އަމަން ގެއްލޭ ގޮތަށް ބްރޯޑްކާސްޓް ކުރާ ނަމަ ލައިސަންސް ސަސްޕެންޑް ކުރެވޭނެ: ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފައިލް ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގެ އަމަން އަމާންކަން ގެއްލޭ ގޮތަށް މަންޒަރާއި އަޑު ބްރޯޑްކާސްޓް ކުރަމުންދާ ނަމަ ބްރޯޑްކާސްޓަރުންނަށް ދީފައިވާ ލައިސަންސް ސަސްޕެންޑް ކުރާނެ ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރަކު 'ސަން' އަށް ވިދާޅުވީ އިއްޔެގެ މުޒާހަރާއާ ގުޅިގެން ވެސް ބައެއް މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

ނަމަވެސް ހުށަހެޅިފައި ވަނީ ކިތައް މައްސަލަ ކަމެއް ސާފެއް ނުވެ އެވެ. އަދި ކޮން ޓީވީ ސްޓޭޝަންތަކެއްގެ މައްސަލަ ކަމެއް ވެސް އެ މެމްބަރު ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ބްރޯޑް ކާސްޓިންގް މިންގަނޑާ ހިލާފަށް ބްރޯޑްކާސްޓް ކުރާ ނަމަ ލައިސަންސް ސަސްޕެންޑް ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

"ވަކި ސްޓޭޝަކަށް ވަކި އަދަބެއްދޭ ގޮތަށް ނުވަތަ ތަފާތު ކުރުމުގެ އުސޫލެއް ނުގެންގުޅެން. ހަމަ ކޮންމެ ބްރޯޑް ކާސްޓަރަކު ވެސް އެފަދަ މަންޒަރެއް ބްރޯޑްކާސްޓްކޮށްފި ނަމަ މައްސަލަ ބަލައި ފިޔަވަޅު އެޅޭނެ،" އެ މެމްބަރު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރަކު އެހެން ވިދާޅުވެފައިވާ އިރު އިއްޔެގެ މުޒާހަރާގެ ކުރިން އެ ކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނަށް އިންޒާރު ދީފަ އެވެ.

އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ބާއްވާ އެއްވުންތައް ޓީވީތަކުން ލައިވްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް