ޓްރަމްޕްގެ ދަނބިދަރިކަލުން ރަޝިއާއާއެކު މަސައްކަތްކުރެއްވިކަަމަށް އިންކާރުކުރައްވައިފި

އެމެރިކާ ސަރުކާރުގެ ސީނިއާ އެޑްވައިޒާ ޖަރެޑް ކުޝްނާ --- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނާ، އެގައުމުގައި އެންމެފަހުން ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވަން ރަޝިއާ އާއެކު މަސައްކަތްކުރެއްވިކަމަށް އިންކާރައްވައިފިއެވެ.

އެގައުމުގެ ސެނެޓްގެ ތަޅުމަށް ކުޝްނާ ހާޒިރުވާން ހަމަޖެހިފައިވާއިރު އޭނާ ވަނީ ޓްރަމްޕް އާއިލާގެ އެއްވެސް ބޭފުޅަކު އަދި ޚުދު ކުޝްނާވެސް ރަޝިއާ އާއެކު އެފަދަ އެއްވެސް މަސައްކަތެއްގައި ބައިވެރިވެފައި ނުވާނެކަން ހާމަކުރައްވައިފައެވެ.

މީގެ އިތުރުން ކުޝްނާވަނީ ރަޝިއާގެ ފަރާތުން އޭނާގެ ވިޔަފާރިއަށް ފައިސާހޯދިކަމަށް ކުރާ ތުހުމަތުތަށް ވެސް އިންކާރުކުރައްވައިފައެވެ.

އެމެރިކާގެ އެފްބީއައި އިން ފެށި އެގައުމުގެ ރިޔާސީ އިންތިހާބުގައި ރަޝިޔާގެ ނުފޫޒުގެ އަތެއްވާކަމަށް ކުރެވުނު ތުހުމަތުގެ ތަހުގީގުގައި މިހާރު އެގައުމުގެ ސެނަޓުގެ އިތުރުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ ހާއްސަ ކައުންސިލެއްވަނީ ޝާމިލުވެފައެވެ.

ޖަރެޑް ކުޝްނާއަކީ ޓްރަމްޕް ސަރުކާރުގެ ސީނިއާ އެޑްވައިޒާ ކަމުގެ މަގާމު ފުރަމުން ގެންދާ ފަރާތެވެ. އަދި އެބޭފުޅާވަނީ ވަނީ ނިމިގެންދިޔަ އެންމެފަހުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ ކެމްޕެއިނުގެ ޑިޖިޓަލް ސްޓްރެޓެޖީގެ ކަންތައްތައް ބަލަހައްޓަވާފައެވެ.

comment ކޮމެންޓް