ލޯޔަރު ވައްޑެ ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ): އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރު ކުރިކަން ފުލުހުންގެ ތަރުޖަމާން، ސްޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވެސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ހައްޔަރު ކުރަން ކޯޓުން ނެރުނު އަމުރުގެ ކޮޕީއެއް ސަންއަށް ވަނީ ލިބިފަ އެވެ.

އެ އަމުރުގައި ބުނެފައިވާ ގޮތުން ވައްޑެ ހައްޔަރު ކުރީ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަތް މައްސަލާގައި ކަމަށާއި އޭނާ ހައްޔަރު ނުކޮށް، ބަހައްޓައިފިނަމަ މުޖުތަމައުއަށް ނުރައްކާވެ، ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުން ވައްޑެއަކީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މީހެއް ކަމަށެވެ.

ފުލުހުންގެ ސަފު ފޫއަޅުވާލައި، މަޖިލީހަށް ވަތް މެމްބަރުންނާއެކު ލޯޔަރު ވައްޑެ ވެސް މިއަދު މަޖިލީހަށް ވަނެވެ. މަޖިލިސް މެމްބަރުން މަޖިލީހުގެ ގޯތިތެރެއިން ނެރުމަށް، ފުލުހުންނާއި ސިފައިން މިއަދު ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. ބާރުގެ ބޭނުންކޮށްގެން ވައްޑެ ވެސް މަޖިލީހުން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގެ އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮންގޮސް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދޫކޮށްލާފަ އެވެ.

އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލީހަށް ވަދެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު، އެޖެންޑާކުރާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ވަނީ އެ މައްސަލަ ބާތިލުވެފައިވާ ކަމަށާއި މިއަދު މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވާތީ، އެ ދާއިރާ މަޖިލީހުގައި ތަމްސީލު ކުރައްވާ ވައްޑެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ މިއަދު ބަލައިގެންފަ އެވެ.

comment ކޮމެންޓް