ޑްރައިވަރުންނާ ނުލައި ދުއްވޭ ކާރު އިންޑިއާގައި ހުއްދައެއް ނުކުރާނެ: ސަރުކާރު

ކާރު ދުއްވާ ފަރާތްތަކުން ދަތުރުމަތީގައި މެސެޖްކުރުމާއި ފޮތްކިޔާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ވޮލްވޯއިން ވަނީ ސެލްފް-ޑްރައިވިން ކާރު އުފެއްދުމުގެ މަސައްކަތް ފަށާފައި -- ފޮޓޯ: ޕިންޓަރެސްޓް

"ޑްރައިވަރލެސް ކާރު" ނުވަތަ ޑްރައިވަރުންނާ ނުލައި ދުއްވާ ގޮތަށް ފަރުމާކޮށްފައިވާ ކާރުތައް އިންޑިއާގައި ހުއްދަ ނުކުރާނޭކަމަށް އެގައުމުގެ ޔޫނިއަން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ގެއްލޭފަދަ ޓެކްނޯލޮޖީތަކަށް އެގައުމުން މަރުހަބާ ނުކިޔާނޭ ކަމަށެވެ.

މިނިސްޓަރ އޮފް ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭ، ނިތީ ގަޅްކަރު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވަޒީފާނެތް ޒުވާނުންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި މިހާރުވެސް އަހަރެއްގެ މައްޗަށް، ތަމްރީނު ލިބިފައިވާ ގާތްގަނޑަކަށް 22,000 ޑްރައިވަރުން ވަޒީފާގެ ދަތިކަމާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ޑްރައިވަރުންނާ ނުލައި ދުއްވޭ ކާރާއި އެފަދަ އެހެނިހެން ޓެކްނޯލޮޖީގެ ސަބަބުން، ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އިތުރު ހިތްދަތިކަމެއް ގެނުވިޔަ ނުދިނުމަށް އެފަދަ ވަސީލަތްތަކަށް މަރުހަބާ ނުކިޔާނޭ ކަމަށް ނިތީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި މިހާރުވެސް ޑްރައިވަރލެސް ކާރު ޓެކްނޮލޮޖީ ޓެސްޓުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

comment ކޮމެންޓް