ހުޅުމާލޭގައި ބައިނަލްއަގްވާމީ ދެ ސްކޫލެއް އަޅަނީ

ހުޅުމާލޭގައި އެންމެ ފަހުން އެޅި ރެހެންދި ސްކޫލް: ބައިނަލްއަގްވާމީ ދެ ސްކޫލެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ދެ ފަރާތުން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް އެޗްޑީސީ އިން ބުނޭ ----

ބައިނަލްއަގްވާމީ ސްކޫލްތައް ހިންގާ ދެ މެނޭޖްމަންޓަކުން ހުޅުމާލޭގައި ބައިނަލްއަގްވާމީ ދެ ސްކޫލެއް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.

ސަންޓީވީ އިން ރޭ ގެނެސްދިން 50މިނެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސައިމަން ވިދާޅުވީ، ހުޅުމާލޭގައި ޕްރައިވެޓް ޕާޓްނާޝިޕް މޮޑިއުލްގެ ދަށުން ޕްރައިވެޓް އަދި ބައިނަލްއަގްވާމީ ބްރޭންޑުތަކުން ނުވަތަ އެފަދަ މެނޭޖްމަންޓުތަކުން ހިންގާ ސްކޫލްތައް މަދު ކަމަށެވެ.

ނަމަވެސް ބައިނަލްއަގްވާމީ ދެ މެނޭޖްމަންޓަކުން ހުޅުމާލޭގައި ބައިނަލްއަގްވާމީ ދެ ސްކޫލެއް ގާއިމް ކުރުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ސައިމަން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދެ ސްކޫލްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ފާހަގަކޮށްލަންޖެހޭ ބައިނަލްއަގްވާމީ މެނޭޖްމަންޓެއްގެ ދަށުން ހުޅުމާލޭގައި އަޅާ ދެ ސްކޫލަކީ އެބޭފުޅުން އަމިއްލައަށް ޑިވެލޮޕް ކުރުމަށްފަހު އިންޓަނޭޝަނަލް ސްޓޭންޑަޑުގައި އޮޕަރޭޓް ކުރައްވާ ގޮތަށް ހައްދަވާ ދެ ސްކޫލްކަން،" ސަން އަށް ދެއްވި އިންޓަވިއުއެއްގައި ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ފޭސް އެކެއްގައި ސްކޫލްތައް އަންނަން އޮތް ސަރަހައްދުތަކުގެ ތެރެއިން ސްކޫލްތައް ނައިސް އޮތް ސަރަހައްދުތަކަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ސަރުކާރުގެ ބައެއް ސްކޫލްތައް އަންނަމުންދާ ކަމަށެވެ.

ހުޅުމާލޭގައި މިހާރު ހަތަރު ސްކޫލް ހިންގަމުންދެއެވެ. އެއީ ސަރުކާރުން ހިންގާ ދެ ސްކޫލަކާއި އިންޓަނޭޝަނަލް ސްކޫލެއްގެ އިތުރުން އަމިއްލަ ފަރާތަކުން ހިންގާ ޕްރީ ސްކޫލެކެވެ. އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވެސް ހުޅުމާލޭގައި ސްކޫލު އިމާރާތެއް ކޮށްފައިވެއެވެ.

އަދި އަމީން ކޮންސްޓުރަކްޝަންއާ ހަވާލުކޮށްގެން 1700 އެއްހާ ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ސްކޫލާއި އަމިއްލަ ފަރާތަކުން އަޅާ ސްކޫލެއްގެ މަސައްކަތް ހުޅުމާލޭގައި މިހާރު ދަނީ ކުރިއަށެވެ.

comment ކޮމެންޓް