ސަލާމަތީ ބާރުތަކުން މަޖިލީހުގައި ހަރަކާތްތެރިވީ މަޖިލީހުން އެދިގެން: ބަޔާން

ޖުލައި 24، 2017: ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހަށް ވަތް މެމްބަރުން ރަޔަޓް ސިފައިން ބާރުގެ ބޭނުންކޮށްގެން މަޖިލީހުން ނެރެނީ--- ފޮޓޯ/ ޓުވިޓާ

ސަލާމަތީ ބާރުތަކުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ހަރަކާތްތެރިވަމުން ދިޔައީ މަޖިލީހުން އެދިގެން ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުން އެގޮތަށް ބުނެފައި ވަނީ މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާން ނެރުއްވި ބޭފުޅެއްގެ ނަމެއް، އަދި ތައްގަނޑެއް ވެސް އެ ބަޔާނަކު ނެތެވެ.

އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުހގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާއެއް އެއްވެސް އިރެއްގައި އެޖެންޑާކޮށްފައި ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލު ވެފައިވާކަން މެމްބަރުންނަށް އަންގާފައިވާނެ ކަމަށާއި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގައިކަން ވެސް މެމްބަރުންނަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހިންގާ، މ. ކުނޫޒުގައި އިދިކޮޅު މަޖިލިސް މެމްބަރުން މިއަދު ހެނދުނު ބޭއްވި ކުއްލި ބައްދަލުވުމަށްފަހު، އެތަނުން ނުކުމެގެން މެމްބަރުން ހިނގައިގަތުމާއެކު ފުލުހުން ހުރަސް އެޅިނަމަވެސް، އިރުކޮޅެއްގެ ތެރޭގައި ވަނީ ކުރިއަށް ދިއުމަށް ފުރުސަތު ދީފަ އެވެ. މަޖީދީމަގުން އިރަށްގޮސް، ގޯޅިތަކުންލާފައި މަޖިލީހަށް ދާން މެމްބަރުން އުޅުމުން، ފުލުހުން އަނެއްކާވެސް ހުރަސް އެޅުމުން މެމްބަރުން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލީހުގެ އިދާރާއަށް ވަދެގެންފަ އެވެ.

މަޖިލިސް މެމްބަރުން، މަޖިލީހަށް ވަންނަން އުޅުމުން ފުލުހުން އެކަމަށް ހުރަސް އަޅަނީ: ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މަޖިލީހުން އެދިގެން ކަމަށް އެ އިދާރާއިން ނެރުނު ބަޔާނުގައިވޭ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެކަމާ ގުޅޭ ގޮތުން ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް މިއަދު މަޖިލީހުގައި ކަންތައްތަކެއް ކުރުމަށް ގޮވާލައި ބަޔަކު މިއަދު މަސައްކަތް ކުރި ކަމަށެވެ. އެހެންކަމުން މަޖިލީހުގައި ޣައިރު ގާނޫނީ އެއްވެސް ކަމެއް އަދި މަޖިލީހުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ހިނގުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެމްއެންޑީއެފްގައި އެދިފައިވާނެ ކަމަށް މަޖިލީހުން ނެރުނު ބަޔާނުގައިވެ އެވެ.

ފުލުހުންގެ ސަފުތައް ފަޅާލައި، ބައެއް މަޖިލިސް މެމްބަރުން މަޖިލީހުގެ ފާރުމަތިން ގޯތިތެރެެއަށް ވަތް ކަމަށާއި މަޖިލިސް މެމްބަރުން ނޫން ބަޔަކު ވެސް މަޖިލީހަށް ވަތް ކަމަށެވެ.

އެފަދަ ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދިނުމަށް ސަލާމަތީ ހިދުމަތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ބަޔާނުގައި ކުރިން ވެސް މަޖިލީހުގެ ސަލާމަތީ ކަންތައްތައް ބަލަމުން ގެންދިޔައީ އެމްއެންޑީއެފުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެމްްއެންޑީއެފުން އެ ކަންތައްތައް ބަލަހައްޓަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް