ޕޮލެންޑުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިދޭ ބިލު ރައީސް ވީޓޯކުރައްވަނީ

ޕޮލެންޑުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިދޭ ބިލުތައް ވީޓޯ ކުރުމަށް ގޮވާލައި މުޒާހަރާ ކުރަނީ -- ފޮޓޯ: ރޮއިޓާސް

ވާސޯ (ޖުލައި 24): ޕޮލެންޑުގެ ސަރުކާރުން އެގައުމުގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިދޭ ދެ ބިލު ވީޓޯ ކުރައްވާނެ ކަމަށް ރައީސް އާންޑްރޭ ޑޫޑާ ވިދާޅުވެއްޖެ އެވެ.

ޕޮލެންޑުގެ ޝަރުއީ ދާއިރާއަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ އެބިލުތައް ގާނޫނު ހަދާ މަޖިލީހުން ހޮނިހިރު ދުވަހު ފާސް ކުރުމާ ގުޅިގެން އެގައުމުގެ އެތައް ހާސް މީހުން ވަނީ ބިލުތައް ވީޓޯ ކުރުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ.

އެތިން ބިލުގައި ޝަރުއީ ދާއިރާއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

  • ޖަސްޓިސް މިނިސްޓަރު ހިޔާރު ކުރައްވާ ސުޕްރީމް ކޯޓު ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގެ އެހެން ހުރިހާ ފަނޑިޔާރުން މަގާމުން އިސްތިއުފާ ދެއްވުން
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރާ ނެޝަނަލް ޖުޑިޝަރީ ކައުންސިލަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ވެރިކަން ކުރާ ޕާޓީއަށް ދިނުން
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުން އައްޔަން ކުރުމާއި މަގާމުން ދުރު ކުރުމުގެ ބާރު ޖަސްޓިސް މިނިސްޓަރަށް ދިނުން ހިމެނެ އެވެ.

އޭގެ ތެރެއިން ރައީސް ޑޫޑާ ވަނީ ދަށު ކޯޓުތަކާ ބެހޭ ބިލު ތަސްދީގު ކުރައްވާފައެވެ. ނަމަވެސް ދެން އޮތް ދެ ބިލުގެ ސަބަބުން ހަރުކަށި ވެރިކަމުގެ ނިޒާމެއް އުފެދިދާނެތީ އާއި މުޖުތަމައުގައި ބައިބައިވުން އުފެދޭނެ ކަމަށް ބެލެވޭތީ އެ ދެ ބިލު ވީޓޯ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑޫޑާގެ ނިންމެމުވާ ގުޅިގެން ގައުމުގެ އިދިކޮޅު ފަރާތްތަކާއި ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ ރައީސަށް ތައުރީފުކޮށްފައެވެ. މީގެ ކުރިން ޕޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުން އެބިލުތައް ފާސް ކުރުމާ ގުޅިގެން އީޔޫން ވަނީ ބިލު ތަސްދީގުކޮށްފި ނަމަ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. (ބީބީސީ)

comment ކޮމެންޓް