ކުރީގެ ރައީސުންނަށް ހިމާޔަތްދެނީ ގައުމު ހަލަބޮލި ކުރާކަށް ނޫން: އަޒްލީން

ހޯމް މިނިސްޓަރު އަޒްލީން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަމަކީ، ގައުމު ހަލަބޮލި ކުރުމަށްދޭ ހިމާޔަތާއި ރައްކާތެރިކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަމަވުން މިނިސްޓަރު ވިދާޅުވީ، ރައީސްކަން ކޮށްފައިވާ ބޭފުޅުންނަކީ، ގައުމަށް ހެވާ ލާބަ އެދި ގައުމަށް ހެޔޮ ވިސްނުމާއި މަގުދައްކައިދޭން ތިބެންޖެހޭ ބައެއް ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުން ސިޔާސީ އެކްޓިވިސްޓުންނެކޭ އެއްފަދައިން އުޅުއްވާތީ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ، ކުރީގެ ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް ކަމެއް ކޮށްދިނުމުގެ ގާބިލު ކަމެއް ނެތް އަދި އެކަމުގެ އެއްވެސް ސިފައެއް ނެތްކަމަށް ވިދާޅުވެ ޓީވީގައި ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ.

އެހެން ނަމަވެސް މިއަދު ފެނިގެންދަނީ، މައުމޫނުވެސް ނަޝީދުގެ ފަހަތްޕުޅުގައި އެހެން ބޭފުޅުންނެކޭ އެއްފަދައިން ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިވަޑައިގެންފައިވާ މަންޒަރު ކަމަށެވެ. އަދި މައުމޫން ކުރައްވަމުން ގެންދަވަނީ އެއްގޮތަކަށްވެސް ގައުމަށް ފައިދާ ހުރި ކަމެއް ނޫން ކަމަށް އަޒްލީން ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ސަރަހައްދުގެ ތެރޭގައި އުޅުއްވާ ރައީސުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ހިމާޔަތާ ރައްކާތެރިކަން ދޭނެ ކަމަށެވެ. އެހެން ނަމަވެސް ގާނޫނާ ޚިލާފުކަންކަން ކުރާނަމަ އެއްވެސް ފަރާތަކަށް އެ ހިދުމަތް ފޯރުކޮށް ނުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އެއްވެ އުޅުމަށް ފުލުހުންވެސް އަދި ސަރުކާރުންވެސް ހުރަސް ނާޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނުގައިވާ ގޮތަށް އެއްވެ އަޑުއުފުލުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުތަކުގައި ގާނޫނުގެ ތެރެއިން އެ ހައްގު ބޭނުން ކުރުމަށް ގޮވާލެއްވި އެވެ.

އަޒްލީން ވިދާޅުވީ، އިއްޔެ ހިނގައިދިޔަ ކަންތައްތަކުގައި ފުލުހުންގެ ސަފުތައް ފަޅާލަައި ބެރިކޭޑް ފަޅާލި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއީ މަޖިލިސް މެމްބަރުން ކަމުގައިވީނަމަވެސް ގާނޫނާ އެއްގޮތަށް އެ މެމްބަރަކާ މެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް