އަސްކަރިއްޔާ އިން މަޖިލީސް ހިސޯރު ނުކުރާ ކަމަށް ސަރުކާރުން ބުނެފި

ފުލުހުންގެ ސަފު ފޫއަޅުވާލުމަށް ފަހު މެމްބަރުން މަޖިލީހުގެ ތެރެއަށް ގަދަކަމުން ވަންނަނީ-- ސަން ފައިލް ފޮޓޯ؛ ހުސެއިން ހަސަން

ރާއްޖޭގެ އަސްކަރިއްޔާ އިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ޚަބަރުތަކަކީ އޮޅުވާލުމެއް ކަމަށާއި އަދި އެވާހަކަތައް ދިވެހި ސަރުކާރުން އިންކާރުކުރާ ކަމަށް ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގައި އިއްޔެ ހިނގައި ދިޔަ ކަންތައްތަކާ ބެހޭ ގޮތުން މީޑިއާ އިން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ ނޫސް ބަޔާނެއް ނެރެފައިވާ ކަމަށާއި އިއްޔެ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ވޯޓެއް ނެގުމަށް އެޖެންޑާކޮށްފައި ނުވާ ކަމަށާއި އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައި ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި، ކުރިއަށް އޮތް ރާއްޖޭގެ މިނިވަން ދުސް ފާހަގަކުރުމުގެ ހަރަކާތްތަކާއި ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން މާލެ ތެރޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވުމާ އެކު، 23 ޖުލައި 2017 އިން ފެށިގެން 31 ޖުލައި 2017 އާ ހަމައަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއް ވެސް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 23 ޖުލައި 2017ގައި ދަންނަވާފައިވާ ކަމުގައި ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ގާނޫނު އަސާސީ އާއި ގާނޫނުތަކާއި މަޖިލީހުގެ ގަވައިދާ ޚިލާފަށް 24 ޖުލައި 2017ގައި މަޖިލީހުގައި ކަންތައްތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ގޮވާލައި، އެކަމަށް މަސައްކަތްކޮށްފައިވާކަން، ރައްޔިތުންގެ މަޖިލީހުގެ ނޫސް ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ. "އެހެންކަމުން، 24 ޖުލައި 2017ގައި ޣައިރު ގާނޫނީ އެއްވެސް ކަމެއް، ނުވަތަ މަޖިލީހުގެ ގެއާއި ގޯތި ތެރޭގައި ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށް ޓަކައި ސަލާމަތީ ގޮތުން އަޅުއްވައްން ޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެމްއެންޑީއެފްގައި އެދިވަޑައިގެންފައިވާނެ."

ަރައީސް އޮފީހުން ބުނީ ރައްޔިތުންގެ މަޖިލިސްކުރާގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފް އިން އިއްޔެ އެޅި ފިޔަވަޅުތަކަޖީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާ އިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައި ވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށް ޓަކައި އެމްއެންޑީއެފް އިން އެޅި ހާއްސަ ފިޔަވަޅުތަކެއް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ސަރުކާރުން އަހަންމިއްޔަތު ދޭނެ ކަމަށެވެ. އަދި ޚަބަރު ފެތުރުމުގައި ޒިންމާދާރުކަމާ އެކު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށާއި އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް، ހުރިހާ މީޑިއާއަކަށް ސަރުކާރުން އިލްމާސް ކުރާ ކަމަށެވެ.

comment ކޮމެންޓް