންޓް